ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި އިންޑިއާ އަތުން ބަލިވެއްޖެއެވެ.
ސައުދީގެ ޕްރިންސް ސަޢުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 5-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ވަރަށް ކުރީކޮޅު އިންޑިއާއިން ވަނީ ގޯލުޖަހައި މެޗުގެ ލީޑުނަގައިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި އިންޑިއާއަށް އެ ގޯލު ޖަހައިފައިވަނީ އެ ޓީމުގެ ކެޕްޓަން ވަންލާލްޕެކާ ގުއިޓޭއެވެ.
މެޗުގެ ދެވަަނަ ގޯލު އިންޑިއާއިން ޖަހައިފައިވަނީ މެޗުގެ 25 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އިންޑިއާގެ ފަނާއި ޖެހި ގޯލެކެވެ.
އެ ނަތީޖާއައިން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި އަމަން ވަނީ އިންޑިއާގެ ތިން ވަނަ ގޯލު ޖަހައިފައެވެ. އަދި މެޗުގެ ހަތަރު ވަނަ ގޯލަކީ 67 ވަނަ މިނެޓުގައި ބޮބީ ސިންގް ޖެހި ގޯލެކެވެ. މެޗުގެ ފަހު ގޯލު ޖަހައިފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައި ބަދަލު ކުޅުން ތެރިއްގެ ގޮތުގައި ކުޅެން ނިކުތް ފީނިކްސް އޮއިނަމްއެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނެނީ ސައުދީއާއި، މިޔަންމާއާއި، އިންޑިއާގެ އިތުރުން ކުވައިތެވެ
ރޭގެ މެޗުގެ ނަތީޖާއާއެކު ރާއްޖެ ވަނީ ތާވަލުގެ ފުލަށް ވެއްޓިފައެވެ. ރާއްޖެ ތާވަލުގެ ފުލުގައި އޮތީ ކުޅުނު ދެ މެޗުން ބަލިވެގެންނެވެ. މެޗުން މޮޅުވި އިންޑިއާ ތާވަލުގެ ތިން ވަނައިގައި އޮތީ ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.
ތާވަލުގެ އެއްވަނައިގައި ކުވައިތު އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ލިބިގެންނެވެ. ދެވަނައިގައި ސައުދީ އޮތީ ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި މިޔަންމާ އޮތީ ކުޅުނު ދެ މެޗުން ބަލިވެ ފައިދާ ގޯލުގެ ތަފާތުންނެވެ.
ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއިންގެ ފުރަތަމަ މެޗުގައި ރާއްޖެ ކުޅެފައިވަނީ ކުވެއިތާ ދެކޮޅަށެވެ. ސައުދި އަރަބިއާގެ ޕްރިންސް ސަޢުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ.
އެ މުބާރާތުގެ ތިން ވަނަ މެޗުގައި މާދަމާ ރާއްޖެ ނިކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތަކުގެ ތެރޭގައި ހިމެނޭ ސައުދީއާ ދެކޮޅަށެވެ. އަދި ފަހު މެޗެއްގެ ގޮތުން އަންނަ އާދިއްތަ ދުވަހު މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅެން ވަނީ ހަމަޖެހިފައެވެ.