ސަތާރަ އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންއިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ކުވެއިތު އަތުން ބަލިވެއްޖެއެވެ.
ސައުދި އަރަބިއާގެ ޕްރިންސް ސަޢުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ 6-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ވަރަށް ކުރީކޮޅު ކުވައިތުން ވަނީ ގޯލުޖަހައި މެޗުގެ ލީޑުނަގައިފައެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ކުވައިތަށް އެ ގޯލު ޖަހައިފައިވަނީ ހުސައިން އައްވަދެވެ.
ފުރަތަމަ ހާފުގައި ކުވައިތުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކުގައެވެ. ކުވައިތުގެ ދެވަނަ ގޯލު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފާޑެލް އަލްޝައްރަފްއެވެ.
މެޗުގެ ދެވަނަ ހާފުގައި ކުވައިތުން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެހާފުގައި ވަނީ ހަތަރު ގޯލު ޖަހައިފައެވެ.
އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ސޫދު އަލްކަންޑާރީ ކުވައިތުގެ ތިން ވަނަ ގޯލު ޖެހިއިރު މެޗުގެ ހަތަރު ވަނަ ގޯލަކީ 69 ވަނަ މިނެޓުގައި ސޫދު އަލަންބާރީ ޖެހި ގޯލެކެވެ. އަދި މެޗުގެ ފަހު ދެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަލްހައްޖަލީއެވެ.
ކޮލިފައިންގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ރާއްޖެއާއެކު ދެން ހިމެނެނީ ސައުދީއާއި، މިޔަންމާއާއި، އިންޑިއާގެ އިތުރުން ކުވައިތެވެ.
ސަތާރަ އަހަރުން ދަށުގެ އޭފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ދެވަނަ މެޗުގައި މާދަމާ ރާއްޖެ ނިކުންނާނީ ސަރަހައްދީ ގަދަ ބާރު އިންޑިއާއާ ދެކޮޅަށެވެ. އަދި ތިން ވަނަ މެޗުގައި ބުދަ ދުވަހު ރާއްޖެ ނިކުންނާނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތަކުގެ ތެރޭގައި ހިމެނޭ ސައުދީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަންނަ މަހު ނުވައެއްގައި މިޔަންމާއާ ދެކޮޅަށް ރާއްޖެ ކުޅެން ވަނީ ހަމަޖެހިފައެވެ.