ގިނަ އަދަދަކަށް ފެހުރިހި އުޅޭ 'ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ' (ސަމްޕާ) ދާއިމީކޮށް ބަލަހައްޓާނެ ގިނަ ރޭންޖަރުންނާއި ވަސީލަތްތަކާ އެއްކޮށް އެ ސަރަހައްދު ހަރުދަނާ އުސޫލުތަކެއްގެ މަތީން ބެލެހެއްޓޭނެ ގޮތެއް ހަދައިދިނުމަށް މަޖިލީހުގައި މިއަދު އެދިއްޖެއެވެ.
ސަމްޕާ ބަލަހައްޓަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ. އެގޮތުން، އެންމެ އެކަށީގެންވާ ގޮތެއްގައި އެ ސަރަހައްދު މިހާރު ނުބެލެހެއްޓޭކަން ފާހަގަކޮށް މެމްބަރު ކުޑޫގެ ސިޓީގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެ ސަރަހައްދުގެ ހާލަތު 'ދުވަހުން ދުވަހަށް ' ގޯސްވަމުންދާ ކަމަށް ވިދާޅުވެ، ކުޑޫ ވަނީ މޯލްޑިވްސް ވޭލް ޝާކް ރިސާޗު ޕްރޮގްރާމުން ހަދާފައިވާ ދިރާސާތަކުން ފާހަގަވެފައިވާ ބައެއް ކަންތައްތައް ހިއްސާކުރައްވާފައެވެ. މިގޮތުން، އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ސަމްޕާގައި ފެހުރިހި ބަލަންދާ ފަތުރުވެރިން ތޮއްޖެހުން
- ފެހުރިއްސަށް ތަފާތު އެކި އަނިޔާވުން
- ސަފާރީތައް ރޭގަނޑޫ އެ ސަރަހައްދަށް ވަދެ، ދިއްލައިގެން އުޅެ، ފެހުރިހީގައި އަތްލައި، އަނިޔާކުރުން
- 2014ވަނަ އަހަރުން 2019ވަނަ އަހަރާ ދެމެދު ސަމްޕާއިން ފެހުރިހި ފެންނަ މިންވަރު 48 ޕަސެންޓުން 35 ޕަސެންޓަށް ދަށްވުން
- އުޅަނދުތައް ތޮއްޖެހުމުގެ ސަބަބުން އެތަން މޮނިޓާނުކުރެވި، ފެހިރިއްސަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވުން
- 2014 އިން 2019ވަނަ އަހަރާ ދެމެދު ފެނުނު ފެހުރިހީގެ ތެރެއިން 61 ޕަސެންޓު ފެހިރިއްސަށް ބޮޑު އަނިޔާއެއް ލިބިފައިވުން
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_1730868987390hyc.jpg)
މެންބަރު މުހައްމަދު އިބްރާހިމް: އޭނާ ވަނީ އެކަށީގެންވާ ގޮތެއްގައި ސަމްޕާ ބަލަހައްޓަން އަވަސް ފިޔަވަޅުތަކެއް އަޅަން އެދިވަޑައިގެންފައި -- ފޮޓޯ/ މަޖިލީސް
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިދިޔަ މަހުގެ 31ވަނަ ދުވަހުން ފެށިގެން ސަމްޕާ ބަލަހައްޓަން ހަރަކާތްތެރިވާން ފަށާފައިވީ ނަމަވެސް، އެ ސަރަހައްދު ބޮޑު ކަމުން ރަނގަޅަށް ބެލެހެއްޓޭނެކަން ޔަގީން ކުރަން ދަތިކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.
އެގޮތުން، މިވަގުތު އެ ސަރަހައްދަށް ބޭނުންވަނީ އެޑެޕްޓިވް މެނޭޖްމަންޓް ސްޓްރެޓެޖީއެއް ކަމަށާއި ސަމްޕާ ހިމާޔަތްކުރި ފަހުން އެއީ ފްރީ ރެއިޑް ސަރަހައްދަކަށް ވާތީ އެތަނަށްދާ ފަތުރުވެރިންގެ އަމަލުތައް ބަދަލުކުރަން ހަރުދަނާ ފިޔަވަޅުތަކެެއް އަޅަން ޖެހޭ ކަމަށް މެމްބަރު ކުޑޫ ގަބޫލުކުރައްވައެވެ.
މީގެ ބޭނުމަކީ އުޅަނދު ފަހަރުގެ އަދަދު މަދުކުރުމާއި މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމާއި ފެހުރިހި ބެލުމަށް ހަރަކާތްތެރިވާ ފަތުރުވެރިކަމުގައި އުޅޭ އޮޕަރޭޓަރުންނަށް އިގުތިޞާދީ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމާއި ދެމެހެއްޓެނިވި ފަތުރުވެރިކަން ކަށަވަރުކުރުމެވެ.ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
މިހާރު ކުރުން އެންމެ މުހިންމު ކަމެއް ގޮތުގައި މެމްބަރު ފާހަގަކުރެއްވީ، އެ ސަރަހައްދުގައި މެދުނުކެނޑި ރޭންޖަރުން މޮނިޓާކުރަން ތިބުމެވެ. އެތަނުގައި ދާއިމީކޮށް ރޭންޖަރުން ހަރަކާތްތެރިވެ، ޗެކު ކުރަން ފެށުމުން ޓޫރިސްޓު އޮޕަރޭޓަރުންނާއި ފަތުރުވެރިންގެ އަމަލުތައް ބަދަލުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސަމްޕާއަށް މިވަގުތު އެންމެ މުހިންމީ ދާއިމީކޮށް ސަމްޕާ ސަރަހައްދުގައި ހަރަކާތްތެރިވެވޭނެ ރޭންޖަރުންނާއި އެމީހުންނަށް ބޭނުންވާނެ ވަސީލަތެވެ. މިވަގުތު ހަތަރު ރޭންޖަރުން ސަޕްމާ ސަރަހައްދުގައި ހަރަކާތްތެރި ވިޔަސް މިއީ ސަމްޕާ ސަރަހައްދާ ބަލާއިރު، މާބޮޑަށް ވެސް މަދު އަދަދެކެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)
އެހެންވެ، މެންބަރު ކުޑޫ ވަނީ އެކަންތައް ކުރަން ފަރުވާކުޑަ ކުރެވިއްޖެނަމަ، އިއާދަކުނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ، ފަތުރުވެރިކަމާއި ތިމާވެއްތާ ބެހޭ ވުޒާރާއާއި އީޕީއޭގެ އިސްވެރީން މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ ހާޒިރުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅޭނެ ގޮތް ހަދައިދިނުމަށް އެދިވަޑައިގެންފައެވެ.