އިނގިރޭސި ޕްރެމިއާ ލީގުގައި އާސެނަލް އާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު އެ ޓިމުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އާސެނަލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އަދި އެޓީމުގެ ފަރާތުން މެޗުގައި ގިނަ ހަމަލާތަކެއް ވެސް ވަނީ އުފައްދާފައެވެ.
އެގޮތުން، މެޗުގެ 23 ވަނަ މިނެޓުގައި އާސެނަލްއަށް މި ސީޒަނަށް އަލަށް ގުޅުނު ގަބްރިއާލް ޖީސަސް ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ އެ ޓީމުގެ ގްރެނިޓް ޒަކާގެ އެހީތެރިކަމާއެކު އޭނާ ޖަހައިފައިވާ ގޯލެކެވެ.
މީގެ އިތުރުން މެޗުގެ 35 ވަނަ މިނެޓުގައި ޖީސަސް ވަނީ އޭނާގެ ދެވަނަ ގޯލު އަދި މެޗުގައި އާސެނަލްގެ ދެވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އާސެނަލްގެ މާޓިނެލީ ގައިގައި ޖެހިފައި ޖީސަސްއަށް ލިބުނު ބޯޅައަކުން ޖީސަސް ޖެހި ގޯލެކެވެ.
އެ ނަތީޖާއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ދެވަނަ ހާފު ފަށައިގެން ލެސްޓާއިން ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. އެ ގޯލަކީ އެ ޓީމުގެ ޖޭމްސް ޖަސްޓިން ނަގައިދިން ހުރަހެއް އާސެނަލްގެ ވިލިއަމް ސަލީބާ ބޮލުގައި ޖެހިފައި ވަތް ބައި ގޯލެކެވެ.
ނަމަވެސް ޒަކާ ވަނީ މެޗުގެ 55 ވަނަ މިނެޓުގައި ޖޫސުސްގެ އެހީތެރިކަމާއެކު ގޯލެއް ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މީގެއިތުރުން މެޗުގެ 74 ވަނަ މިނެޓުގައި ކްލެޗީ އިހެނާޗޯގެ އެހީތެރިކަމާއެކު ލެސްޓާގެ ޖޭމްސް މެޑިސަން ގޯލެއް ޖަަހައި މެޗުގެ ނަތީޖާގެ ފަރަގު ވަނީ ހަނިކޮށްފައެވެ.
އޭގެ މިނެޓެއްފަހުން އާސެނަލްއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އެ ގޯލުޖަހައިފައިވަނީ މެޗުގެ މޮޅު ކުޅުމެއް ދެއްކި ޖީސަސް ތަނަަސްކޮށްދިން ފުރުސަތެއްގެ ބޭނުންހިފައި ޖަބްރިއާލް މާޓްނެލީއެވެ.