އެއްޖިންސުން ގުޅުން ހިންގި މައްސަލަ ތަހުގީގު ކުރަނިކޮށް ރާއްޖެއިން ފުރި މީހުން ހޯދަނީ

ބަންގްލަދޭޝްގެ އަލަމްގީރް

އެއްޖިންސުން ގުޅުން ހިންގިކަމުގެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ތުހުމަތު ކުރެވޭ ބައެއް މީހުން ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ލީކުކޮށްލާފައިވާއިރު، ފުލުހުން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންދާކަމަށް ބުނެފައެވެ.

އެ ތަހުގީގުގައި ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހޯދައި އެމީހުން ފުރުން މަނާކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ފުރާފައިވާކަމަށް މިއަދު ފުލުހުން ބުންޏެވެ.

ނަމަވެސް އެމީހުންގެ މައްސަލަތަކުގެ ތަހުގީގު ދަނީ ކުރަމުން ކަމަށާއި ތަހުގީގު ތެރެއިން އެމީހުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ދަަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އަލަމްގީރު ހުރީ ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލަ މިހާރު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވާފައެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތަށް ކަސްޓަމްސްގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކާއި ބައެއް ސްކޫލްތަކުގެ ޓީޗަރުން ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ރާފިއުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ހުޅުމާލޭ މިސްކިތެއްގެ އިމާމަކަށް ވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުކޮށްފައެވެ.

އެ މައްސަލާގައި އެންމެފަހުން ސަސްޕެންޑުކޮށްފައި ވަނީ އެމްއެންޑީއެފްގެ މީހެކެވެ.

comment ކޮމެންޓް