ނަޝީދުގެ ބަރުލަމާނީ ހުވަފެނުގެ ޓައިމްލައިން ތިލަކޮށްދެއްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ ނާއިލް ހުސައިން

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ތަޞައްވުރު ތިލަކޮށްދެއްވައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. އަދި އެކަން ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނެއުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން މިހާރު އޮތް ގާނޫނު އަސާސީއަށް ބަދަލު ގެނެވި ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މި އަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިންގަމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންްތިހާބު އެއީ ގާނޫނު އަސާސީ އިސްލާހު ކުރެވިފައިވާ ގޮތަށް ބޭއްވޭ ރިޔާސީ ނިޒާމަކަށްވެ އަދި 2024 ވަނަ އަހަރު ބޭއްވޭ ރައްޔިތުން މަޖިލީހުގެ އިންތިހާބާ އެކުގައި އަޅުގަނޑުމެންނަަށް ފުރިހަމަ ބަރުލަމާނީ ނިޒާމުގައި މަސައްކަތް ކުރަން ފެށޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމްޑީޕީގެ އެކި ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާނެ ކަން ޔަގީން ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވަނީ މީގެ ކުރިން ވެސް ރާއްޖޭއަށް އެންމެ އެކަށީގެންވާ ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެ މަސައްކަތްކުރެއްވި ބޭފުޅެކެވެ.

ހަމައެއާއެކު މިދިޔަ ބުރާސްފަތި ދުވަހު ނަަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އާންމު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މި މަހުގެ 19ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ.

އެ ގަރާރުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެ ވޯޓުގެ ނަތީޖާއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮންނަން ފެނިއްޖެ ނަމަ، ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

އެގޮތުން، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާއަކީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ބޮޑުވަޒީރެއް ކަމުގައި ކަނޑައެޅުމަށާއި، ދައުލަތުގެ އެންމެ އިސްވެރިޔާއަކީ އާންމުންގެ ވޯޓަކުން އިންތިޚާބުކުރާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުމަށް ހުށަހަޅާފައިވެއެވެ.

އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒުގެ ތާއީދާއެކު ހުށަހެޅި ގަރާރުގައި، މަޖިލިސް އިންތިޚާބުގައި ޕާޓީތަކަށް ލިބޭ ވޯޓުގެ ނިސްބަތަށް ބަލައި، ޕާޓީއަށް ހާއްސަކުރެވޭ ނޭޝަނަލް ލިސްޓުގައި މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ހުށަހަޅުއްވާފައިވެއެވެ.

މީގެ އިތުރުން، ސަރުކާރު ހިންގާ ވަޒީރުންގެ މަޖިލީހަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެެއިން އެކުލަވާލެވޭ މަޖިލީހަކަށް ހެދުމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87 އަށްވުރެ، އިތުރު ނުވާނޭހެން ހިފެހެއްޓުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެއާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެއް ކަމުގައި ކަނޑައަޅާ، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ސިފަތައް ގާނޫނުގައި ހިމެނުމަށް ވެސް ހުށަހަޅާފައިވެއެވެ.

އެ ގަރާރު ހުށަހެޅި ސަބަބުތައް ކަމުގައި ބުނެފައިވަނީ ގާނޫނު އަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިވާ ގޮތުން، އެއް ޕާޓީއެއް އެކަނި ވެރިކަމަށް އިންތިޚާބުވެ، މުތުލަގު ބާރުތަކާ އެކު ވެރިކަން ހިންގުމަކީ ނާދިރު ކަމެއް ކަމަށް ވެފައިވާ ކަމަށާއި، އެމްޑީޕީން ވެރިކަމަށް އައުމަށް އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުން، ސަރުކާރާ މެދު އާންމު މެންބަރުންގެ އިތުބާރު ކުޑަވެފައިވުމެވެ.

މީގެ ކުރިން، އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދުކުރާ މެންބަރުންގެ ހަރަކާތްތައް އިތުރުކޮށްފަައެވެ. އެގޮތުން، އެ ދުވަސްވަރު ބަރުލަމާނީއަށް ތާއީދުކުރާ މެންބަރުން ވަނީ ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވެރިކަމުގެ ނިޒާމު ކަނޑައަޅަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ލީޑަރުން ވަނީ ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

comment ކޮމެންޓް