އެފްއޭ ކަޕްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބު(ސަސް) އިން ކުލަބު އީގަލްސް ބަލިކޮށް, އެ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ސަސް ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، 2-2ގެ ނަތީޖާއަކުން އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން މޮޅުވެގެންނެވެ. ސަސްއިން ޕެނަލްޓީގައި ކުރި ހޯދީ 7-6ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ. އެެހެންނަމަވެސް ގިނަ ފުރުސަތުތަކުގެ ބޭނުން ނުހިފި ވަނީ ބޭކާރުވެފައެވެ.
އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ސަސްއިން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އިބްރާހީމް އަތީގު ހަސަން ކާމިޔާބުކޮށްދިން ގޯލެކެވެ.
ނަމަވެސް މެޗުގެ 31 ވަނަ މިނެޓުގައި އީގަލްސްގެ ބޫރުނޯ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ސަސްގެ މުޙައްމަދު ސާމިރު ވަނީ ގޯލެއް ޖަހައި އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.
އެ ނަތީޖާއާއެކު ސަސް މޮޅުވާން ދަނިކޮށް އީގަލްސްގެ އަބުދުالله ޒިޔާން 82 ވަނަ މިނިޓްގައި ގޯލެއް ޖަހައި ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގެ ފުރަތަމަ ޕެނަލްޓީ ޖަހައިފައިވަނީ ސަސްއިންނެވެ. އެ ޕެނަލްޓީ އައިހަމް އަހުމަދު އަތުން ބޭކާރުވިއިރު އެ ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ މުޙައްމަދު ޝަހާއު ޖަހައިފައިވަނީ ގޯލުގެ މަތީ ދަނޑިއަށެވެ. އަދި އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ސާމިރު ޖަހައިފައިވަނީ ބޭރަށެވެ.
އީގަލްސްގެ ފުރަތަމަ ޕެނަލްޓީ ހަސަން ރާއިފް އަހުމަދު (ހަންނަ)އަށް ވަނީ ނާކާމިޔާބުވެފައެވެ. އެ ޕެނަލްޓީ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާ ސަސްގެ ގޯލް ކީޕަރު ޔޫސުފް މީސަމް އަބްދުﷲ މަތަކޮށްފައެވެ.
އީގަލްސްގެ ދެވަނަ ޕެނަލްޓީ ވެސް ކީޕަރު ޔޫސުފް ވަނީ އިތުބާރާއެކު މަތަކޮށްފައެވެ. އެ ޕެނަލްޓީއަކީ އީގަލްސްގެ މުޙައްމަދު ނާއިމް ޖެހި ޕެނަލްޓީއެކެވެ.
އީގަލްސްގެ ހިސާން ސަލީމް ޖެހި ޕެނަލްޓީ ޔޫސުފް ދިފާއުކޮށް އީގަލްސްގެ ޞަލާހު އަލީ ޖެހި އެ ޓީމުގެ ފަސްވަނަ ޕެނަލްޓީ ވެސް ހިފަހައްޓައި މީސަމް ވަނީ ސަސްއަށް މެޗު ކާމިޔާބުކޮށްދީފައެވެ.
ސެމީފައިނަލްގައި ސަސް ވާދަކުރަން ޖެހޭނީ ކްލަބް ވެލެންސިޔާއާއެވެ. އެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައެވެ.