އެފްއޭ ކަޕްގައި ކުލަބް ގްރީން ސްޓްރީޓްސް އިން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް, އެ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗު ގްރީން އިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު، 1-1ގެ ނަތީޖާއަކުން އެއްވަރު ވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން މޮޅުވެގެންނެވެ. އެ ޓީމުން ވަނީ ޖެހި ފަަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ޓީސީއަށް ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ.
އެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
އެގޮތުން މެޗުގެ ފުރަތަމަ ގޯލުޖަހަައި ލީޑު ނަގައިފައިވަނީ ޓީސީއިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އުމަރު ސަލާހުއެވެ. އެ ގޯލަކީ ހަައިޝަމް ރަޝީދު ނަގައިދިން ހިލޭ ޖެހުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ޖެހި ގޯލެކެވެ.
ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރީން އިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ މެޗުގެ 38 ވަނަ މިނެޓުގައި ގްރީންގެ އަންސަރު އިބްރާހީމް ނަގައިދިން ކޯނަރަކުން އެ ޓީމުގެ ބިދޭސީ ޑިފެންޑަރު، ޝުކްރައަލީ ޖަހައިފައިވާ ގޯލެކެވެ.
އެ ނަތީޖާއާއެކު، މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ގޯލު ޖަހާނެ ރަނުގެ ފުރުސަތުތައް ވަނީ ލިބި ބޭކާރުވެފައެވެ. ދެވަނަ ހާފުގެ ނަތީޖާ ވެސް އެއްވަރު ވެގެން ނިމުމާއެކު ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފު ވެސް ވަނީ ކުޅެފައެވެ. އެ ދެ ހާފުގެ ތެރޭގައި ވެސް ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ.
އެހެންކަމުން މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައި ޕެނަލްޓީން ގްރީން ވަނީ މޮޅުވެފައެވެ.
މެޗުގެ ފުރަތަމަ ޕެނަލްޓީ ޖަހައިފައިވަނީ ޓީސީގެ މުހައްމަދު މުސްލިހެވެ. އެ ގޯލު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އަދި ގްރީން ވެސް ވަނީ އެ ޓީމުގެ ފުރަތަަމަ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެ ޕެނަލްޓީ ޖަހައިފައިވަނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އެގަމާޑީއެވެ.
އެހެންނަމަވެސް ޓީސީގެ މުހައްމަދު ފަރުހާން ޖެހި ޕެނަލްޓީ ގްރީންގެ ހާނިފް ސާގިބް މަތަކުރިިއިރު ގްރީންގެ އަންސަރު އިބްރާހީމް ޖެހި، އެ ޓީމުގެ ދެވަނަ ޕެނަލްޓީ، ޓީސީގެ ކީޕަރު ސޫޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.
ދެ ޓީމުގެ ތިން ވަނަ ޕެނަލްޓީ އަދި ހަތަރު ވަނަ ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ޓީސީގެ ތިންވަނަ ޕެނަލްޓީ އެ ޓީމުގެ އަހުނަފް ތަސްނީމް މުހައްމަދު ޖެހިއިރު ހަތަރުވަނަ ޕެނަލްޓީ ޖެހީ ހަސަން އިނާޒްއެވެ. ގްރީންގެ ތިން ވަނަ ޕެނަލްޓީ ޖެހީ ހަސަން ނަޒީމްއެވެ. އަދި ހަތަރު ވަނަ ޕެނަލްޓީ ޖެހީ ފަރުހާދު އިސްމާއިލެވެ.
މެޗުގެ ޓީސީގެ ފަސް ވަނަ ޕެނަލްޓީ މެޗުގެ މޮޅުކުޅުމެއް ދެއްކި ގްރީންގެ ކީޕަރު ސާގިބް ވަނީ މަތަކޮށްފައެވެ. އެ ޕެނަލްޓީ ޖަހައިފައިވަނީ ޓިސީގެ މުހައްމަދު އަޖުފާންއެވެ. ނަމަވެސް ގްރީންގެ ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން ވަނީ ސެމީއަށް ދަތުރުކޮށްފައެވެ.
ސެމީގައި ގްރީން ބައްދަލުކުރަން ޖެހޭނީ ދިވެހި ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއެވެ. އެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ.