ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޕެރިސް ސެއިންޓް ޖާމެއިން އަތުން ބަލިވެ، މެންޗެސްޓާ ސިޓީ ކެޓުމުގެ ބިރު ބޮޑުވެއްޖެއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 4-2 އިންނެވެ.
ފުރަތަމަ ހާފުގައި ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ލަނޑެއް ނުފެނުނެވެ. އެކަމަކު، ދެވަނަ ހާފު ފެށިގޮތަށް ފަސްވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑެއް ޖަހައި ލީޑު ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ ދެވަނަ ހާފަށް ކުޅެން ނުކުތް ޖެކް ގްރީލިޝެވެ.
އޭގެ އަށް މިނެޓު ފަހުން ގްރީލިޝް ފަހިކޮށްދިން ފުރުސަތެއްގައި ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ އާލިން ހާލަންޑެވެ.
ނަމަވެސް، މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން ޕީއެސްޖީއިން ވަނީ އެ ޓީމުގެ ބަދަލު ކުޅުންތެރިޔާ އުސްމާން ޑެންބެލޭ ކާމިޔާބުކޮށްދިން ލަނޑާ އެކު ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑާ އެކު ދެން ފެނުނީ ޕީއެސްޖީން މެޗުގެ ކޮންޓްރޯލް އަތުލާ ފުލުފުލުގައި ސިޓީގެ ގޯލަށް ނުރައްކާކުރި ތަނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ބްރެޑްލީ ބާކޯލާ ކާމިޔާބުކޮށްދިން ލަނޑުން ނަތީޖާ ހަމަހަމަކުރިއެވެ. ޕީއެންސްޖީން ލީޑު ނެގީ 78 ވަނަ މިނެޓުގައި ޖާއޮ ނެވޭސް ޖަހައިދިން ލަނޑުންނެވެ. އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ގޮންކާލޯ ރާމޯސެވެ.
މި ކާމިޔާބީއާ އެކު ޕީއެސްޖީން މިވަނީ ހަތް މެޗުން ލިބިފައިވާ 10 ޕޮއިންޓާ އެކު މުބާރާތުގެ ފަހު 16 ޓީމުން ޖާގަ ހޯދުމަށް ކުޅޭ ޕްލޭ އޮފް ޖާގައެއް ލިބޭ ހިސާބަށް މި ވަގުތަށް ގޮސްފައެވެ. އެއީ، 22 ވަނައަށް ކުރިއަށް ޖެހިލައިގެންނެވެ. ސިޓީ މިހާރު އޮތީ އަށް ޕޮއިންޓާ އެކު 25 ވަނައިގައި ކަމުން އެ ޓީމަށް ޕްލޭ އޮފްގެ ޖާގައެއް ލިބޭނީ އަންނަ ހަފުތާގައި ކްލަބް ގްރޫޖާ ބައްދަލުކުރާ މެޗު ކާމިޔާބުކޮށްގެންނެވެ.
އެ މެޗު އެއްވަރުވިޔަސް ސިޓީ މި ފަހަރުގެ ޗެމްޕިއަންސް ލީގުން ކަޓާނެއެވެ. މި މުބާރާތުގައި އޭސީ މިލާނާއި ޖިރޯނާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށް، މިލާނުން ވަނީ ފަހު 16 ޓީމުގެ ބުރުން ސިދާ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފައެވެ.
މެޗުގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަފައެލް ލިއާއޮއެވެ. މި ކާމިޔާބީއާ އެކު މިލާން މިހާރު އޮތީ 15 ޕޮއިންޓާ އެކު ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. ޖިރޯނާ އޮތީ ތިން ޕޮއިންޓާ އެކު 31 ވަނައިގައެވެ.