ޕީއެންސީގެ ހުސްވެފައިވާ ދިއްގަރު ދާއިރާގެ ރައީސްގެ މަގާމު ހިމެނޭހެން، އެ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުކަމަށް ލާން ހުޅުވައިލައި، އަންނަ ސެޕްޓެމްބަރު މަހުގެ މެދުތެރޭ ޕީއެންސީގެ ކޮންގްރެސް ބާއްވަން އެ ޕާޓީން ނިންމައިފިއެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، ޕީއެންސީގެ ދާއިރާތަކަށް މިއަދުން ފެށިގެން މި މަހުގެ 30ވަނަ ދުވަހު އިރުއޮއްސި ހައެއް ޖަހަންދެން ކުރިމަތިލެވޭނެ ކަމަށާއި، ކުރިމަތިލެވޭނީ މިއަދާ ހަމައަށް އެ ޕާޓީގައި ތިބި މެންބަރުންނަށް ކަމަށެވެ.
އަންނަ ޖުލައި މަހުގެ 11ވަނަ ދުވަހު އޮންނަ އެ އިންތިޚާބުގައި ވޯޓުލެވޭ މެންބަރުންގެ ވަގުތީ ލިސްޓު އެ މަހުގެ ފުރަތަމަ ދުވަހު އާންމުކޮށް، ޝަކުވާ ހުށަހަޅަން ތިން ދުވަސް ދޭނެ ކަމަށާއި، ހަތަރުވަނަ ދުވަހު ދާއިމީ ލިސްޓު އާންމުކުރާނެ ކަމަށް، ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ހަމައެއާއެކު ދާއިރާގެ ރައީސުންނާއި ނައިބުން އިންތިޚާބުކުރާނީ މަގާމުތައް ނެތް ދާއިރާތަކަށް އެކަނި ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުން، ދާއިރާގެ ރައީސުންނަކީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލުކުރާ މެންބަރުން ނަމަ، އެ މެންބަރުންނެވެ. ނަމަވެސް، ދާއިރާއެއްގެ ރައީސަކު ޕާޓީއަށް ގެއްލުންވާ ފަދަ ގޮތަކަށް އަމަލުކުރާކަން ޕީއެންސީގެ ލީޑާޝިޕަށް ފާހަގަވެއްޖެނަމަ، ދާއިރާގެ ރައީސް މަގާމުން ވަކިކުރުމުގެ އިޚްތިޔާރު ލީޑާޝިޕަށް ލިބިގެންވާ ކަމަށް، ގަވައިދުގައި ވެއެވެ.
އެކަން ފާހަގަކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށް ވިޔަސް، ދާއިރާގެ ރައީސްކަމުން ވަކިކުރެވިފައި ކަމަށް ވާނަމަ ދާއިރާގެ ރައީސުން އިންތިޚާބުކުރާނެ ކަމަށެވެ.
ޕީއެންސީގެ ކޮންގްރެސްއާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކޮންގްރެސް ބޭއްވުމަށްޓަކައި 13 މެންބަރުންގެ ކޮމިޓީއެއް ވަނީ އެކުލަވައިލާފައެވެ. ކޮމިޓީއާ ގުޅޭ މާ ބޮޑު ތަފުސީލެއް ޢަބްދުއްރަޙީމް ނުދެއްވި ނަމަވެސް، ޕީއެންސީގެ ލީޑާޝިޕްގައި ތިއްބަވާ ބޭފުޅުން އެ ކޮމިޓީގައި ތިއްބަވައެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ، ޕީއެންސީގެ ކޮންގްރެސް އޮންނާނީ ސެޕްޓެންބަރު މަހުގެ 15ވަނަ ދުވަހުން 18ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ދާއިރާތަކުގެ ރައީސުން އިންތިޚާބުކުރުން ޖުލައި މަހުގެ 11ވަނަ ދުވަހު އޮންނައިރު، ފާހަގަކުރެވޭ ގޮތުގައި ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން އެ ދާއިރާގެ މަޖިލިސް މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަނީ ވަކިކޮށްފައެވެ. އެކަމަކު އޭގެ ތަފުސީލު ދޭން އެ ޕާޓީން ވަނީ ދެކޮޅު ހަދައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ޕީއެންސީގެ ކޮންގްރެސް ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ އޮކްޓޯބަރު މަހަށެވެ. އެކަމަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިގެން ކޮންގްރެސް ބާއްވާ ތާރީޚް ވަނީ ސެޕްޓެންބަރު މަހަށް އަވަސްކޮށްފައެވެ.