މިއީ އެތައް މިލިއަން ބައެއްގެ އުއްމީދެވެ. އޭގެ ތެރޭގައި އެތައް ލައްކަ ދިވެހީންނެއް ހިމެނޭނެކަން ޔަގީނެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، ކްރިސްޓިއާނޯ ރޮލާންޑޯއާ ބައްދަލުކުރައްވައި އެ ނަސީބު ހޯއްދަވާފައި މިވަނީ ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފެވެ. މިއީ ރޮނާލްޑޯއާއެކު ދިވެއްސަކު ނެގި ފުރަތަމަ ފޮޓޯކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ މާގިނަ ދިވެއްސަކަށް ހަމަގައިމުވެސް މިކަން ހާސިލް ވެފައި ނޯންނާނެ ކަމެވެ.
ރޮނާލްޑޯއާއެކު މަހުލޫފާއި އޭނާގެ ދަރިފުޅު ލައިބާ އަހްމަދު މަހުލޫފު(އެލީ) ނަގާފައިވާ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާއަށް ލުމާއެކު ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ވަނީ ލިބިފައެވެ. ގިނަ ބަޔަކު އެދިގެން ތިބި ނަސީބެއް މަހުލޫފަށް ލިބުމުން ގިނަ ބަޔަކު އޭނާއަށް މަރުހަބާ ކިޔައި ކޮމެންޓް ކުރުމުގެ އިތުރުން އެ ފޮޓޯ ޝެއާ ވެސް ކޮށްފައިވެއެވެ.
އެތައް ސެލެބްރިޓީންނަކާ މީގެ ކުރިން ބައްދަލުކުރައްވާފައިވާ މަހުލޫފް، ރޮނާލްޑޯއާ ބައްދަލު ކުރައްވާފައި މިވަނީ ސައުދީގެ ސްޕޯޓްސް މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުމްރާގެ އަޅުކަމަށް ފަހު މަހުލޫފް ރޭ ވަނީ ރޮނާލްޑޯ ސައުދީ ލީގްގައި ކުޅެމުން އަންނަ އަލް ނަސްރް ޓީމާއި ކަރިމް ބެންޒެމާ ކުޅެމުން އަންނަ އަލް އިއްތިހާދު ބައްދަލު ކުރި މެޗް ބައްލަވާލެއްވުމަށް ދަނޑަށް ވަޑައިގެންފައެވެ. އެ ދެ ކުޅުންތެރިންގެ އިތުރުން ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ކުޅުންތެރިންތަކެއް ކުޅޭ އެ ދެ ޓީމްގެ މެޗަށް ވަޑައިގެންނެވިއިރު ވެސް މަހުލޫފްގެ އެންމެ ބޮޑު އުއްމީދަކަށް ވެފައި އޮތީ ރޮނާލްޑޯއާ ބައްދަލުކުރެއްވުމެވެ.
"ސައުދީ ލީގް ވަރަށް ފޮލޯ ކުރަން މާލޭގައި ވެސް. ރޮނާލްޑޯ މިއީ ދުނިޔޭގައި ވެސް ހުރި އެންމެ މޮޅު އެއް ޕްލޭޔަރުތާ. އެހެންވެ ކަމާ ކަން ފަށާ ދިޔައީ ވެސް އެ މެޗް ބަލަން،" ސައުދީގައި ހުންނަވައި މަހުލޫފް ފޯނުން "ސަން"އަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވިއެވެ.
ރޮނާލްޑޯއާ ބައްދަލުވުން މަހުލޫފަށްވީ އެތައް އުފަލެއް އެއް ފަހަރާ ލިބިވަޑައިގަތުން ފަދަ ކަމަކަށެވެ. މަހުލޫފް ވިދާޅުވިގޮތުގައި އޭނާ އެންމެ ފުރަތަމަ ވެސް ކުރެއްވި ކަމަކީ ރޮނާލްޑޯއަށް މަރުހަބާ ވިދާޅުވުމެވެ. އެއީ ރޮނާލްޑޯ މިއަހަރު 53 ގޯލް ޖަހާފައިވާތީ މި އަހަރުގެ ޓޮޕް ސްކޯރާއަށް ވުމުގެ ފުރުސަތު އޮތުމުންނެވެ. ރޭގެ މެޗް ފަސް ލަނޑު، ދެ ލަނޑުން ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރް ޓީމުން ކާމިޔާބު ކުރިއިރު ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިދީފައެވެ.
"ވަރަށް އަންލައިކްލީ ކަމެއް މިވީ މީނަ އަތުލައި ގަތުން ދޯ. އަސްލު މިކޮޅު މިނިސްޓްރީން ވެސް ވަރަށް މަސައްކަތް ކޮށްގެން އެރޭންޖްވީ،" މަހުލޫފް ކިޔައިދެއްވިއެވެ.
ޕްރޮޓޮކޯލްއާއި ރޮނާލްޑޯގެ ބިޒީ ޝެޑިއުލްގެ ސަބަބުން މަހުލޫފާއެކު ހޭދަ ކުރީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. އެ ވަގުތު ކޮޅުގައި ވެސް ރޮނާލްޑޯ މީގެ ކުރިން ރާއްޖެ އައިކަން ހަނދާންކޮށްދެއްވައި، ދެން އަންނާނީ ކޮން ދުވަހަކުންތޯ އޮޅުން ފިލުވުމަށް މަހުލޫފް މަސައްކަތް ކުރެއްވިއެވެ.
ރޮނާލްޑޯގެ އިތުރުން މަހުލޫފް ރޭ ވަނީ އަލް އިއްތިހާދު ޓީމަށް ކުޅެމުން އަންނަ، ފްރާންސާއެކު 2018 ވަނަ އަހަރުގެ ވޯލްޑްކަޕް އުފުލާލި ހުނަރުވެރި މިޑްފީލްޑަރު އެންގޯލޯ ކަންޓޭއާއި ލިވަޕޫލަށް ކުޅުނު ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯއާވެސް ބައްދަލު ކުރައްވައި ފޮޓޯ ނަންގަވާފައެވެ. އެ ދެ ކުޅުންތެރިންނާ ބައްދަލު ކުރެއްވީ ޗޭންޖިން ރޫމްގައެވެ.
މީގެ ކުރިން މުޅި ދުނިޔެއަށް މަޝްހޫރު އެތައް ކުޅުންތެރިންނަކާއި އެތައް ސްޓާރުންނަކާ ބައްދަލުވެފައި ވީނަމަވެސް ރޮނާލްޑޯއާ ބައްދަލުވި ބައްދަލުވުން މަލުހޫފަށް މާ ޚާއްޞައެވެ. އެއީ މިއީ މިފެންވަރުގެ ކުޅުންތެރިއަކާ ބައްދަލުވި ފުރަތަމަ ފަހަރު ކަމަށްވާތީއެވެ. ނަމަވެސް މި ވަރަކުން އަދި މަހުލޫފަކަށް ނުފުދެއެވެ.
މަހުލޫފަށް އެންމެ ކަމުދާ ފުޓްބޯޅަ ކުޅުންތެރިއަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. ރޮނާލްޑޯއާއި މެސީއަކީ އެއްފެންވަރެއްގެ ކުޅުންތެރިން ކަމަށްވީ ނަމަވެސް މަހުލޫފަށް އެންމެ ބޮޑަށް ތާއީދު ކުރެއްވެނީ މެސީއަށެވެ. އެހެން ކަމުން އޭނާ އެންމެ ބައްދަލު ކުރައްވަން ބޭނުންވާ ތަރިއަކީ މެސީއެވެ.
"އަހަރެންގެ ވެސް އެންމެ ފެވަރެޓް މީހަކީ މެސީ. އެންމެ ބޭނުން ވަނީ މެސީއާ ބައްދަލުކޮށްލަން." އަދި ނުފުދޭކަން ހާމަ ކުރައްވަމުން މަހުލޫފް ވިދާޅުވިއެވެ.