އެއްޖިންސުން ގުޅުން ހިންގި ސިފައިންގެ މީހާ ސަސްޕެންޑް ކުރިކަން އެނގިފައެއް ނެތް: ހަނާ

ބަންގްލަދޭޝްގެ އަލަމްގީރް

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގި ސިފައިންގެ މީހާ ސަސްޕެންޑް ކުރިކަން އެނގިފައިނުވާ ކަމަށް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން ހަނާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާ އާއި މީޑިއާ ތަކުގައި އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ އަލަމްގީރުއާއެކު ސިފައިގެ މީހަކު އެއްޖިންސުން ގުޅުން ހިންގި ވާހަކައެވެ. އެ ސިފައިންގެ މީހާ ސަސްޕެންޑް ކުރި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާބެހޭ ގޮތުން މިއަދު ހެނދުނުން ފެށިގެން "ސަން"އިން ވަނީ ކެޕްޓަން ހަނާއާ ގުޅައިގެން އެކަމުގެ ސައްޙަ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކޮށްފައެވެ. ހެނދުނު ގުޅުމުން ހަނާ ވިދާޅުވީ އެފަދަ ކަމެއް އޭނާއަށް އެނގިފައި ނުވާ ކަމަށެވެ.

ހަނާއަށް އެފަދަ ކަމެއް އެނގިފައިނުވާ ކަމަށް ވިދާޅުވުން، މީސް މީޑިއާ އާއި މީޑިއާ ތަކުގައި މި ވާހަކަ ދެކެވޭ ދެކެވުމާ ގުޅޭ ގޮތުން "ސަން"އިން އިތުރަށް ސުވާލު ކުރީމެވެ. އަދި އެ މައުލޫމާތު މީޑިއާއަށް ސިއްރު ކުރަނީ މުއައްސަސާ ބަދުނާމުވެދާނެތީތޯ ވެސް ސުވާލު ކުރީމެވެ.

"ތިކަމާ ބެހޭ ގޮތުން އިތުރު ކޮމެންޓެއް ކުރަން އަޅުގަނޑު ބޭނުމެއް ނޫން،" ހަނާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ އަލަމްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އަލަމްގީރު ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.

އެ މީހުންގެ އިތުރުން ލިވާތުކުރުމުގެ އެހެން މައްސަލައެއްގައި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް ވެސް ބަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް