އިސްލާމް ދީނާއި ދެމެހެއްޓެނިވި ތަރައްޤީ

މާލެ މަލަމަތި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމް ދީނުގައި ދެމެހެއްޓެނިވި ތަރައްޤީއޭ ކިޔާ އެއްޗެއް ވޭހެއްޔެވެ؟ އިސްލާމްދީނުން ތަނަވަސްކަމާއި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް އޮނިގަނޑެއް ދެއްވާފައި ވޭހެއްޔެވެ؟ އިސްލާމީ ނަޒަރިއްޔާތުގެ މައްޗަށް ބިނާކޮށް ދެމެހެއްޓެނިވިކަމާއި މޫސުމަށް އަންނަ ބަދަލުތަކާމެދު ކުރެވޭ ބަޙުޘާމެދު އަލުން ވިސްނާނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުތަކަށް ޕްރޮފެސަރ ޑރ. ޢަވްދާ އަލްޖައްޔޫސީ، "އިސްލާމް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް: ނިއު ވޯލްޑްވިއު" މި މައުޟޫޢުގެ މައްޗަށް ލިޔުއްވި ފޮތުގައި ދިރާސާގެ އަލީގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. މިމަޒުމޫނުގައި ޕްރޮފެސަރ ޢައުދާގެ ނަޒަރުގައި، އިސްލާމް ދީން މިމައުޞޫޢުގައި ގެނެސްދެއްވާފައިވާ އަސާސްތަކާއި، އުޞޫލުތަކާއި، ވިސްނުން ޚުލާޞާ ގޮތެއްގައި ބަޔާންކުރާނަމެވެ.

ޤުރުއާނާއި، މުޙައްމަދު ނަބިއްޔާގެ ބަސްފުޅުތަކުން އެނގިގެންދަނީ ތިމާވެށީގެ ކަންބޮޑުވުންތަކާއި ތިމާވެށްޓާމެދު އިންސާނާގެ ޒިންމާއަށް ދީފައިވާ ބޮޑު އަހަންމިއްޔަތުކަމެވެ. އެހެންކަމުން އިސްލާމްދީނުގައި ދެމެހެއްޓެނިވި ތަރައްޤީގެ މަފްހޫމުގެ މާނައިގައި އީމާންކަމާއި، ޢިލްމާއި، އިޖްތިހާދާއި (އިނޮވޭޝަން) އަސާސްތަކުގެ އަލީގައި އިޤްތިޞާދީ އިޖްތިމާޢީ ޢަދުލުވެރިކަން ޙާޞިލުކުރުމާއި، ތިމާވެށީގެ މައްސަލަތައް ރިޢާޔަތްކޮށްގެން ތިލަފަތް ހަމަހަމަ ކުރުމާއެކު އަދި އެއްފަހަރާ މި އެންމެހައި ކަންކަން ޙަޤީޤަތަކަށް ހެދުން ހިމެނެއެވެ.

ނަމަވެސް ޢާލަމީ ދުނިޔެއަށް ނަޒަރު ހިންގާއިރު، ފެންނަނީ ދުނިޔޭގެ އިޤްތިޞާދީ އޮނިގަނޑު ފެއިލްވެފައިވާތަނެވެ. އިގްތިޞާދީ ނިޒާމާއި، މާކެޓުކުރުމުގެ ސިޔާސަތު ތައްވެސް ފެއިލްވުމުގެ ސަބަބުންނެވެ. މިގޮތުން އަޅުގަނޑުމެންނަށް ބަލާލި ކޮންމެ ދިމާއަކުން ދުނިޔެއިން ފެންނަނީ، ޖައްވު ތަޣައްޔަރުވުމާއި، ފަޤީރުކަމާއި، ބަލިމަޑުކަން ފެތުރިފައިވާ ތަނެވެ. އެހެންކަމުން އިސްލާމް ދީނަކީ، ޢާލަމްތަކަށް ރަޙްމަތެއްކަމުގައިވި ދީން ކަމަށްވާތީ، ޢާލަމްތަކަށްޓަކައި، އިސްލާމް ދީނުގެ ތަރަހައިގެ ތެރެއިން މިކަމުގައި އައު އޮނިގަޑެއް ދިރާސާގެ އަލީގައި ގެނެސް ޢަމަލު ކުރުންވަނީ މުސްލިމު އުއްމަތައް ވާޖިބުވެފައެވެ.

ތެދެކެވެ. އަޅުގަނޑުމެންގެ ގިނަ މުސްލިމު ޤައުމުތަކަކީ އިސްތިޢުމާރު ކުރެވުނު ޤައުމުތަކެކެވެ. އިސްތިޢުމާރުގެ ދަށުން މިނިވަން ވުމަށްފަހުވެސް ދެކުނުގެ ގިނަ އިސްލާމީ ޤައުމުތައް ވަނީ، އިސްތިޢުމާރުގެ ނުފޫޛުން އަސަރުކޮށް، އެމަގުން ސިޔާސަތުތައް ކަނޑައަޅައި ހިންގުމަށް އާދަވެފައެވެ. އެއީ އަޅުގަނޑުމެންގެ މައްސަލަތައް ޙައްލުކުރުމުގެ ނަމުގައެވެ. ނަމަވެސް ހުޅަނގުން އަޅުގަނޑުމެން ގެނެސްގެން ޢަމަލުކުރާ ނިޒާމުތަކަށް ވަނީ، ކޮންސިއުމަރިޒަމާއި، މެޓީރިއަލިޒަމާއި، ސެކިއުލަރިޒަމްގެ ބާރާއި ނުފޫޒު ވަދެފައެވެ. އުފާވެރިކަމާއި ތަރައްޤީއަކީ ހުޅަނގުން މާނަކުރާގޮތް ކަމަށް އަޅުގަނޑުމެންވަނީ ޤަބޫލުކޮށްފައެވެ.

ނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އިސްލާމް ދީނުގައި ޙަލާލާއި، ޙަރާމްވަނީ ކަނޑައަޅުއްވާފައެވެ. ތަހުޛީބާއި ތަމައްދުނުގެ ނަމުގައި ހުޅަނގުން ވުޖޫދުކުރުވާފައިވާ ވަރަށް ގިނަ ފިކުރުތަކާއި ޤަބޫލުކުންތަކުން މުސްލިމު މުޖްތަމަޢުތަކަށް ވަނީ ހިޔަނި އެޅިފައެވެ. މިކަންކަމުގައި ހުޅަނގުގެ ނަޒަރިއްޔާތަކީ އިސްލާމް ދީނުގެ ނަޒަރިއްޔާތާއި ޚިލާފު ނަޒަރިއްޔާތެކެވެ. މިސާލަކަށް ދަންނަވަނީނަމަ، ތިމާވެއްޓާއި، އިޤްޞާދާއި، އަންހެނުނާއި ގުޅުންހުރި ބަޙުޘްތަކާއި، އުފާވެރިކަމާއި، ހިންހަމަޖެހުމާއި، ތަރައްޤީއާއި، ތަޙްޛީބާއި، އިޖްތިމާއީ މައްސަލަތަކެވެ. މިފަދަ އެންމެހައި ކަންކަމުގައި ހުޅަނގުން ﷲ ގެ ވަޙީއަށް ރިޢާޔަތް ނުކުރެއެވެ. ނަމަވެސް މުސްލިމުންނަށް އެއީ ލިބިގެންވާ ޙައްޤެއް ނޫނެވެ. މުސްލިމުންގެ ކަންކަން ކަނޑައެޅުމުގައި ދީނުގެ ނައްޞުތަކަށް ރިޢާޔަތް ކުރަންޖެހެއެވެ. އެއީ ދިރިއުޅުމުގެ އެންމެހައި ކަންކަމުގައެވެ.

ހުޅަނގުގެ ނަޒަރިއްޔާތުގައި އިޤްތިޞާދީ އޮނިގަނޑު ފަރުމާކުރުން ބިނާވަނީ ދަރަންޏާއި ލޯނުގެ މައްޗަށެވެ. މިބައިމީހުންގެ ނަޒަރުގައި ގިނައިން ދަރަނި ނެގިވަރަކަށް ފައިސާ އިތުރުވެއެވެ. ނަމަވެސް ދުނިޔެއިން ފެންނަމުންދަނީ، މުއްސަދިންނާއި، ފަޤީރުންގެ މެދުގައިވާ ފަރަގު ބޮޑުވަމުންދާ މަންޒަރެވެ. މަދު ބައެއްގެ އަތްމަތީގައި ދުނިޔޭގެ އިޤުތިޞާދުގެ ފައިސާގެ ދެބައިކުޅަ އެއްބައިވަނީ ކޮންޓްރޯލް ކުރެވިފަވެއެވެ. "ދި ގްލޯބަލް ވެލްތު ޕިރަމެޑް" ދައްކާ ގޮތުގައި، ދުނިޔޭގެ އާބާދީގެ %69.3 މީހުންގެ މުދާވެރިކަމާއި އާމްދަނީއަކީ 10000 އެމެރިކާ ޑޮލަރަށްވުރެ ދަށް ޢަދަދެކެވެ. %22.5 މީހުންގެ އާމްދަނީއަކީ 10000 - 100000 އާއި ދެމެދުގެ ޢަދަދެކެވެ. %7.5 މީހުނގެ އާމްދަނީއަކީ، 100000 - 1 މިލިޔަނާއި ދެމެދުގެ ޢަދަދެކެވެ. އަދި %0.6 މީހުންގެ އާމްދަނީއަކީ 1 މިލިޔަށްވުރެ މަތީގެ އާމްދަނީގެ ޢަދަދެކެވެ. މިސަބަބަށްޓަކައި، މިބައިމީހުންވަނީ ޤައުމުތަކުގެ އިޤްތިޞާދުތައް އަބަދުވެސް އެހެން ޤައުމަކަށް ނުވަތަ ބަޔަކަށް ބިނާވާނެ ގޮތައް ފަރުމާކޮށްފައެވެ. މީގެ އިތުރުން ދެމެހެއްޓެނިވި އުޞޫލެއް ނެތި ޓޫރިޒަމާއި، މުދަލާއި ތަކެތި އުފެއްދުމާއި، ބޭނުންކުރުމާއި، ހަލާކުރުމާއި، ތަޣައްޔަރުކުރުވަނިވި މާއްދާތައް އުފެއްދުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެއީ ފައިސާއިން އެންމެހައި ކަންކަން ޙައްލު ވެދާނެކަމަށް ޤަބޫލުކުރެވޭތީއެވެ.

ޖިއޯޕޮލިޓިކްސް އަށް ބަލާލުމުންވެސް ފެންނަނީ ފުނިޔެ ދެބައިވެފައިވާ ތަނެވެ. މިގޮތުން ހުޅަނގުގެ މުއްސަދި ޤައުމުތައް އެއީ އެއްބައެވެ. އަނެއް ބަޔަކީ، ދެކުނުގެ ފަޤީރު ޤައުމުތަކުގެ ބައެވެ. ގިނަ މުސްލިމް ޤައުމުތައް އޮތީ މިދެންނެވި ދެކުނުގެ ފަޤީރު ޤައުމުތަކުގެ ފަޅީގައެވެ. މީހުންގެ ސޭވިން އެކައުންޓަށް، ތިމާވެށީގެ ނިޒާމަށްވުރެ އަހައްމިއްޔަތުކަން ދިނުމުގެ ނަތީޖާއަކީ އިންސާނުންނަށް ޠަބީޢަތުން ލައްވާފައިވާ ނިޢުމަތްތަކުގެ ބަލިމަޑުކަން ކުރިމަތިވުމެވެ. މިސާލަކަށް ދަންނަވަނީނަމަ، ކާބަން ޑައިއޮކްސައިޑް ގޭސް ދުނިޔަށް ދޫކުރާ މިންވަރު، ދުނިޔެއަށް ނުކަތާ މިންވަރަށްވަރު އިތުރުވެ، މިހާރުވަނީ އެގޭސް އުފެއްދުން އިންތިހާއަށް އިތުރުވެފައެވެ. އަނެއްކޮޅުން ބަލާއިރު، ދުނިޔޭގައި ފަހުގެ ތާރީޚުގައި ހިނގާފައިވާ ހަނގުރާމަތަކުގެ ތެރެއިން ޢިރާގުގައި ކުރި ހަނގުރާމައިގެ ހޭދައާއި، ގެއްލުމަށް ބަލާއިރު، އެ ހަނގުރާމައިގައި މިލިޔަނަކަށްވުރެ ގިނަ މީހުންނަށްވަނީ ގެއްލުންވެފައެވެ. 1.6 މިލިޔަން މީހުންވަނީ ވިއްސިވިހާލިވެ ގެދޮރު ނެތިގެން ގޮސްފައެވެ. 2.7 މިލިޔަން މީހުންވަނީ ބާރުގެ ބޭނުންކޮށްގެން ގެދޮރުން ބޭރުކޮށްލެވިފައެވެ. ގާތްގަނޑަކަށް 5000 މީހުންވަނީ ހަނގުރާމައިގައި މަރުވެފައެވެ. 767 މިލިޔަން ޑޮލަރުވަނީ ހޭދަ ވެފައެވެ. އަފްޤާނިސްތާނަކީ މީގެ އަނެއް މިސާލެވެ. "ދި ތްރީ ޓްރިލިއަން ޑޮލަރ ވޯރ" މިފޮތުގައި ވާފަދައިން ހަނގުރާމައަށް އެމެރިކާއިން ޓްރިލިއަނުން ޑޮލަރު ހޭދަކުރުމުގެ ބަދަލުގައި އިންސާނިއްޔަތަށް މިފައިސާ ހޭދަކުރާނަމަ، ދުނިޔޭގެ ޙާލަތު މިއަށްވުރެ ރަނގަޅުވީހެވެ.

ދެމެހެއްޓެނިވި ތަރައްޤީއަށް އޮތް ގޮންޖެހުމުގެ މައިގަނޑު އެއްސަބަބަކީ އިންސާނުންގެ ވިސްނުމެވެ. މިގޮތުން އެއްބަޔަކު ދެކޭ ގޮތުގައި ދެމެހެއްޓެނި ތަރައްޤީ ފަރުމާކުރެވެންޖެހޭނީ އިޖްތިމާޢީ ކަންކަމާއި އިޤްތިޞާދީ ކަންކަމުގެ މައްޗަށް ބިނާވެއެވެ. މިބައިމީހުންގެ ނަޒަރުގައި ތިމާވެށީގެ މައްސަލަތައް ފައިސާއިން ޙައްލު ކުރެވޭނެއެވެ. އަނެއްބަޔަކު ޤަބޫލުކުރާ ގޮތުގައި ދެމެހެއްޓެނި ތަރައްޤީ ފަރުމާކުރެވެންޖެހޭނީ އިޖްތިމާޢީ ކަންކަމާއި ތިމާވެށީގެ ކަންކަމުގެ މައްޗަށް ބިނާވެއެވެ. ވަރަށް ގިނަފަހަރު އަޅުގަނޑުމެންނަށް ވިސްނިފައިވަނީ ޠަބީޢަތާއި، ތިމާވެއްޓަކީ، މުއްސަދިވުމަށް އަޅުގަނޑުމެން ބޭނުންކުރާ މުދަލެއްގެ ގޮތުގައެވެ.

ދެމެހެއްޓެނިވި ތަރައްޤީއަށް އޮތް ގޮންޖެހުމުގެ އަނެއް ސަބަބަކީ، ތަރައްޤީއާމެދު އިންސާނުން ގެ ވިސްނުން ނުކަސިޔާރުވުމެވެ. ނަމަވެސް ތަރައްޤީއަކީ ކަންކަން އިޞްލާޙްކޮށް ބަދަލުކުރުމުގެ ޤަޞްދުގައި ކަޑައްތުކުރާ މަރުޙަލާތަކެކެވެ. މުޅިނިޒާމަށް ގެނެވޭ ހެޔޮ ބަދަލަކަށްވާތީ، މިކަން ކުރެވޭނީ، ހެޔޮ ވެރިކަމުގެ އަސާސްތަކާއި، ތަޢުލީމާއި ތަރުބިއްޔަތާއި، އުފެއްދުންތެރިކަމުގެ އައު އުކުޅުތައް ބޭނުން ކޮށްގެންނެވެ.

ތަރައްޤީކުރުމުގައި އިޤްޞާދު ބިނާކުރުމަށް ބޭނުކުރާ މަފްހޫމުތައްވެސް ވަނީ ގިނަވެފައެވެ. މިގޮތުން، ސާކިއުލާ އެކޮނޮމީ، މޯރަލް އެކޮނޮމީ، ޝެއަރިންގ އެކޮނޮމީ، ވެލްބީން އެކޮނޮމީ ފަދަ ބަސްބަހާއި މަފްހޫމުތަކެވެ. މިހުރިހާ މަފްހޫމުތަކެއްގެ ތެރެއިންވެސް މުސްލިމުން ހިފަން ޕްރޮފެސްރ ޢައުދާ ބާރުއަޅުއްވަނީ މިޝަން އެކޮނޮމީ އާއި، މޯރަލް އެކޮނޮމީ ގައެވެ.

މީގެ އިތުރުން ތަރައްޤީއާއި ތަޢުލީމުގެ މަންހަޖުގެ ސެކިއުލަރ ފެއިލްވެފައިވާ މޮޑެލްތައް ނުވަތަ ފަރުމާތައް މުސްލިމު ޤައުމުތަކުންވެސް ވަނީ ޒީނަތަކަށް ހަދާފައެވެ. ނަމަވެސް، މުސްލިމުން ތަބަޢަވާންވީ، އީމާންކަމާއި، މަޤާޞިދު ތަކުގެ މައްޗަށް ބިނާވާ ސިޔާސާތުތަކާއި ފަރުމާތަކަށަވެ. އިސްލާމްކަމާއި (ނޮވިންގ)، އީމާންކަމާއި (ޑްއިންގ)، އިޙުސާން ކަމުގެ (ބިކަމިންގ) މައްޗަށް ބިނާވާ ދެމެހެއްޓެނިވި ތަރައްޤީގެ އާފަރުމާއަކީ މުސްލިމުންނަށް އޮތް ޙައްލެވެ. މިތަނުގައި އިސްލާމް ކަމުގެ މާނައަކީ؛ މިކަމަކީ މުޤައްދަސް ކަމެއްކަން ޤަބޫލުކުރުމެވެ. އީމާންކަމުގެ މާނައަކީ؛ އެކަމުގައި އިސްލާމީ މާތް އަޚްލާގެ މަތީގައި ސާބިތުވުމެވެ. އިޙްސާންގެ މާނައަކީ؛ އިގްތިޞާދީ ސިޔާސަތުތައް ބިނާކުރުމުގައި ހެޔޮލަފާ، ޙަލާލްކަންކަން ޤާއިމް ކުރުމެވެ. އިސްލާމް ދީނާއި، ސައިންސާއި، އިޖްތިހާދު (އިނޮވޭޝަން) އަދި ތަޢުލީމާއި ޘަޤާފަތް އޭގެ މައްޗަށް ބިނާކޮށްގެންނެވެ.

ދެމެހެއްޓެނިވި ތަރައްޤީއަކަށް ޤައުމު ބަދަލުކުރުމަށް އަންހެނުންނަކީ މުހިންމު ބައެކެވެ. "ނަމަވެސް އަންހެނުން ވާންވާނީ މާމުއި ކުޅަދުރު ފަދަ ބަޔަކަށެވެ. އެހެނީ އެ ކާ ކޮންމެ އެއްޗަކީ ސާފު ޠާހިރު އެއްޗެކެވެ. އެއިން ވެއްޓޭ ކޮންމެ ތިއްކަކީ ފޮނި އެއްޗެކެވެ. އަދި އެ އިށީންނަ އެއްވެސް ގޮތްޕެއް ބިންދައިގެން ނުދެއެވެ."

އިސްލާމީ އިގްތިޞާދާއި ދެމެހެއްޓެނިވި ތަރައްޤީގެ އޮނިގަނޑު ބިނާކުރުމުގެ އަސާސަކީ، ތައުޙީދު ނުވަތަ އެއްކައުވަންތަ ކަމެވެ. އިންސާނާއަކީ ބިމުގައި ލެއްވި ޚަލީފާއެކެވެ. ދުނިޔެ ތަޢުމީރު ކުރުމުގައި އިންސާނާ ޢަދުލުވެރިވުމަށާއި، ދުނިޔޭގެ ޠަބީޢަތުގައި ލައްވާފައިވާ އާޔަތްތަކާއި، ޢަލާމާތްތަކަށް ރިޢާޔަތް ކުރަންޖެހެއެވެ. އެހެންކަމުން ހުރިހާ ކަމެއްގައިވެސް އިންސާނާ ތިލަފަތް (މީޒާން) ހަމަހަމަ ކުރަން ޖެހެއެވެ. ﷲ ވަނީ އަޅުގަނޑުމެންނަށްޓަކައި ދެ ފޮތެއް ދެއްވާފައެވެ. އެއީ (ކިތާބުލްމަސްޠޫރު؛ ކީރިތި ޤުރުއާން) އާއި، (ކިތާބުލްމަންޡޫރު؛ ޠަބީއަތް ނުވަތަ ތިމާވެށި) އެވެ. އެހެންކަމުން، މުސްލިމުން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދުނިޔޭގައި ލައްވާފައިވާ ކޮންމެ އެއްޗަކީ، އޭގައި ﷲ ދިރުން ލައްވާފައިވާ، އެކަނލާގެއަށް ތަސްބީޙަ ދަންނަވާ އެއްޗެއްގެ ގޮތުގައެވެ. އެއީ، ޛައްރާ (އެޓޮމް) އިން ފެށިގެން، ސޫފާ ސޫއިއްޕާއި، މަސްމަހާމެއްސާއި، ގަސްގަހާ ގެއްސާއި، ދޫނިތަކާއި، އިންސާނުންނާއި ޖަނަވާރުން ހިމެނޭ ހެންނެވެ. މިއަދު ކްއަންޓަމް ފިޒިކްސްގެ އަލީގައި މިކަންވަނީ ސާބިތު ކޮށްދީފައެވެ. ނަމަވެސް ހުޅަނގުގެ ސެކިއުލަރ ވިސްނުމުގައި ކޮންމެ އެއްޗަކީ، ދިރުންހުރި އެއްޗެއް ނޫނެވެ.

ﷲ އިސްރާއު ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. (تُسَبِّحُ لَهُ السَّمَاوَاتُ السَّبْعُ وَالْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَيْءٍ إِلَّا يُسَبِّحُ بِحَمْدِهِ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُ كَانَ حَلِيمًا غَفُورًا) މާނައީ: "ހަތް އުޑާއި، ބިމާއި، އެތަންތާނގައިވާހާ ބަޔަކު، އެކަލާނގެއަށް تسبيح ކިޔަތެވެ. އަދި އެކަލާނގެއަށް حمد އާއެކުގައި، تسبيح ނުކިޔާ އެއްވެސް އެއްޗެއް ނުވެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް އެތަކެތީގެ تسبيح އެއް ނުވިސްނެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حليم ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެއެވެ." އެހެންކަމުން ﷲ ދުނިޔޭގައި ލައްވާފައިވާ އެއްވެސް އެއްޗެއްގެ ބޭކާރު ގޮތުގައި ނައްތާލުމަކީ، އަދި ތިލަފަތް ހަމަނުކުރުމަކީ، އެއެއްޗެއް ﷲ އަށް ތަސްބީޙަ ދައްނަވާ އެއްޗެއްގެ އަޑު ކަނޑުވާލުމެވެ. މިމޭރުމުން ބަލާއިރު އަޅުގަނޑުމެން ދެކެން ޖޭހޯނީ މުޅި ދުނިޔައަކީ ﷲ ލައްވާފައިވާ މިސްކިތެއްކަމެވެ. އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ މަންފާއަށް ސިޔާސަތުތައް ކަނޑައެޅުމުގައި ދެމެހެއްޓެނި ގޮތެއްގައި މިއެންމެހައި ކަންކަމަށް ރިޢާޔަތްކޮށް، ތިލަފަތް ހަމަހަމަވާނެ ގޮތެއްގެ މަތިން އުޞޫލުތައް ކަނޑައަޅަންޖެހއެވެ. އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ، ޠާހާ ސޫރަތުގެ 50 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. (قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ)‎ މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެންގެ ވެރިރަސްކަލާނގެއީ، ކޮންމެ އެއްޗަކަށްމެ، އެ އެއްޗެއްގެ ސިފައާއި، طبيعة ދެއްވައި، ދެން ތެދުމަގު ދެއްކެވި ރަސްކަލާނގެއެވެ."

ޕްރޮފެސަރ ޢައުދާ ވިދާޅުވާގޮތުގައި، ތިމާވެއްޓާއި، ދެމެހެއްޓެނިވި ތަރައްޤީއާމެދު އިސްލާމީ ނަޒަރިއްޔާތު ތިން ނުކުތާއެއްގެ މައްޗަށް ޚުލާޞާކުރެވިދާނެއެވެ. ފުރަތަމަ ނުކުތާއަކީ، އިންސާނުންނާއި ތިމާވެއްޓާއި ޠަބީޢައަތް ހެއްދެވީ އެއްފަރާތަކެވެ. ދެވަނަ ނުކުރާއަކީ؛ ހުރިހާ އެއްޗެއް ހައްދަވާ ގެންގުޅުއްވާ އިލާހަކީ، ﷲ އެވެ. ހުރިހާ ވައްތަރެއްގެ ދިރުމާމެދު ދެކެންޖެހޭނީ، އިންސާނުންފަދައިން އެއީވެސް ޤައުމުތަކެއްގެ ސިފައިގައެވެ. އެހެންކަމުން އިންސާނާއަށް ވަނީ މިއެންމެހައި ކަންކަމުގެ މައްޗަށް ޒިންމާދާރުވުމަށް އަންގަވާ ޒިންމާ ޙަވާލުކުރައްވާފައެވެ. މިތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޙިމާޔަތްކުރަންޖެހޭ ތަކެތި ޙިމާޔަތްކުރުމަށްޓަކައެވެ.

އެހެންކަމުން އިސްލާމީ ފިކުރު މިކަމުގައި ބިނާކުރަނީ 4 އަސާސެއްގެ މައްޗަށެވެ. އެއްކައުވަންތަކަން (ތައުޙީދު) ގެ އަސާސާއި، ކްރިއޭޝަން ނުވަތަ (ފިޠްރާ) ގެ އާސާސާއި، ބެލެންސް ނުވަތަ (މީޛާން) ގެ އަސާސާއި، ޒިންމާދާރުވުން ނުވަތަ (ޚިލާފާ) ގެ އަސާސެވެ. ދުނިޔޭގައި ﷲ ލައްވާފައިވާ އެއްވެސް އެއްޗަކީ ބޭކާރު ގޮތުގައި އެއްވެސް ތަރުތީބެއް ނުވަތަ ނިޒާމެއް ނެތި ހައްދަވާފައިވާ އެއްޗެއް ނޫންކަން އެންމެފަހުން ނާސާއިން ހޯދި ހޯދުންތަކުންވެސް އިރުތަށް ކަށަވަރުވެގެން ހިނގައްޖެއެވެ. ކްއަންޓަމް ފިޒިކްސްގެ އަލީގައި ކައުނުގައިވާ ފުރިހަމަކަން ދަލީލް ކޮށްދޭ އައު ހޯދުންތައްވަނީ "ދި އެސްޓްނޮޝިންގ ސިމްޕްލިސިޓީ އޮފް އެވްރީތިންގް" މި ނަމުގައި ގެނެސްދެއްވި މުޙާޟަރާގައި ޑރ. ނެއިލް ޓުރޮކް ބަޔާންކުރައްވާފައެވެ.

އިސްލާމީ ނަޒަރިއްޔާގައި "ޑިވެލޮޕްމަންޓް" އާއި، "ގްރޯތު" ފަރަގު ކުރެއެވެ. "ޕްރޮގްރެސް" އާއި، "ހެޕިނަސް" އާއި ސަކްސަސް" ފަރަގު ކުރެއެވެ. މި ބަސްބަސް މާނަކުރަނީ އިޖްތިމާޢީ، އިގްތިޞާދީ އަދި ތިމާވެށީގެ ކަންކަމަށް ރިޢާޔަތް ކޮށްގެން، އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އަސާސްތަކާއި، މަޤްޞަދުތައް (މަޤާޞިދުއްޝަރީޢާ) އަށް ރިޢާޔަތް ކޮށްގެންނެވެ. ހަމައެކަނި ފައިސާއާއި، ބޮޑެތި ބިލްޑިންގާއި، މުއްސަނދިކަމަށް ރިއާޔަތްކޮށްގެން ނޫނެވެ.

އިސްލާމީ ދެމެހެއްޓެނިވި ތަރައްޤީ ފަރުމާ ކުރަންޖެހޭނީ، ކީރިތި ޤުރުއާނުގެ ނަޙުލު ސޫރަތުގެ 90 ވަނަ އާޔަތުގައި ބަޔާންކުރައްވާ ކަންކަން ހިމަނައިގެންނެވެ. ﷲ ވަޙީ ކުރެއްވިއެވެ. (إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَىٰ وَيَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ) މާނައީ: "ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."

މިއާޔަތުން ފަރުމާކުރެވޭ ދެމެހެއްނެވި ތަރައްޤީގެ އޮނިގަނޑު ބިނާކުރަންވީ ދުނިޔެ ތަޢުމީރުކުރަމަށްޓަކައި، ހަތަރު އަސާސެއްގެ މައްޗަށެވެ. އެއީ؛ ޖަސްޓިސް (ޢަދުލުވެރިކަން)، އެކްސެލެންސް (އިޙްސާންތެރިކަން)، ސޯޝަލް ކެޕިޓަލް (އަރުޙާމް ނުވަތަ ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުން) އާއި، ބެލެންސް (މީޛާން ނުވަތަ ތިލަފަތް ހަމަހަމަވުން) ގެ މައްޗަށެވެ. މިއެންމެހައި މަސައްކަތެއްގެ މައިގަނޑު މަޤްޞަދަކީ އިންސާނިއްޔަތަށް ރަނގަޅު ދުނިޔަވީ ދިރިއުޅުމެއް (ގްޑް ލައިފް ނުވަތަ ޙަޔާތަން ޠައްޔިބާ) ގެނެސްދިނުމެވެ. ހަމަ އެކަނި އިސްލާމީ ޤައުމުތަކަށާއި، މުސްލިމުންނަށް އެކަންޏެއް ނޫނެވެ. މުޅި ޢާލަމަށާއި، އިންސާނިއްޔަތަށެވެ. ‎

ގުޅޭ ޓެގު
comment ކޮމެންޓް