ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި އޮތީ ބިރުވެރިކަމުގެ އޮއިވަރެއް ކަމަށް އެ ސަރުކާރުގެ ފޮރިން މިނިސްޓަރު، ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު އެމްއެންޕީ ވުމެންސް ވިންގުގެ ލީޑަރަކަން ހުންނެވި ދުންޔާގެ ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ މިދިޔަ ދެ ދައުރުގައި ވެރިކަން ކުރި ރައީސުން ވެސް ރައްޔިތުންގެ ކުރިމަތީގައި ބޮޑު ތަނުން ފެއިލް ވެއްޖެކަމަށެވެ.
"ހާއްސަކޮށް ގައުމަށް އެންމެ ބޮޑަށް ޣައްދާރުވި ރައީސަކީ ޔާމީން. އެމަނިކުފާނުގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަން އިންތިހާއަށް އޮތް،" ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި އަނިޔާވެރިކަން ހުރިވަރު ހާމަވަނީ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލުމުން ކަމަށެވެ. އަދި އެކަން ރައްޔިތުން ހަނދާން ނުނެތޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އޮތީ ބިރުވެރިކަމުގެ އޮއިވަރެއްގެ ގޮތުގައި ކަމަށް ދުންޔާ ސިފަކުރެއްވިއެވެ. އަދި އެކަމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ދެވަނަ ފަހަރަށް އެފަދަ ކަމެއް ރާއްޖޭގައި ތަކުރާރުވެ ދީގެން ނުވާނެ ކަމަށް ދުންޔާ ފާހަކުރެއްވިއެވެ.
ދުންޔާ މިހެން ވިދާޅުވެފައިމިވަނީ ކާނަލް ނާޒިމްއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ މަރުދުވަހާ ޖެހެންދެންވެސް ގައުމަށް ޣައްދާރުވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅުންތަކެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށެވެ.
ރައިސް ޔާމީން އެހެން ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން ކާނަލް ނާޒިމް ވަނީ ރައީސް ޔާމީނަކީ ގައުމު ދުށް އެންމެ ބޮޑު ޣައްދަރުގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އަނިޔާވެރިކަމާއި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އޮތްކަން ސާފުވާއިރު ގައުމީ ބަޠަލެއްގެ ގޮތުގައި އަމިއްލަ ފުޅަށް ރައީސް ޔާމީން ސިފަކުރައްވަނީތޯ ނާޒިމް ވަނީ ސުވާލުކުރައްވާފައެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ދުވަސް ކުޑަތަންވަމުން އަންނައިރު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.
ހަމައެއާއެކު ކާނަލް ނާޒިމް ވަނީ އެމްއެންޕީގެ ރިޔާސީ ޓިކެޓް ލިބިއްޖެނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ތައްޔާރަށް ހުރިކަން އިއުލާނުކުރައްވާފައެވެ.