ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއިންގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުގައި ސައުދި އަރަބިއާ އަތުން ބަލިވެއްޖެއެވެ.
ސައުދީގެ ޕްރިންސް ސަޢުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފު ސައުދީން ނިންމާލީ ހަތަރު ގޯލުގެ ލީޑަކާއެކުއެވެ. އެގޮތުން މެޗުގެ ފުރަތަމަ ގޯލު ސައުދީން ޖަހައިފައިވަނީ 22 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ތޮލާލް އަބޫބަކުރު ހާޖީ ޖެހި ގޯލެކެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ސައުދީގެ ނަވާފް ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އޭގެ ފަހުން މެޗުގެ 36 އާއި 38 ވަނަ މިނިޓްގައި ސައުދީގެ ރާމިދު ސައީދު ޖެހި ދެ ގޯލާއެކު އެ ޓީމުން ވަނީ ފުރަތަަމަ ހާފު ނިންމާލާފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން 10 މިނެޓުގެ ތެރޭގައި ރާމިދު އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރިއެވެ. އަދި 63 ވަނަ މިނެޓުގައި ޖަތުހޫބް މިސްލަބް ވަނީ މެޗުގެ ހަވަނަ ގޯލު ޖަހައިފައެވެ.
އޭގެ މިނެޓެއް ފަހުން ސައުދީން އަނެއްކާ ވެސް ގޯލެއް ޖެހިއެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒިޔާދު ސާބިރު ޖެހި ގޯލެކެވެ.
މެޗުގެ 80 ވަނަ މިނެޓުގައި ފާރިސް ޔޫސުފް ސާލިމް މެޗުގެ އަށްވަނަ ގޯލު ޖެހިއިރު މެޗުގެ ފަހު ގޯލަކީ އަލް ޖަނާހީ ޖެހި ގޯލެކެވެ.
ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއިންގައި ރާއްޖެ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ކުވައިތު އަތުން ރާއްޖެ ބަލިވީ 0-6ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގައި ރާއްޖެ ކުޅޭނެ އެންމެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ އަންނަ އާދިއްތަ ދުވަހު މިޔަންމާއާ ދެކޮޅަށެވެ.