މިސަރުކާރަށް ހަތަރު އަހަރުގެ ތެރޭގައި އުފެއްދުނީ ހަތަރުހާސް ވަޒީފާ: ރައީސް ޔާމީން

ހަވާލޭ ވަތަން ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން 104،000 ވަަޒީފާ އުފެއްދުނުއިރު މި ސަރުކާރަށް ހަތަރު އަހަރު ދުވަހުން އުފެއްދުނީ 4،000 ވަޒީފާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރަން 'ހަވާލޭ ވަތަން'ގެ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެންްމެ ބޮޑަށް މި ސަރުކާރުން އިހުމާލުވެފައި އޮތީ ޒުވާނުންނަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ހަކަތައަކީ، އަދި ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ ދެބަޔަކީ ޒުވާނުން ކަމަށް ވީހިނދު ސަރުކާރު ޓެސްޓުން ފާސްވޭތޯ ބެލުމަށް އެންމެ ފުރަތަމަ މިނެ ކިރާލަން ޖެހޭނީ ޒުވާނުންނާ ދޭތެރޭ މި ސަރުކާރުން ކަން ކުރަމުންދާ ގޮތުން ކަމަށެވެ. އެ ޓެސްޓުން މި ކޯލިޝަން ސަރުކާރު ފެއިލް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒުވާނުންނަށް އަޅާލުމުގައި މި ސަރުކާރުން ފެއިލްވެފައިވާއިރު ޒުވާނުންނަށް ޚާއްސަކޮށް ވަޒީފާ އުފެއްދެވުން އެއީ އެމަނިކުފާނުގެ ދައުރުގައި ކުރެވުނު ބުރަ އަދި މުހިއްމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކުޑަކުޑަ އިގްތިޞާދެއްގެ ތެރޭގައި ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްލައްކަ ވަޒީފާ އުފެއްދުމަކީ ފަސޭހަކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދު ސަރުކާރު އޮތީ ސްޓިކާއިން ހިންގާ ސަރުކާރަކަށް ބަދަލުވެފައި ކަމަށެވެ. އަދި ރާއްޖެ މިހާރުވެސް އަދި މުސްތަގްބަލު ވެސް އެބައެއްގެ އަތްމަތީގައި އޮތް ޒުވާނުން ހަލާކުގެ ތެރެއަށް ވެއްޓެމުން ދާކަމަށެވެ.

މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ވައުދުތައް ނުފުއްދި، ބޮޑުތަނުން ސަރުކާރު ފެއިލްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާތަނަށް މި ސަރުކާރުން ކުރިހާ ވެސް ކަމަކީ އެ މަނިކުފާނުގެ ސަރުކާރުން ފެއްޓެވި މަޝްރޫއުތަކުގެ ރިބަން ކެނޑުން އެކަނި ކަމަށެވެ. އަދި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކޮށްފައިވާ ގޮތަށް ވެސް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

އެގޮތުން، ރާއްޖޭގެ ދަރަނީ ހަ ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށާއި، ސްކޫލްތަކާއި ހޮސްޕިޓަލްތައް ވެސް އެ ދަރަނިތަކުގައި ރަހުނު ކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު، ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީނަށް ވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލުކޮށްފައެވެ. އެ ޓިކެޓު ހަވާލުކުރުމުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މަންދޫބުން ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް