ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެންޒެމާއަށް، އެންމެ މޮޅު ކޯޗަކީ އެންޗޮލެޓީ

ކަރީމް ބެންޒެމާ ޔުއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީއާއެކު---

ޔޫއެފާއިން ހޮވާ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާއަށް ލިބުނުއިރު އެންމެ މޮޅު ކޯޗުގެ މަގާމު ރެއާލްގެ ކޯޗު ކާލޯސް އެންޗޮލޮޓީއަށް ލިބިއްޖެއެވެ.

މިދިޔަ ސީޒަނުގައި ރެއާލްއިން 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ބެންޒެމާ ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 15 ގޯލުޖަހައި ފަސް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފައެވެ.

ބެންޒެމާ ޔޫއެފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު ހޯދީ މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާއާއި، ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަދަކޮށެވެ.

މީގެއިތުރުން އެންމެ މޮޅު ކޯޗުގެ މަގާމަށް އެންޗޮލެޓީއާއެކު ލިވަޕޫލްގެ ޖާގެން ކްލޮޕް އާއި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ ވަނީ ވާދަކޮށްފައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި ޔޫއެފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކޯޗުގެ މަގާމުގެ އިތުރުން އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ވަނީ ހޮވާފައެވެ.

އަންހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސްއެވެ. އޭނާ ވަނީ ބާސާއާއެކު ލީގު ކާމިޔާބުކޮށް ކޮޕަޑެލް ރެއިނާާ އާއި، ސްޕެއިން ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ބާސާ ޗެމްޕިއަންސް ލީގު ފައިނަލަށް ދިއުމުގައި ޕުޓޭޔާސްގެ ދައުރު ބޮޑެވެ. އޭނާއާ ވާދަކޮށްފައިވަނީ އާސެނަލްގެ ބެތު މީޑްގެ އިތުރުން ވޮލްފްސްބާގްގެ ލެނާ އޮބަޑޯފްއެވެ.

comment ކޮމެންޓް