ކޮއްކޮގެ ދިފާއުގައި ނަޝީދު ނިކުތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާނޫނީ ވަކީލް، އަހްމަދު ނާޒިމް އަބްދުއްސައްތާރުގެ ދިފާއުގައި އޭނާގެ ބޭބެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނިކުމެވަޑައިގަތުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް، އެމަނިކުފާނަށް އަމާޒުވާން ފަށައިފިއެވެ.

ބަދުއަޚްލާގީ ވީޑިއޯގެ މައްސަލައިގައި ނާޒިމް ހައްޔަރު ކުރީ އިއްޔެ، އއ. ވެލިގަނޑު ރިސޯޓުގައި ހުއްޓައެވެ. އެ މައްސަލައިގައި ނާޒިމް، މީގެ ކުރިން ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާނެއް ނެގުމަށްފަހު، ދޫކޮށްލީއެވެ. އެކަމަކު ނާޒިމް ރާއްޖެއިބޭރަށް ފުރުން މަނާކޮށް، ޕާސްޕޯޓު ހިފެހެއްޓިއެވެ.

ނާޒިމް، ހައްޔަރު ކުރުން، ރައީސް ނަޝީދު ސިފަ ކުރެއްވީ ޖިނާއީ އިޖުރާއަތުގެ އުސޫލުތަކާ ޚިލާފަށް ސިޔާސީ ބޭނުމެއްގައި ކުރި ކަމެއްގެ ގޮތުގައެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކުރީ ވަކިން ޚާއްސަ ތުހުމަތެއްގެ ދަށުން، ގާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.

މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކޮއްކޮއަށް ދޭންޖެހޭ ހައްގު އަދަބެއްނުދޭކަށް ނުދަންނަވާނެ ކަމަށާއި އަދި އެއްވެސް މީހަކަށް ލިބެންޖެހޭ ހައްގު އަދަބު ހުއްޓުވުމަށް ވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

މީސް މީޑިއާގައި ބައެއް މީހުން ބުނި ގޮތުގައި ވީޑިއޯއިން ފެންނަނީ ނާޒިމް ސައްތާރުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށާއި އެހެންކަމުން އާއިލާ ކިތަންމެ އިއްޒަތްތެރިޔަސް، ބޭނުންހާ ގޮތެއް ހެދުމުގެ ފުރުސަތު ދިވެހީން ނުދޭނެ ކަމަށެވެ.

ޝުއޫރު ފާޅުކުރި އިތުރު މީހަކު ބުނެފައިވަނީ އިސްލާމް، މަންމަ އަކާއި ބައްޕައެއްގެ ދެ މެދުން އުފަންވެ، އިސްލާމެއްގެ ނަމުގައި ހުރެ، ފިރިހެނަކާއެކު ބަދުއަޚްލާގީ ގުޅުން ހިންގުމުން އެކަމާ ދެކޮޅަށް އަޑުއުފުއްލަވަން ފެއްޓެވުމުން، ޔަގީން ވަނީ ރައީސް ނަޝީދަކީ ވެސް އެއްޖިންސުން ގުޅުން ހިންގުމަށް ސަޕޯޓު ކުރައްވާ ބޭފުޅެއް ކަމެވެ.

މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންދާ މީހުން ބުނީ މިފެންނަނީ ދީނަށް ފުރައްސާރަ ކުރުމުގައި އެތައް ޒަމާނެއްވަންދެން ރައީސް ނަޝީދުމެން، ހޭދަ ކުރެއްވި ކުރެއްވުމުގެ ނަތީޖާ ކަމަށެވެ.

"ކަލޭމެން ފަޞީހަތް ކުރެއްވި ގޮތް. އަމިއްލަ ކޮއްކޮ އަމިއްލަ ވެރިކަމުގަ ހައްޔަރު. އަދި ތިމާ އޭނާގެ ދިފާއުގައި ނިކުންނަން މަޖުބޫރު. އަމިއްލައަށް ހަލާކުވެދާ ގޮތް އިބުރަތަކަށް ނުފުދޭތަ،" ޝުއޫރު ފާޅު ކުރި މީހަކު ބުނެފައިވެއެވެ.

"މަނިކުފާނު ހޭރޭ ވަރަކަށް އާއިލާއަށް ލިބޭ ހިއްދަތިކަން ބޮޑުވާނެ. އެންމެ ރަނގަޅު ގޮތަކީ އަނގައިން ނުބުނެ ހުރުން،" އިތުރު މީހަކު ބުންޏެވެ.

މީސް މީޑިއާގައި ފާޑު ކިޔަމުން އަންނަ ބައެއް މީހުން ބުނެފައިވަނީ ކެނެރީގޭ މީހެކޭ ބުނުމަކީ އެއްޖިންސުން ގުޅުން ހިންގުމަށް ލިބޭ ލައިސެންސެއް ނޫން ކަމަށާއި ރައީސް ނަޝީދު އެ އުޅުއްވަނީ ވަރަށް ބޮޑަށް އޮޅިވަޑައިގެން ކަމަށެވެ.

އެހެން މީހަކު ބުނެފައިވަނީ ވެރިކަން ދެދުވަހު، ކުރެވުނީތީ، މި ގައުމަކީ އަމިއްލަ މުދާގަނޑެކޭ ހީފުޅު ކުރެއްވުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އަދި ބުނެފައިވަނީ ބައްޕަ ނަމަވެސް އެއްޖިންސުން ހިންގިކަން ފަޅާ އެރުމުން ހައްޔަރު ކުރަންޖެހޭ ކަމަށެވެ.

އިތުރު މީހަކު ބުނި ގޮތުގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އެއްބަނޑުއެއްބަފާ ކޮއްކޮއެއް ހައްޔަރު ކުރުމުން ރައީސް ނަޝީދަށް ގޯސްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ސަރުކާރުން ހިންގާ ކޯލިޝަން ކަމަށެވެ.

"އަންނިއާ ނާޒިމްއާ އުޅޭގޮތުން އަންނި މެންގެ އަމާ، ބަފާ ކިހާ ލަދެއް ގަންނާނެ. ނަމަވެސް ލިވާތު ކުރީމަ ލަދު ގަތަސް ޖަލަށް ދާން ޖެހޭނީ. ނާޒިމް ގެންދިޔައީ މިސްކިތަށް އަރާ އިންދަކާ ނޫން،" ޝުއޫރު ފާޅު ކުރި މީހަކު ބުންޏެވެ.

މީސް މީޑިއާގައި ޝުއޫރު ފާޅު ކުރި މީހުންގެ ތެރެއިން ނާޒިމް އަހްމަދު، ކިޔާ މީހަކު ބުނީ ރައީސް ނަޝީދު، އިނގިރޭސި ބަހުން ޓްވީޓް ކުރެއްވީ ބޭރުގެ ހިމާޔަތް ހޯއްދަވަން ވެގެން ކަމަށާއި ނަމަވެސް ކިތަންމެ މޮޅަށް ލިޔުއްވިޔަސް، އެމަނިކުފާނުގެ ކޮއްކޮ އަކީ އެއްޖިންސުން ގުޅުހުން ނުހިންގާ މީހަކަށް ނެހެދޭނެ ކަމަށެވެ.

"ކަލޭ ކޮއްކޮ ހައްޔަރުކުރީ ބަންގުލަދޭސް ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިނގި ކަމުގެ ހެކި ހުރެގެން އަދި ވީޑިއޯ ވެސް ހުރެގެން. ލިވާތު ކުރުމަކީ މާތްވި އިސްލާމްދީނުގައި ހަރާމްކުރެވިގެންވާ ބޮޑުވެގެންވާ ފާފައެއް. ކަލޭގެ ކޮއްކޮ، ވީމަ ހައްޔަރު ނުކޮށްފަ، އެހެންމީހުންވީމަ ހައްޔަރު ކުރުން އިންސާފުތޯ؟،" ޝުއޫރު ފާޅު ކުރި މީހަކު ބުންޏެވެ.

ޝުއޫރު ފާޅުކުރި، އެމްޑީޕީގެ އެކްޓިވިސްޓަކު ބުނީ އެ ޕާޓީގެ ރައީސް، އެފަދަ ދަށުދަރައަކަށް ވެއްޓުނީތީ، މެންބަރެއްގެ ހައިސިއްޔަތުން ވަރަށް ދެރަވެ، ލަދުގެންފި ކަމަށެވެ.

"މިއީ ލަދެއް ވެސް ގަންނަ މީހެއް ނޫން. ބަލަ ބޭފުޅާގެ ކޮއްކޮ، ވައަތު ސަންގު ނާޒިމް، އަކީ މާ ރީތި ކަމެއް ކޮށްގެން ހުރި މީހެއް ނޫން. އެއީ ލިވާތު ކޮށްފައި ހުރި ނަޖިސް މީހެއް. ނާޒިމްއަށް އިސްލާމީ ޝަރީއަތުގައި އޮންނަ އަދަބު ދޭންޖެހޭ. މީނާއަށް ސަޖިދަ ޖަހާ ބައެއް ވެސް އެބަ އުޅޭ،" ޝުއޫރު ފާޅު ކުރި އިތުރު މީހަކު ބުންޏެވެ.

ކޯޓު އަމުރުގެ ދަށުން މިހާތަނަށް ފުލުހުން ހައްޔަރު ކޮށްފައިވަނީ ގިނަ ބަޔަކާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ، ބަންގްލަދޭޝްގެ އަލަމްގީރު، އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު، އާއި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އެވެ.

ބަދުއަޚްލާގީ ވީޑިއޯތަކުގެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ އަލަމް ގީރުއެވެ. އޭނައާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އަށް ވުރެ ގިނައެވެ. އޭގެތެރޭގައި ސްކޫލްތަކުގެ ޓީޗަރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް