އޭއެފްސީ އޭޝިއަންކަޕް: އުޒްބެކިސްތާނު އަތުން ރާއްޖޭގެ ޒުވާން ޓީމު ތަފާތުބޮޑު ނަތީޖާއަކުން ބަލިވެއްޖެ

ރާއްޖޭގެ 20 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަޓީމު --- ފޮޓޯ/ އެފްއޭއެމް

އޭއެފްސީ އޭޝިއަން ކަޕް 20 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގައި މިރޭ އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވެއްޖެއެވެ.

ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަންކަޕް 20 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 0-7 ގެ ނަތީޖާއަކުންނެވެ. ޕްރިންސް މުހައްމަދު ބިން ފަހްދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އުޒްބެކިސްތާނުން ވަނީ ރާއްޖޭގެ ކޮޅަށް ހަ ލަނޑު ޖަހާފައެވެ. ހަތްވަނަ ލަނޑު ޖަހާފައިވަނީ ފަހު ހާފުގައެވެ.

މެޗުގައި އުޒްބެކިސްތާނަށް މުޒައްމަދް އަލީ އުސްމާނޯވް ހެޓްރިކް ހެދިއިރު، ރަހަމަތުﷲޔޭވް ވަނީ ދެ ލަނޑު ޖަހާފައެވެ.

މުބާރާތުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ނިކުންނާނީ ސައުދީ އަރަބިޔާ އާ ދެކޮޅަށެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ޓީމުތަކަކީ އުޒްބެކިސްތާނުގެ އިތުރުން ސައުދީ އަރަބިޔާ، ޗައިނާ އަދި މިޔަންމާއެވެ.

އޭއެފްސީ އޭޝިއަންކަޕް 20 އަހަރުން ދަށުގެ ކޮލިފައިން މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމުވަނީ 10 ދުވަސް ކުރިން ސައުދީއަށް ދަތުރުކޮށްފައެވެ. ސައުދީގައި ފަރިތަކުރުންތައް ކުރިއަށްގެންދިޔައިރު ރާއްޖޭގެ ޓީމުން ވަނީ ސައުދީ އަރަބިޔާގެ ޕްރޯ ލީގް ހަލީޖް އެފްސީގެ 20 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މިމެޗުން ރާއްޖޭގެ ޓީމު ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް