އަހަރެއް ކުރިން މަރުވި މީހަކު ހޯދަން އިއުލާން ކުރުމުން ފުލުހުންނަށް ފާޑުކިޔުން

ފުލުހުންގެ މައި އިދާރާ ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިދިޔަ އަހަރު މަރުވި މީހަކު ހޯދުމަށް އިއުލާނު ކުރުމުން ފުލުހުންގެ މަސައްކަތު ސްޕީޑާ މެދު އާންމުން ސުވާލު އުފައްދައި ފާޑުކިޔައިފިއެވެ.

ތަހުގީގަށް ހާޒިރުވުމަށް އެދި ފޮޓޯއާއެކު ފުލުހުން މިއަދު ހޯދަން އިއުލާނުކުރީ އދ. ދަނގެތި/ ފެހިވިލާ, ޝަކްލުالله އަލީ (43އ) އެވެ.

ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އެދި ޝަކްލުاللهގެ ފޮޓޯ ފުލުހުން މިއަދު އާންމުކުރިއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން 19 ވަނަ ދުވަހު މަރުވެފައެވެ.

އޭނާ މަރުވިތާ އަހަރަކަށްވުރް ގިނަ ދުވަސް ފަހުން ތަހުގީގަށް ހާޒިރުވުމަށް އިއުލާނުކުރުމުން އާންމުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ފުލުހުން މިއަދު ހޯދަން އިއުލާނުކުރި މީހާ ވަނީ މީގެ އަހަރަކަށް ވުރެ ގިނަ ދުވަސްކުރިން މަރުވެފައި ---

"ގާނޫނު ތަންފީޒުކުރަން ތިބި މުއައްސަސާތަކުގެ ހާލަތު މި ދަރަޖައަށް ވެއްޓުމުން އާންމުން މަގުމަތިން ގާނޫނު ތަންފީޒު ވެސް ކުރާނެ," ފުލުހުންގެ މަސައްކަތު ސްޕީޑާ މެދު ހިތްހަމަ ނުޖެހިފައިހުރި މީހަކު ސޯޝަލް މީޑިއާގައި އޭނާގެ ޝުއޫރު ފާޅުކުރިއެވެ.

ބައެއް މީހުން އެކަމާ ބުނާނެ އެއްޗެއް ނެތް ކަމަށް ބުނެފައިވާއިރު މަދު ބަޔަކު ވަނީ އެކަމުގައި ފުލުހުންގެ މާބޮޑު މައްސަލައެއް ނެތް ކަމަށް ވެސް ބުނެފައެވެ. އެކަން އެގޮތަށް ދިމާވެދާނެކަން ފާހަގަކޮށް މީހަކު ބުނީ ފުލުހުންނަކީ ރާއްޖޭގައި ވިހާ، މަރުވާ މީހުން ބަލަހައްޓަން ހަވާލުވެފައިވާ ފަރާތް ނޫން ކަމަށެވެ.

"ސިސްޓަމް ރަނގަޅީ. އެކަމު މީހާ މަރުވާއިރަށް ދަފްތަރުން ނަން އުނިކުރީމަ ބޭންކް އެކައުންޓް ފްރީޒް ވާފަދައިން ދަފްތަރުން ނަން އުނިވާ ހިސާބުން ހުރިހާ މުއައްސަސާއަކަށް އެލާޓެއް ދާނެ ފަދަ ހަރުދަނާ އުސޫލެއް ގާއިމްވާން ޖެހޭ," މީހަކު އޭނާގެ ހިޔާލު ހިއްސާ ކުރިއެވެ.

އޭނާ ހޯދުމަށް އިއުލާނުކުރިތާ މާ ގިނައިރުތަކެއް ނުވެ ނޫސްވެރިން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން ވަނީ އެ އިއުލާނު ފުލުހުންގެ ވެބްސައިޓުން އުނިކޮށްފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް