މަހުލޫފްގެ ޝަރީއަތް އަންނަ މަހު ބާއްވައި ދޭން ޕީޖީއިން އެދިއްޖެ

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް

ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފުގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް އަންނަ މަހު ބާއްވައިދޭން، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އިން ކްރިމިނަލް ކޯޓުގައި އެދެފިއެވެ.

މަހުލޫފުގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭތީއެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދަށް ތާވަލު ކުރުމަށް ފަހު ޕީޖީއިން އެދިގެން ވަނީ އަޑުއެހުން ކެންސަލް ކޮށްފައެވެ. ޕީޖީއިން އެގޮތަށް އެދުނުއިރު މަހުލޫފް މިވަގުތު ހުންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ރަސްމީ ދަތުރުފުޅެއްގައި މ. އަތޮޅުގައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަދި މީޑިއާ އޮފިޝަލް އަޙްމަދު ޝަފީއު މިއަދު 'ސަން'އަށް ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަލް ކުރަން އެދުނީ އިދާރީ ސަބަބަކާ ހުރެ ކަމަށެވެ.

މަހުލޫފްގެ މައްސަލައިގެ ޝަރީއަތް އަންނަ މަހުގެ 10ގެ ފަހުން ތާވަލު ކޮށްދިނުމަށް އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަހުލޫފްގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ފުރަތަމަ އެ ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. އަލުން އެ މައްސަލަ ބަލަން މި ފެށީ ހައި ކޯޓުން އެ މައްސަލަ ބެލުމަށް އެންގުމުންނެވެ.

މަހުލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާކަން ސާބިތުކޮށްދެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހަޅައިފައި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ނަމަވެސް, ޕީޖީން ވަނީ ޝަފަވީ ހަތް ހެއްކެއް ހުށަހަޅާފައެވެ.

އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ތުހުމަތުކުރެވޭ މުޙައްމަދު އައްލާމް ލަތީފް އާއި އަޙްމަދު އިޝްފާހް ޢަލީ ވެސް ހިމެނެއެވެ.

ދެން ހިމެނެނީ މަހްލޫފް ޑޮލަރު މާރުކުރިކަމަށް ބުނެ ހުށަހެޅި ރިސިޕްޓްގައި ސޮއިކޮށްފައިވާ, ސްރީލަންކާގެ ރައްޔިތެއްގެ އިތުރުން މޯބައިލް ފޮރިންސިކް ތައްޔާރުކުރި މީހާއެވެ.

އަނގަބަހުން ހެކިބަސްދޭ ހަތް މީހެއްގެ ނަން ދައުލަތުން ހުށަހަޅާފައިވާއިރު, ކިތާބީ ހެކީގެ ގޮތުގައި 29 ހެއްކެއް ހުށަހެޅިއެވެ.

comment ކޮމެންޓް