އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފްގެ އެކައުންޓު ފްރީޒްކޮށްފައި އޮންނަތާ ގިނަ އަހަރުތަކަކަށްފަހު އެ އެކައުންޓް އަންފްރީޒްކޮށްފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ އެކައުންޓް އަންފްރީޒް ކުރަން ސިވިލް ކޯޓުން އަމުރުކުރީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.
އެސްއޯއެފް ކުންފުނީގެ މައި ހިއްސާދާރު، މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ މައްޗަށް އެ މައްސަލާގައި ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަހުގީގު ހިންގަން ފެށިއެވެ.
ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވާތީ އޭނާ އާއި އިތުރު ބަޔަކު ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. ނަމަވެސް މި ސަރުކާރު އައިފަހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މޮހޯގެ މައްޗަށް ދައުވާ ނުކުރަން ނިންމައި ދައުލަތުގެ ހެއްކަކަށް އޭނާ ހަދައިފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދެވިއެވެ. ނަމަވެސް މިހާރު ވަނީ އެ ކޮމިޝަން އުވާލައިފައެވެ.
މިހާތަނަށް މި ސަރުކާރުން ކުރި މަސައްކަތުން ވެސް އެ ޚިޔާނާތުގެ ފައިސާ ހޯދިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.