އެމްއެމްޕީއާރުސީގެ ހިޔާނާތް ފެށީ ރިޔާސީ އިންތިހާބަށް ޔާމީން ނެގި ދަރަނި ދެއްކުމަށް: ނާޒިމް

ޔާމީން އަދި ނާޒިމް ----

ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް (އެމްއެމްޕީއާރުސީގެ ހިޔާނާތް) ފެށުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު އެކި މީހުންގެ އަތުން ނެންގެވި ފައިސާ ދެއްކުމުގެ ގޮތުން ކަމަށް އޭރު އެމަނިކުފާނުގެ އެންމެ އަރިސް އެއް ބޭފުޅާ އަދި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް އެހެން ވިދާޅުވެފައިވަނީ ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ފަށާފައިވާ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ހެކިވެރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުންނެވެ.

އާރަށު މައްސަލައިގައި ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސާލަގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވަނީ ރައީސް ޔާމީންއާ ބައްދަލުވެ ދެ މީހުންގެ ދެމެދުގައި އުފެދުނު ގުޅުން ނިމުމަކަށް އައި ވާހަކަތައް ވެސް ކިޔައިދެއްވާފައެވެ. އަދި ރައީސް ޔާމީންގެ އެންމެ އަރިހުގައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ފެންމަތިވި ހިޔާނާތުގެ ހެކިތަކެއް އެމަނިކުފާނުގެ ސަމާލު ކަމަށް ގެނައި ކަމަށް ވެސް ވިދާޅުވެފައެވެ.

އެގޮތުން ދަރަނި އަދާކުރެއްވުމަށް 'ސެކޭމް' ފެށި ގޮތް ނާޒިމް ކިޔައިދެއްވިއެވެ. އަދި 2013ގެ ރިޔާސީ އިންތިހާބަށް ދަރަންޏަށް ފައިސާ ނަގާފައިވަނީ ބޮޑެތި ވިޔަފާރިވެރިންގެ އަތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ފައިސާ ހޯދުމަގައާއި ފައިސާ ރައީސް ޔާމީން އޭރު ދިރިއުޅުއްވި މއ. ދޫވެއްސައް ފައިސާ ގެނައުމުގައި އިސްކޮށް އުޅުއްވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ކަޅު ކުލައިގެ ދަބަހަކަށް އަޅައިގެން އަދީބު ގެނައި ވިދާޅުވީ މިއީ 15 މިލިއަން ރުފިޔާ ކަމަށް," ނާޒިމް ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.

"އާންމު ގޮތެއްގައި ފައިސާ ހޯދަމުން ދިޔައީ ޗެކް ދީފަ. ޗެކް ދީފަ އަނބުރާ ފަހުން ދައްކާ ގޮތަށް ފައިސާ ހޯދަމުން ދިޔައީ. އެގޮތުން އެ ފައިސާ އަކީ ވެސް އެގޮތަށް ޗެކެއް ދީފައި ހޯދި ފައިސާ," ނާޒިމް ވިދާޅުވިއެވެ.

އެގޮތުން ވިޔަފާރިވެރި އަތުން ނެގި ފައިސާ ދެއްކުމަށް ދައުލަތުން ރައްޔިތުންގެ ފައިސާ ނަގާފައިވާ ކަމަށް ނާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ. އެކަމުގެ ހެއްކާއި އެކު ލިބުނު ލިޔުންތައް ހިފައިގެން ރައީސް ޔާމީން އަރިހަށް ގޮސް އެ ވާހަކަ ދެންނެވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ލިބުނު މައުލޫމާތަކީ އެމްޕީއެލް އިން ފަސް މިލިއަން ޑޮލަރަށް ފަހުން ދެއްވާ ގޮތަށް އެއަށްވާ ރުފިޔާ އެތަނުން ނަންގަވާފައިވާ ކަމަށް," ނާޒިމް ވިދާޅުވިއެވެ.

އަނބުރާ ޑޮލަރު ދޭ ގޮތަށް ފައިސާ ނެގުމަކުން މައްސަލައެއް ނެތްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ, މައްސަލައަކަށްވީ އެ ނެގި ފައިސާ ޖަމާކޮށްފައިވަނީ ޝައްކު އުފެދޭ އެކައުންޓްތަކަށް ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބަށް ފައިސާ ނެންގެވި ވިޔަފާރިވެރިއެއްގެ އެކައުންޓް ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެކަމުން ނާޒިމަށް ދޭހަވާ ކަންކަން އޭނާ ކިޔައިދެއްވިއެވެ.

"ރިޔާސީ އިންތިިހާބަށް އަހްމަދު އަދީބް އަބްދުالله ޔާމީނަށް ގެނައި ފައިސާ އަދާކުރަން މި ފެށީ ދިވެހި ރައްޔިތުންގެ ފައިސާއިންނޭ. ތެދެއް 100 ޕަސެންޓް ރައްޔިތުން ހިއްސާވާ ކުންފުންޏެއް އެމްޕީއެލް އަކީ. އެމްޕީއެލްއިން އެ ފައިސާ ނަގައިގެން އަބްދުالله ޔާމީންގެ ރިޔާސީ އިންތިހާބުގެ ދަރަނި އަދާކުރަން ފެށީމަ އަޅުގަނޑު ގޮސް އެ ވާހަކަ ދެންނެވީ," ނާޒިމް ވިދާޅުވިއެވެ.

އެވާހަކަތައް ރައީސް ޔާމީންއާ ހިއްސާ ކުރެއްވީ ރައްޔިތުންގެ ފައިސާ އިން ރިޔާސީ އިންތިހާބުގެ ފައިސާ ނުދެއްކެވޭނެ ކަން ގަބޫލު ކުރައްވާތީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ފައިސާ ބަލާ ފޮނުވަނީ އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެމްޕީއެލް އިން ނެގި ފައިސާ ރައީސް ޔާމީންއަށް ލިބިފައި ނުވާކަން އެ ދުވަހު އެމަނިކުފާނު ވިދާޅުވި ކަން ނާޒިމް ފާހަގަކުރެއްވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން އެއްވެސް ވާހަކައެއް ދައްކަވާފައެއް ނުވެއެވެ.

ނާޒިމާއި ޔާމީނަކީ ޒަމާންވީ ދެ އެކުވެރިންނެވެ. ކުރިން އެކުގައި ސަރުކާރުގައި މަސައްކަތް ކުރެއްވިއިރު ސިޔާސީ ގޮތުން ޕާޓީއެއް އުފައްދަވައިގެން ވެސް މަސައްކަތް ކުރެއްވީ އެކުގައެވެ. ޔާމީންގެ ވެރިކަމުގައި ދެބޭފުޅުންގެ ގުޅުން ހީނަރުވިއިރު ސުޕްރީމް ކޯޓުގެ ހުކުމަކުން ނާޒިމް 25 އަހަރަށް ޖަލަށް ވެސްލިއެވެ. އެ ހުކުމް ބާތިލް ކުރީ މިސަރުކާރު ވެރިކަމަށް އައިފަހުންނެވެ.

comment ކޮމެންޓް