ބަޔަކަށް ޖިންސީ ގުނަވަން ދެއްކި އިންޑިއާ މީހަކު ހިފަހައްޓާ ފުލުހުންނާ ހަވާލުކޮށްފި

ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި ހިފެހެއްޓި މީހާ -- ސަން ފޮޓޯ

މާލޭ މަސްވެރިންގެ ޕާކުތެރެއަށް ވަދެ، އެތަނުގައި ތިބި ބަޔަކަށް ޖިންސީ ގުނަވަން ދެއްކި އިންޑިއާ ފިރިހެނަކު ހިފަހައްޓާ ފުލުހުންނާ ހަވާލުކޮށްފިއެވެ.

މަސްވެރިންގެ ޕާކު ތެރޭގައި ތިބި ބަޔަކަށް ޖިންސީ ގުނަވަން ދައްކަން ފެށުމުން އެ ސަރަހައްދުގައި ތިބި އާންމުން އެ މީހާ ހުއްޓުވައި ފުލުހުންނާ ހަވާލުކުރީ ރޭ މެންދަމުން އަލިވެ، 2:30ހާއިރުއެވެ.

މަސްވެރިންގެ ޕާކަށް އާއްމުކޮށް ގޮސް އުޅޭ، މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ މިއީ އެމީހާ ޖިންސީ ގުނަވަން ދެއްކި ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

"އެމީހާ މީގެ ދެތިން ރޭ ކުރިން މި ސަރަހައްދަށް އައިސް މިތަނުގައި ތިބި އަންހެނުންތަކަށް ވެސް ޖިންސީ ގުނަވަން ދެއްކި. އެރޭ ހަޅެއްލަވާ ގަތީމަ ފިލައިގެން ދިޔައީ. މިހިސާބުގަނޑުގައި އުޅޭ އާއިލާތައް ވެސް މި ޕާކަށް ވަރަށް ގިނައިން އަންނާނެ. މިއީ ކިހާ މުޑުދާރު ކަމެއް،" މައުލޫމާތު ދިން މީހާ ބުންޏެވެ.

މި ނޫހުން ސުވާލުކުރުމުން އޭނާއަކީ އިންޑިއާ މީހެއް ކަމަށް ބުނެ، އެ މީހުން ކުރާ ތުހުމަތު އޭނާ ދޮގުކުރިއެވެ.

ޖިންސީ ގުނަވަން ދެއްކި މައްސަލައިގައި ހިފެހެއްޓި މީހާ "ސަން"އާ ވާހަކަ ދައްކަނީ -- ސަން ފޮޓޯ

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ. ނަމަވެސް ސަންގެ ނޫސްވެރިންނަށް ވަނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައެވެ.

މިހާރަކަށް އައިސް އަންހެނުންނަށާއި ކުޑަކުދިންނަށް ޖިންސީ ގުނަވަން ދެއްކުމާއި ޖިންސީ ފުރައްސާރަ ކުރުމާއި ބަދުއަޚުލާގީ ޢަމަލުތައް ރޯމާ ދުވާލު އެންމެންނަށް ފެންނަ ގޮތަށް ހިންގުމަކީ އާއްމުކަމެކެވެ.

އެގޮތުން މިއަހަރުގެ ކުރީކޮޅުގައި މާލޭގައި މިސްކިތަކަށް ދިޔަ އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖަކަށް ވެސް ޖިންސީ ގުނަވަން ދެއްކި ބިދޭސީއަކު ހައްޔަރުކޮށްފައިވެއެވެ.

comment ކޮމެންޓް