ވޮޝިންޓަން (15 އޮގަސްޓް 2022) : ޗައިނާގެ ސަރަހައްދެއް ކަމަށްވާ ތައިވާނުގެ މައްސަލައިގެ ތެރެއަށް އެމެރިކާ ވަންނާތީ ޗައިނާ ރުޅި އައިސްފައިވަނިކޮށް އަނެއްކާވެސް ޗައިނާގެ ރުޅިވެރިކަން އިތުުރުވާނެ އަމަލެއް އެމެރިކާ ހިންގައިފިއެވެ.
އެމެރިކާ މިފަހަރު ކުރި ކަމަކީ އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިތުރު ވަފްދެއް ޗައިނާގެ ހުއްދައަކާ ނުލައި ތައިވާނަށް ފޮނުވުމެވެ. މީގެކުރިން ޗައިނާ ރުޅި އައިސްފައި ވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ މި އޮގްސްޓް މަހުގެ 2 ވަނަ ދުވަހު ތައިވާނަށް ވަޑައިގަތުމާ ގުޅިގެންނެވެ.
ޕެލޯސީ ތައިވާނަށް ވަޑައިގެންނެވީ ވެސް ހައުސްގެ ބޮޑު ވަފްދަކާއެކުގައެވެ. ޕެލޯސީ ތައިވާނަށް ވަޑައިގަތީ އެކަން ނުކުރުމަށް ޗައިނާއިން އެމެރިކާއަށް އިންޒާރުތައް ދެމުން ގެންދަނިކޮށެވެ. ޗައިނާ އިތުރަށް ރުޅި އަރުވާލުމުގެ ގޮތުން މިފަހަރު ތައިވާނަށް ވަޑައިގެންފައި މިވަނީ އެމެރިކާގެ ހައުސްގެ މެމްބަރުންގެ ދެވަނަ ވަފްދެކެވެ.
ތިން މެންބަރުންގެ މި ވަފްދުގައި ހައުސްގެ ބައިނަލްއަގްވާމީ ސައިބަރ ސެކިޔުރިޓީއާ ބެހޭ ސަބް ކޮމިޓީގެ މުގައްރިރު އެޑް މާކީ އާއި ހައުސްގެ ހަތިޔާރުތަކާބެހޭ ވޯކިންގް ގްރޫޕުގެ މެންބަރެއް ކަމަށްވާ ޖޯން ގެރެމެންޑީ އަދި ހައުސް މެންބަރެއް ކަމަށްވާ ޑޮން ބޭޔާ ހިމެނިވަޑައިގަންނަވައެވެ. މި ވަފްދުގެ އިސް ވެރިއަކީ އެޑް މާކީއެވެ.
ތައިވާނަކީ 1949 ވަނަ އަހަރު ޗައިނާއިން ވަކިވެގަނެގެން ވަކިވެރިކަމެއް ކުރާ ޗައިނާގެ ޖަޒީރާއެކެވެ. ތައިވާނުން ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި ވަކި ވެރިކަމެއް ކުރަމުން ގެންދިޔަ ނަމަވެސް ތައިވާނުން މިހާތަނަށް ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާނުކޮށްފައެއް ނުވެއެވެ.
ވަކި ދައުލަތެއްގެ ގޮތުގައި މިނިވަންކަން އިއުލާނުކޮށްފިނަމަ ބާރުގެ ބޭނުންކޮށްގެން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ތައިވާން ގެންނާނެކަމުގެ އިންޒާރު ޗައިނާ ދެމުން ގެންދެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާ އަކީވެސް އެއްޗައިނާ ގެ ސިޔާސަތު (ތައިވާން އަކީ ޗައިނާގެ ބައެއްކަމަށް ދެކޭ ސިޔާސަތު) ގަބޫލުކުރާ ގައުމެވެ. ނަމަވެސް އެމެރިކާ މިހާރަކަށް އައިސް ތައިވާނާ މުއާމަލާތް ކުރަނީ މުސްތަގިއްލު ދައުލެއް ފަދަ ގޮތަކަށެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ދާދިފަހުން ވަނީ ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ތައިވާން ގެންދިޔުމަށްޓަކައި ޗައިނާ އަސްކަރީ ބާރުބޭނުން ކުރާ ނަމަ ތައިވާންގެ ދިފާއުގައި އެމެރިކާ ސީދާގޮތެއްގައި ތެދުވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން ވައިޓް ހައުސްއިން ވަނީ ބައިޑެން ވިދާޅުވީ ތައިވާންގެ ދިފާއުގައި އެމެރިކާ ސިފައިން ހަނގުރާމަ ކުރާނެ ވާހަކަ ނޫންކަމާ އެފަދަ ހާލަތެއްގައި އެމެރިކާ ތައިވާނަށް ދޭނީ ހަތިޔާރާއި އަސްކަރީ އަދި ސިޔާސީ މަދަދުކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
އެބަޔާނުގައި އެމެރިކާ އަދިވެސް އޮތީ އެއް ޗައިނާގެ ސިޔާސަތު (ތައިވާން އަކީ ޗައިނާގެ ބައެއްކަމަށް ދެކޭ ސިޔާސަތު) ގަބޫލުކުރުން މަތީގައި ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އެއަށްފަހު މި އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ ވަނީ ހައުސްގެ ގިނަ މެންބަރުންތަކަކާއެކު ޗައިނާގެ ހުއްދައަކާ ނުލައި އަދި ޗައިނާއަށް ގޮން ޖައްސަވާފައި ތައިވާނަށް ޒިޔާރަތް ކުރައްވާފައެވެ.
މި ޒިޔާރަތަށް ޗައިނާ ރައްދު ދީފައިވަނީ ތައިވާނާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅައިގެންނާ ދިހަވަރަކަށް ދުވަސް ވަންދެން ތައިވާނުގެ ވަށައިގެން އަސްކަރީ ތަމްރީންތަކެއް ބާއްވައި ތައިވާނަށް ފިއްތުންތައް ކުރިމަތި ކޮށްގެންނެވެ.
މީގެއިތުރުން ޗައިނާއިން ވަނީ އެމެރިކާގެ ދުޝްމަނުން ކަމަށްވާ ރަޝިއާއާއި އީރާން ފަދަ ގައުމުތަކަށް ޖިއޮސްޓްރެޓީޖިކް ގޮތުން ވާގިވެރިވާނެކަމުގެ އިޝާރާތްތަކެއްވެސް އެމެރިކާއަށް ދީފައެވެ. ނަމަވެސް މިކަމަށް ބެލުމެއްނެތި އެމެރިކާ މިވަނީ ޗައިނާ ރުޅިއެރުވުމަށްޓަކައި ތައިވާނަށް އަނެއްކާވެސް ކޮންގްރެސްގެ އިތުރު ވަފްދެއް ފޮނުވާފައެވެ.
މުހައްލިލުން ދެކޭގޮތުގައި އެމެރިކާގެ ބޭނުމަކީ ޗައިނާ ރުޅިއަރުވައިގެން ޗައިނާއާއި ތައިވާނާ ދެމެދު ހަނގުރާމައެއް ފައްޓުވައިގެން ތައިވާނަށް ހަތިޔާރު ވިއްކޭނެ ފުރުސަތެއް ހޯދުމެވެ. ތައިވާނަށް ހަތިޔާރު ވިއްކުމުގެ ފުރުސަތު އެމެރިކާއަށް ލިބުމަކީ ހަތިޔާރު އުފައްދާ އެމެރިކާގެ ކުންފުނިތަކަށް ވަރަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ ކަމެކެވެ.
މީގެއިތުރުން ހަނގުރާމައެއްގެ ތެރެއަށް ޗައިނާ ވަނުމަކީ ޗައިނާގެ އިގްތިސާދީ ދުވެލި މަޑުޖެހި އެމެރިކާގެ މައްޗަށް އިގްތިސާދީ ގޮތުން ގަދަވެގަތުމަށް ޗައިނާ ކުރާ މަސައްކަތްތައް މަޑުޖެހި ލަސްވެގެން ދާނެ ކަމެއް ކަމުން އެމަޅީގައި ޗައިނާ ޖެއްސުމަކީ އެމެރިކާ ވަރަށް ބޭނުން ކަމެއްކަމަށް ގިނަ މުހައްލިލުން ދެކެވަޑައިގަންނަވައެވެ.