ޖޫން 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި، ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރު ކުރި 25 މީހުންގެ ތެރެއިން މިހާރު ބަންދުގައި ހުރި މ. ކުދެހިގެ/ މުހައްމަދު ޝިފާޒް 29, ގެ ބަންދަށް އިތުރު 15 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފިއެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސާމާއީލާއި މަޝްހޫރު ދެ ޝެއިހުން ކަމަށްވާ އައްޝައިޚް ފަޒްލޫން މުހައްމަދާއި އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް ހިމެނެއެވެ. އެ މީހުންނާއެކު ހައްޔަރުކުރި ޝިފާޒް ނޫން އެންމެން މިހާރު ވަނީ ދޫކޮށްލާފައެވެ.
ޝިފާޒްގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އަލީ އާދަމް ވަނީ ޝިފާޒްގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައެވެ.
ޝިފާޒް ދަނޑަށް ވަތްކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވާއިރު އޭނާ އަނިޔާވެރި އަމަލުތައް ހިންގާކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައެވެ. އަދި ހަމަނުޖެހުން ހިންގުމުގައި އޭނާގެ ސީދާ ބައިވެރިވުން އޮތްކަމަށް ބެލެވޭ ހެކި ފުލުުން ވަނީ ހުށަހަޅާފައެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުންދީފައެވެ.
އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. އަދި އެ ދުވަހުގެ ކަންތައްތައް ބެލުމަށް ވަޒީރުންގެ މަޖިލީހުން ވެސް ނިންމިއެވެ. ވަޒީރުންގެ ކޮމެޓީން ކުރި ދިރާސާއާ ގުޅިގެން އެކުލަވާލި ރިޕޯޓުގައި، ފަސް ދާއިރާއަކުން 39 ރިކޮމެންޑޭޝަނެއް ވަނީ ހުށަހަޅާފައެވެ.