ނިޒާމީ ވޯޓަކަށް ދާނަމަ 100 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ: އީސީ

އީސީގެ ރައީސް ފުއާދު ތައުފީގު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ އެކަމަށް 100 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އީސީގެ ރައީސް ފުއާދު މިއަދު "ސަން"އަށް ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައްޔިތުންގެ މަޖިލީހުން އީސީއަށް އަންގައިފި ނަމަ، އެ ވޯޓަށް ތައްޔާރުވާން އެ އަންގާ ދުވަހުން ފެށިގެން 60 ދުވަސް ނަގާނެ ކަމަށެވެ.

ނަމަވެސް ނިޒާމީ ވޯޓަކަށް ތައްޔާރުވާން އީސީގައި ބަޖެޓެއް ނެތް ކަމަށާއި އެއަށް ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓްރީން ހަމަޖައްސައިދޭންވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

"މިހާރު ރިޔާސީ އިންތިހާބު ބާއްވާ ފެންވަރުގައި ނިޒާމީ ވޯޓުވެސް ނަގަން ބޭނުންވަނަމަ 100 މިލިއަން ޚަރަދުވާނެ ކަމަށް ބެލެވެނީ. އެއީ އަސްލު ރާއްޖެއިން ބޭރުގަ އާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކާއި ރިސޯޓު ތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ވެސް ޖެހޭތީ. އަނެއްކާ ވޯޓު ކަރުދާސް ޕްރިންޓުކުރުމާ މިކަންކަން،" ފުއާދު ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ވޯޓެއް ނެގުމަކީ އީސީއަށް އިތުރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަކީ ދޭތެރެއަކުން ދިވެހިންގެ ތެރޭގައި ބަހުސް ކުރެވޭ ކަމެކެވެ.

ނަމަވެސް މިފަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ބަހުސް ފެށިގެން ދިޔައީ، ރިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހެޅުއްވުމުންނެވެ.

މީގެ އިތުރުން އިއްޔެ ހެނދުނު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ވެސް ތިލަކޮށްދެއްވާފައެވެ.

އެގޮތުން މިހާރު އޮތް ގާނޫނު އަސާސީއަށް ބަދަލު ގެނެވި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މި އަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިންގަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމުގެ ހުވަފެން ދެކެވަޑައިގެންނަވާ ބޭފުޅެކެވެ. މީގެ ކުރިންވެސް އެތައް ގޮތަކަށް އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރައްވަން ބޭނުންފުޅުވާކަން އެކި ޕްލެޓްފޯމުތަކުގައި ހާމަކުރައްވާފައެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ބޭނުންފުޅު ވާކަން ރައީސްއަށް ދަންނަވާފައެވެ. އަދި ބޮޑުވަޒީރަކަށް ވާން ތައްޔާރަށް ހުންނެވިކަން ހާމަ ކުރެއްވިއެވެ.

https://sun.mv/167342

މިހާރުވެސް ރައީސް ނަޝީދުގެ މަސައްކަތްޕުޅުތައް ހުންނެވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މިސްރާބަށެވެ. ނަމަވެސް އިދިކޮޅު ގިނަ ލީޑަރުން ވަނީ ނިޒާމު ބަދަލުކުރުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް