ޓެކްސީ ޑްރައިވަރަކާ ގުޅިގެން، ހަށިވިއްކުމަށް ހާއްސަ ޓެކްސީއެއް ގެންގުޅެފައިވޭ: ފުލުހުން

ސައިބާ ކްރައިމް ސެންޓަރުގައި މަސައްކަތް ކުރައްވާ އިންސްޕެކްޓަރު އޮފް ޕޮލިސް އައިމިނަތު މުހައްމަދު -- ސަން ފޮޓޯ/ މޫސާ ނަދީމް

ހަށިވިއްކުމާއި މިފަދަ ކުށްތަކަށް އަރައިގަތުމަށް ތައްޔާރުކޮށްފައިވާ ޓެލެގްރާމް ޗެނަލެއް ފުލުހުން މިފަހުން އަތުލައިގެންފައި ވާއިރު، މި ޗެނަލުން ހަށިވިއްކުމަށް ޚާއްސަކޮށް ޓެކްސިއެއް ގެންގުޅެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ހިންގަމުން އައި ޓެލެގްރާމް ޗެނަލްތަކެއް އަތުލައިގަނެ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައިބާ ކްރައިމް ސެންޓަރުގައި މަސައްކަތް ކުރައްވާ އިންސްޕެކްޓަރު އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވީ، ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކުމަށް ގެންގުޅުނު ހާއްސަ ޓެކްސީއަކީ ޓެކްސީ ދަތުރު ކުރަން ބޭނުންކުރާ ޓެކްސީއެއް ކަމަށެވެ.

"...މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން މި ޓެކްސީ ބޭނުން ކުރާކަން، ޓެކްސީ ޑްރައިވަރާ ގުޅިގެން މިކަން ކުރާކަން ފާހަގަ ކުރެވިފައި ވަނީ،" އޭނާ ވިދާޅުވިއެވެ.

އެގޮތުން ހަށިވިއްކުމަށް ޓަކައި މި ޓެކްސީގައި މީހުން ތަންތަނަށް ދަތުރު ކޮށްފައިވާކަން ފާހަގަ ކުރެވޭކަމަށް އައިމިނަތު މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ޗެނަލްތަކުގައި 7000އަށްވުރެ ގިނަ ފޮލޯވަރުން ތިބި ކަމަށެވެ. އަދި މި ޗެނަލްތައް ބޭނުންކޮށްފައި ވަނީ ހަށިވިއްކުމާއި ޑްރަގްގެ މުއާމަލާތްތަކަށް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ޗެނަލް އެންމެ ބޮޑަށް މަގުބޫލުވެފައި ވަނީ ޑިސެމްބަރު، ޖެނުވަރީ އަދި ފެބްރުއަރީ މި ތިން މަހުއެވެ.

"...ހަށިވިއްކުމާ އަދި އެހެނިހެން ކަންތައްތަކަށް މަގު ފަހި ކުރުވުމަށް ވެސް ޕޯސްޓުތައް އިޝްތިހާރުކޮށް މިކަންކަން ހިންގާފައި ވަނީ މެންދުރު ގަޑީގައި ކަން ފާހަގަކުރެވޭ،" އައިމިނަތު މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ދިވެހިންނާ ބިދޭސީން ހިމެނޭހެން ރާއްޖޭގައި މިހާތަނަށް ހިންގި މިފަދަ އެންމެ ބޮޑު ޗެނަލް ކަމަށެވެ.

comment ކޮމެންޓް