ހުޅުމާލޭ ފޭސް އެކެއްގެ ގެއެއްގެ ބަދިގޭގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއްލުން ލިބުނު އާއިލާއަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމް)އިން ވަގުތީ ބޯހިޔާވަވަހިކަން ހަމަޖައްސަދީފިއެވެ.
އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ދެމަފިރިއަކާއި ތިން ކުޑަކުދިން ދިރިއުޅެމުން ދިޔަ ދެކޮޓަރީގެ އެޕާޓްމަންޓެއްގައި ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން އެ އޮތޯރިޓީން ވަނީ އެ އާއިލާއަށް ހަތް ދުވަހަށް ކެއިންބުއިމުގެ ޚަރަދު ހަމަޖައްސައިދީ، ހަމަ އެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
އެންޑީއެމްއޭއިން ބުނީ ހަތް ދުވަހުގެ ތެރޭގައި އެ އާއިލާއަށް ކުރިން ދިރިއުޅެމުން ދިޔަ ގެއަށް އަނބުރާ ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާ ހިނގީ ބަދިގޭގައި އުދާފައި ހުރި ތެއްޔެއްގައި ރޯވެގެން ކަމަށެވެ. އެމްއެންޑީއެފްއަށް އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު 14:09ހާއިރުއެވެ.
އެ ހާދިސާގައި، އަލިފާން ނިއްވޭލެއްވުމުގެ ކުރިން ބަދިގޭގައި ހުރި ކަބަޑާއި އޭގައި ހުރި ބައެއް ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.