ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބޭ އާމްދަނީ ރާއްޖޭގެ އެތެރޭގައި ދައުރުވާނެ ގޮތެއް ހޯދުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ހުށަހަޅުއްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އެ ގަރާރުގައި ބުނީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ރާއްޖޭގެ މާލީ ނިޒާމު ތެރޭގައި ދައުރުވަމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ.
"ޓޫރިޒަމްގެ ޒަރީއާއިން ރާއްޖެއަށް ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކިން/ ފައިނޭންޝަނަލް ސިސްޓަމްގެ ތެރޭގައި ރޯލްވަމުން ދަނީ ވަރަށް ކުޑަ މިންވަރަކަށް،" ގަރާރުގައިވެއެވެ.
އެ ގަރާރު ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ ގިނަ ރިސޯޓުތަކަށް ލިބޭ ފައިސާ ރާއްޖޭގައި ރަޖިސްޓްރީވެ ހިންގަމުންދާ ބޭންކުތަކަށް ޖަމާކުރުމުގެ ބަދަލުގައި ބޭރުގެ ގިނަ ބޭންކުތަކަށް ޖަމާކުރަމުންދާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ޒަރިއްޔާއިން އެހެނިހެން ގޮތްގޮތުން ރާއްޖެއަށް ލިބޭ އާމްދަނީ ވެސް މީރާގައި ރަޖިސްޓަރީވެފައި ނެތް ބޭރުގެ ބޭންކުތަކަށް ޖަމާކުރަމުންދާ ކަން ފާހަގަކުރެވޭ ކަމަށް ގަރާރުގައި ވެއެވެ.
"ފަތުރުވެރިކަމަށް ބޭނުންވާ އެކި ސާމާނު ގަތުމުގައި ރާއްޖޭގެ އުފެއްދުންތަކުގެ ބަދަލުގައި ބޭރުގެ އުފެއްދުންތައް ބޭނުން ކުރުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ރާއްޖޭގެ ސިސްޓަމްގެ ތެރޭގައި ދައުރުވުމުގެ ބަދަލުގައި ރާއްޖޭން ބޭރު ބޭންކުތަކުގައި ދަނީ ދައުރުވަމުން،" މޮސްޓާ ވިދާޅުވިއެވެ.
ގަރާރުގައި ބުނީ އެ ފައިސާ ރާއްޖޭގައި ދައުރުވާނެ ނިޒާމެއް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ފަހި ނުކުރެވިއްޖެނަމަ ދިވެހި ދައުލަތަށް ލިބެންޖެހޭ އެތަކެއް ފައިސާއެއް ގެއްލިގެން ދާނެ ކަމަށެވެ.
ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށް ވުމުން އެ ދާއިރާއިން ލިބޭ އާމްދަނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ބޭންކުތަކަށް ޖަމާކުރުމަކީ މުހިންމު ކަމެއް ކަމަށް މޮސްޓާ ވިދާޅުވިއެވެ.
ހަމައެއާއެކު ރިސޯޓުތަކުން ބޭނުންކުރާ ވަސީލަތްތައް ރާއްޖެއިން ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށް ވެސް ގަރާރުގައިވެއެވެ.