މިނިވަން ދުވަހުގެ ޕެރޭޑް މާދަމާ ހަވީރު ބާއްވަނީ

އެމްއެންޑީއެފް އިން ބޭއްވި ހަރަކާތެއްގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ "މިލިޓަރީ ޕެރޭޑް އެންޑް ޕްރޮސެޝަން" މާދަމާ ހަވީރު މާލޭގައި ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެ މިލިޓަރީ ޕެރޭޑް ފަށާނީ މާދަމާ ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުންނެވެ.

އެމްއެންޑީއެފްއިން ބުނީ އެ ޕެރޭޑްގައި ޖުމްލަ ހަތަރު ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިވާ ކަމަށެވެ. އަދި އެއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭއިރު، ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިލިޓަރީ ޕެރޭޑްގައި ސިފައިންގެ ކޯތަކާއި ސާވިސްތައް ރަމްޒުކޮށްދޭ ގޮތަށް ގެމަތައް އަތުރާލެވޭއިރު، އޭގެތެރޭގައި އެމްއެންޑީއެފްގެ ކޮމްބެޓް އެންޑް މެނޫވާ ފޯސްތަކާއި ސަޕޯޓް ސާވިސް ކޯތަކާއި ފަންކްޝަނަލް ކޮމާންޑްތައް ފެނިގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މީގެ އިތުރުން، ސިފައިންގެ މިލިޓަރީ ބޭންޑާއި އެމްއެންޑީއެފް ޑްރިލް ސްކޮޑާއި އަންހެން ސިފައިންގެ ގެމައަކާއި އެމްއެންޑީއެފުން ޝަރަފުވެރިކަމާއެކު ރިޓަޔަ ކޮށްފައިވާ އިސް ޚިދުމަތްތެރިންގެ ހާއްސަ ގެމައެއް ވެސް ފެނިގެންދާނެ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

އެ ޕެރޭޑްގައި ގެމަތަކާއެކު ސާވިސް އުޅަނދުތަކާ އަދި އާމަޑް ޑީޓެއިލެއް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

މިނިވަންދުވަހާއި ގުޅިގެން އެކި ޚަރަކާތްތައް ބާއްވަން ނިންމާފައިވާއިރު، ކުރިން ބާއްވަން ހަމަޖެހިފައި އޮތް މިނިވަންދުވަހުގެ ޖަލްސާ އާއި ފުޅަނދުބުރު މިހާރު ވަނީ ނުބާއްވާ ގޮތަށް ނިންމާފައެވެ.

comment ކޮމެންޓް