ފިލްމީތަރި މަލްގެ މައްޗަށް އުފުލި ޑްރަގް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތެއް ނުވި

ފިލްމީ ތަރި މަލް: އޭނާގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތު ނުވާކަމަށް ވަނީ ހުކުމް ކޮށްފައި ---

ފިލްމީ ތަރި މަލީހާ ވަހީދު (މަލް)ގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަސްތުވާތަކެއްޗާއެކު މަލްއާއި އިތުރު އަންހެނަކު ހައްޔަރުކުރީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު މާލެއިން އދ. މާމިގިއްޔަށް ދިޔަތަނުންނެވެ.

މާމިގިލީ ބަނދުރުމަތިން މަލްއާއި އޭނާއާއެކު ދަތުރު ކުރި ޒުވާނާ ހުއްޓުވައި ބަލާ ފާސްކުރި އިރު އެ މީހުންގެ އަންނައުނު އަޅާފައި ހުރި ދަބަހުގެ ތެރޭގައި 15.7877 ގްރާމް ޑައިމޯފިން އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައިވެއެވެ.

މަލްގެ އިތުރުން އޭނާއާއެކު ދަތުރު ކުރި އެކުވެރިޔާގެ މައްޗަށް ވެސް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލިއެވެ.

އެ ދެ މީހުން ވެސް ދައުވާއަށް އިންކާރު ކުރީއެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ދަބަހުން ފެނުނު މަސްތުވާތަކެތި ނިސްބަތް ވަނީ އެ ދެ މީހުނަށްކަން ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

އެގޮތުން މަސްތުވާތަކެތި ފެނުނު ޕެކެޓުގައި އެ ދެ މީހުންގެ ފިންގާ ޕްރިންޓް ނެތް އިރު ދަބަހުން ދައުވާ އުފުލާފައިވާ ދެ މީހުންގެ އަންނައުނު ފެނިފައިވާ ކަން ވެސް ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށް އެ ހުކުމްގައިވެއެވެ.

މަސްތުވާތަކެތި ފެނުނު ދަބަސް ފުލުހުން އަތުލައިގަތް އިރު އެ ދަބަސް ހުރީ ބަނދަރުމަތީގައި ކަމަށްވާއިރު އެ ދަބަސް މަލް އާއި އޭނާގެ އެކުވެރިޔާ ގެންގުޅުނު ކަން އެއްވެސް ހެކިވެރިޔަކު ބުނެފައި ނުވާ ކަމަށް ވެސް ހުކުމުގައި ވެއެވެ.

އެ ދަބަސް ހުރީ ތަޅުނުލާކަން އެނގެން ހުރިއިރު އެ ދަބަހަށް ކޮންމެ މީހަކަށް ވެސް އެއްޗެއް ލުމުގެ ފުރުސަތު އޮތް ކަމަށް އެ ހުކުމްގައިވެއެވެ.

އެހެންކަމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މަލް އާއި އޭނާގެ އެކުވެރިޔާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަގު ހެކި ނެތުމުން ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް އިއްވާފައެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާ ގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 100،000 ރުފިޔާ އާއި 10،000،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް