އެސްއޯއެފްގެ އެކައުންޓް ފްރީޒް ކޮށްދޭން އަލުން އެދެނީ

އޭސީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް-- ސަން ފޮޓޯ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓު ފްރީޒްކޮށްފައި އޮންނަތާ ގިނަ އަހަރުތަކަކަށްފަހު އެ އެކައުންޓް އަންފްރީޒް ކޮށްފައިވާތީ އަލުން ފްރީޒް ކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން މިއަދު ބުނެފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ އެކައުންޓް އަންފްރީޒް ކުރަން ސިވިލް ކޯޓުން އަމުރުކުރީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއާއެކު އެ އެކައުންޓުން ފައިސާ ނެގުމާއި ޖަމާ ކުރުމުގެ ބާރު އެސްއޯއެފްއަށް ލިބިގެން ދާނެއެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ މިއަދު "ސަން"އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އަދިވެސް ބަލަމުން ދާތީ އެސްއޯއެފްގެ އެކައުންޓްތައް އަލުން ފްރީޒުކޮށް ދިނުމަށް އެދި ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

"އެ އެކައުންޓްގައި ފައިސާ ހުރި އަދަދާއި އެކަހަލަ މައުލޫމާތުތައް މިހާރު ބަލަމުން މިދަނީ،" ނިޝާން ވިދާޅުވިއެވެ.

https://sun.mv/167576

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މައްސަލަ ކޯޓަށް ވެއްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްއޯއެފް ކުންފުނީގެ މައި ހިއްސާދާރު، މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަހުގީގު ހިންގަން ފެށިއެވެ.

ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވާތީ އޭނާ އާއި އިތުރު ބަޔަކު ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް މި ސަރުކާރު އައިފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މޮހޯގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ދައުލަތުގެ ހެއްކަކަށް އޭނާ ހަދައިފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދެވިއެވެ. ނަމަވެސް މިހާރު އެ ކޮމިޝަން ވަނީ އުވާލައިފައެވެ.

މިހާތަނަށް މި ސަރުކާރުން ކުރި މަސައްކަތުން ވެސް އެ ޚިޔާނާތުގެ ފައިސާ ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

comment ކޮމެންޓް