އައްޝަބާބު ޖަމާއަތުގެ ޓެރަރިސްޓުން ސޮމާލިއާގެ ހޮޓަލަކަށް ވަދެގަނެ 12 މީހުން މަރާލައިފި

12 މީހުން މަރާލި ހަޔާތު ހޮޓަލުގެ ކައިރީގައި ސޮމާލިއާގެ ފުލުހުން ހަރަކާތްތެރިވަނީ

މުގަދީޝޫ (21 އޮގަސްޓް 2022): ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގެ ހޮޓަލަކަށް ޓެރަރިސްޓުންގެ ބަޔަކު ވަދެ އެތަށް ބަޔަކު ރަހީނު ކުރުމަށްފަހު އޭގެތެރެއިން 12 މީހުންގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ސޮމާލިއާގެ ފުލުހުން ބުނާގޮތުން ޓެރަރިޒަމްގެ މިއަމަލު ހިންގާފައިވަނީ އެގައުމުގެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އައްޝަބާބް ޖަމާއަތެވެ. މިއީ އަލްގާއިދާ އާ ގުޅިފައިވާ ތަކްފީރީ ޖަމާއަތެކެވެ. މިޖަރީމާ ހިންގާފައިވަނީ މުގަދީޝޫގެ ހޮޓަލެއްކަމަށްވާ ހަޔާތު ހޮޓަލުގައެވެ.

އެ ހޮޓަލަށް އައްޝަބާބް ޖަމާއަތުގެ ޓެރަރިސްޓުން ވަދެގަނެ މީހުން ރަހީނުކޮށްފައިވަނީ ހޮޓަލުގެ ކުރިމަތީގައި ދެ ކާރުބޮން ގޮއްވާލުމާއެކު ކުރިމަތިވި ހަލަބޮލިކަމުގެ ތެރެއިންނެވެ. ސޮމާލިއާގެ ފުލުހުން ބުނާގޮތުން ރަހީނުކޮށްފައިވާ މީހުންގެ ތެރެއިން މިހާތަނަށް މަރާލާފައިވަނީ 12 މީހުންނެވެ. އޭގެތެރޭގައި ގިނައީ އާންމުންނެވެ. ރަހީނު ކޮށްފައިވާ އެހެންމީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހަޔާތު ހޮޓަލަކީ، ސޮމާލިޔާގެ ޕާލަމެންޓް މެންބަރުންނާއި ސަރުކާރުގެ އިސް މަސްއޫލުވެރިން ވަރަށް ގިނައިން ވަޑައިގެން އުޅުއްވާ ހޮޓަލެކެވެ. ރަހީނު ކުރިމީހުންގެ ތެރޭގައި ޕާލަމެންޓްގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް މަސްއޫލުވެރިން ހިމެނޭކަމަށްވެއެވެ. ނަމަވެސް ބަޑިޖަހައި މަރާލިމީހުންގެ ތެރޭގައި އެފަދަ ބޭފުޅަކު ހިމެނޭކަން ނުވަތަ ނޫންކަން ކަށަވަރު ވެފައެއް ނުވެއެވެ.

އައްޝަބާބް ޖަމާއަތަކީ ނައިޖީރިއާގެ ބޯކޯ ހަރާމް ޖަމާއަތް ފަދަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެކެވެ. އެޖަމާއަތުން މަސައްކަތް ކުރަނީ ސޮމަލިއާގެ ސަރުކާރު ވައްޓާލުމަށްފަހު އެގައުމުގެ ވެރިކަމަށް އަތްގަދަ ކުރުމަށެވެ. އެކަމަށް މަސައްކަތްކުރާތާވަނީ 10 ވަރަކަށް އަހަރު ވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް