ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ބޭރުގެ މަސްދޯންޏަށް ހުއްދަ ދޫކުރާނެ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަން ބޭރުގެ މަސްވެރި އުޅަނދުތަކަށް ފިޝަރީސް މިނިސްޓްރީން ހުއްދަ ދިނުމުގައި އަމަލު ކުރާނެ ގޮތާ ގުޅޭ ގަވާއިދެއް އެކުލަވާލައި، އާންމުކޮށްފިއެވެ.

ފިޝަރީސް މިނިސްޓްރީން އިއްޔެ ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރު ރިޕޯޓުކުރުމެއް ނެތި، ގާނޫނާއި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ ގުޅޭ ގަވާއިދު ގެޒެޓުކޮށްފައެވެ.

އެ ގަވާއިދުގައިވާ ގޮތުން، ބޭރުގެ މަސްވެރި އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ނުވަތަ ހުރަސްކޮށްފައި ދިއުމުގެ 96 ގަޑިއިރު ކުރިން ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. އެ ހުއްދަ ހުށަހަޅަން ވާނީ އުޅަނދުގެ ވެރިފަރާތް ނުވަތަ އޮޕަރޭޓަރުގެ ފަރާތުންނެވެ.

އެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން ފޯމެއް މެދުވެރިކޮށެވެ. އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި އުޅަނދުގެ ފަޅުވެރިންގެ މައުލޫމާތާއި އުޅަނދުގައި ހަތިޔާރު ނުވަތަ ގޮވާއެއްޗިހި ހުރި ނަމަ އެތަކެއްޗާ ގުޅޭ މައުލޫމާތު ހިމެނެއެވެ.

އެ ފޯމު ހުށަހަޅާތާ 48 ގަޑިއިރުގެ ތެރޭގައި އެ އުޅަނދަކަށް ހުއްދަ ދިނުމާ ބެހޭ ގޮތުން މިނިސްޓްރީން ގޮތެއް ނިންމައި، އެކަން އަންގަން ވާނެ ކަމަށް ގަވާއިދުގައިވެއެވެ. އެގޮތުން ނިންމިދާނެ ތިން ގޮތަކީ އިންސްޕެކްޝަނަކާ ނުލައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަން ހުއްދަ ދިނުން ނުވަތަ އިތުރު މައުލޫމާތަށް އެދުން ނުވަތަ އެ ހުއްދަ ނުދޭން ނިންމުމެވެ.

ފިޝަރީސް މިނިސްޓްރީން ދޫކުރާ ހުއްދައިގައި ހިމަނަން ޖެހޭ މައުލޫމާތުގެ ތެރޭގައި އުޅަނދާއި އުޅަނދުގެ ވެރިފަރާތުގެ ނަމުގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުމަށް ހުއްދަ ދެވޭ ތާރީޚާއި ވަނުމަށް ހުއްދަދެވޭ ޖީޕީއެސް ޕޮޒިޝަން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އުޅަނދު ނިކުންނަން ޖެހޭ ތާރީޚާއި ނިކުތުމަށް ހުއްދަދެވޭ ޖީޕީއެސް ޕޮޒިޝަން ވެސް ހުއްދައިގައި ހިމަނަން ވާނެ ކަމަށް ގަވާއިދުގައިވެއެވެ.

މީގެ އިތުރުން އެ ގަވާއިދުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމުގެ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް މަސްވެރިކަން ކުރަމުން ގެންދާކަމަށް
ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ވީ ނަމަވެސް އެ އުޅަނދެއް ހުއްޓުވުމުގެ ބާރު ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޛީ އޮފިސަރުންނަށް ލިބިގެންވާ ކަމަށް ބުނެފައެވެ.

ހަމައެއާއެކު، ގަވާއިދުތަކާ ޚިލާފަށް މަސްވެރިކަން ކުރަމުން ގެންދާކަމަށް ތުހުމަތުކުރެވޭ ބޭރުގެ މަސްވެރި އުޅަނދުތަކާއެކު ހަރަކާތްތެރިވާ ނުވަތަ އެ އުޅަނދުތަކާ ގުޅިފައިވާ އުޅަނދުތައް ނުވަތަ އެ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދޭ އުޅަނދުތައް ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ހުއްޓުވިދާނެ ކަމަށް ގަވާއިދުގައިވެއެވެ.

އެ ގަވާއިދުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަންތައްތަކާ ގުޅިގެން "ގާނޫނާއި ގަވާއިދާ ޚިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސް ކުރާ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އެކުލަވައިލަން ވާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާން ކުރެއެވެ. އެ ކޮމިޓީގައި ސިފައިންގެ ކޯސްޓްގާޑާއި ފުލުހުންނާއި ކަސްޓަމްސްއާއި އިމިގްރޭޝަނާއި ފިޝަރީސް މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރަންވާނެ ކަމަށް ގަވާއިދުގައިވެއެވެ.

comment ކޮމެންޓް