ޓެލްއަވީވު (6 ސެޕްޓެމްބަރު 2022) : އަލްޖަޒީރާގެ މަޝްހޫރު ނޫސްވެރިޔާ، ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޝީރީން އަބޫ އާގިލާ މަރާލިކަމަށް އިސްރާއީލު އެންމެފަހުން އެއްބަސްވެއްޖެއެވެ.
އިސްރާއީލުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާގޮތުން ޝީރީންގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލީ އިސްރާއީލު ސިފައިންގެ މީހެކެވެ. މިޖަރީމާ ހިންގި މައްސަލާގައި އިސްރާއީލު ސިފައިންގެ މީހާގެ މައްޗަށް ޝަރީއަތް ހިންގާނެކަން ނުވަތަ ނޫންކަން ވެސް އަދި ޝީރީންގެ އާއިލާއަަށް ބަދަލު ދޭނެކަން ވެސް އިސްރާއީލުގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
ޝީރީންގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލީ އިސްރާއީލުގެ ސިފައިން ކަމަށް އަލްޖަޒީރާއިން އެންމެ ކުރިން ވެސް ބުނެފައިވެއެވެ. އަދި ފަލަސްތީނުގެ ސަރުކާރުން ވެސް މިގޮތަށް ބުނެ މިޖަރީމާ ހިންގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ޝިރީންއަށް އިންސާފު ހޯދައިދިނުމަށް އިސްރާއީލަށް ގޮވާލަމުން ގެންދިޔައެވެ.
ނަމަވެސް އިސްރާއީލު ގެންދިޔައީ ތަކުރާރުކޮށް މިކަމަށް އިންކާރު ކުރަމުން މިކަމާ ބެހޭ ތަހުގީގުތަކަށް ހުރަސް އަޅަމުންނެވެ. މި މައްސަލާގައި އެމެރިކާ ގެންދިޔައީ އިސްރާއީލުގެ އަނިޔާވެރިކަން ދިފާއު ކުރަމުންނެވެ. އިސްރާއީލަށް އެއްވެސް ފިއްތުމެއް ކުރިމަތިކުރަން އެމެރިކާ ގެންދިޔައީ ދެކޮޅު ހަދަމުންނެވެ.
ނަމަވެސް ޝީރީންއަކީ އެމެރިކާގެ ރައްޔިތުކަން ވެސް އޮންނަ މީހަކަށް ވާތީ އޭނާ މަރުވިގޮތް ބަލައި އެކަން ތަހުގީގު ކުރަން އެމެރިކާއަށް ގާނޫނީގޮތުން މަޖްބޫރު ވެގެން އެކަން އެމެރިކާ ކުރިއެވެ. އެމެރިކާގެ ތަހުގީގުން ވެސް ހާމަވެފައިވާގޮތުގައި ޝީރީން މަރުވީ އިސްރާއީލުގެ ސިފައިންގެ މީހަކު ދިން ހަމަލާއެއްގައެވެ.
މިގޮތަށް ބުނަން އެމެރިކާއަށް މަޖުބޫރުވީ ޝީރީން މަރާލުމަށް ބޭނުންކުރި ވަޒަން ބަލައި އެއީ އެމެރިކާއިން އިސްރާއީލަށް ދިން ވަޒަނެއްކަން ކަށަވަރު ވުމުންނެވެ. މިބާވަތުގެ ވަޒަނެއް ފަލަސްތީނުގެ ޖަމާއަތެއްގެ މުޖާހިދަކަށް ނުލިބޭނެތީއެވެ.
އެމެރިކާގެ އިތުރުން ފަލަސްތީނާ އަދި އދ. ގެ އިންސާނީ ހައްގުތަކާބެހޭ އިދާރާއިން ހިންގި ތަހުގީގުތަކުން ވެސް ހާމަވެފައިވާ ގޮތުގައި ޝީރީން މަރާލީ އިސްރާއީލުންނެވެ. މިއާއެކުވެސް އެމެރިކާ ގެންދިޔައީ އިސްރާއީލުގެ އަނިޔާވެރިކަން ދިފާއު ކުރަމުންނެވެ.
އެންމެފަހުން ޝީރީން މަރާލިކަމަށް އިސްރާއީލު މިވަނީ އަމިއްލައަށް އެއްބަސްވެފައެވެ. އެއީ އެހެން ގޮތެއް ނެތިގެންނެވެ. އެ ޖަރީމާ ހިންގީ އިސްރާއީލުކަން ޝައްކެތް ނެތްމިންވަރަށް ހުރިހާ ތަހުގީގުތަކަކުން ވެސް ހާމަވެ އިސްރާއީލު ބޭޒާރު ވުމާ ގުޅިގެންނެވެ.
މިއާއެކުވެސް މި މައްސަލާގައި އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އެމެރިކާ ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް ޝީރީންގެ މަރުގެ ބަދަލު ހޯދުމަށް އިސްރާއީލުގެ ކޯޓުތަކަށް ގާނޫނީ ގޮތުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު އިސްރާއީލުގެ މި އިއުތިރާފުގެ ސަބަބުން ޝީރީންގެ އާއިލާއަށް ލިބޭނެ ކަމަށް ގާނޫނީ ވަކީލުން ބުނެއެވެ.
އިސްރާއީލަކީ ޓެރަރިސްޓް ހަމަލާތައް ދީގެން ފަލަސްތީނުގެ އެތައް ލީޑަރުންނާއި މުޖާހިދުންނާ އަދި އާންމުން މަރަމުން ގެންދާ އަދި ފަލަސްތީނުގެ ބިމުގައި ޣައިރު ގާނޫނީ ގޮތުން އުފައްދާފައިވާ ނުރައްކާތެރި އިސްތިއުމާރީ އެންޓިޓީއެކެެވެ.