ބިން ސަލްމާން އެމެރިކާގެ ރައީސަށް އިންސާނީ ހައްގުތަކާބެހޭ ވަރުގަދަ ފިލާވަޅެއް ދެއްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ ހަފުތާގައި ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި އިންސާނީ ހައްގުތަކުގެ މައްސަލާގައި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންގެ ފަރާތުން ވަރުގަދަ ރައްދެއް ލިބިވަޑައިގެންނެވި ކަމަށް ވައިޓް ހައުސްއިން އެންމެފަހުން މިވަނީ އެއްބަސްވެފައެވެ.

އެއްބަސްވީ އެހެން ގޮތެއް ނެތިގެންނެވެ. އިންސާނީ ހައްގުތަކުގެ ނަމުގައި ހަދަމުންދާ ދޮގުތަކާއި ގެންގުޅޭ ދެފުށްދެގޮތް ސިޔާސަތު ބޭޒާރުވުމުންނެވެ. އެ ދެފުށްދެގޮތްކަމާ ދެކޮޅަށް އެމެރިކާގެ އެންމެ ގާތް އެއް އެކުވެރިޔާކަމަށްވާ ސައޫދީ އަރަބިޔާވެސް ފާޅުގައި ނުކުތުމުންނެވެ.

ވައިޓް ހައުސްއިން މިކަމަށް އެއްބަސްވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން މިކަން ދޮގު ކުރެއްވި ނަމަވެސް އެއީ ހަގީގަތެއްކަން ސައޫދީ މަސްއޫލުވެރިން ޚަބަރުފަތުރާ ވަސީލަތްތަކަށް ހާމަކުރެއްވުމާއެކު އެޚަބަރު މުޅި ދުނިޔެއަށް ފެތުރުމުން ބައިޑެން ހައްދަވަނީ ދޮގުކަން ސާބިތުވާން ފެށުމުންނެވެ.

އިންސާނީ ހައްގުތަކުގެ މައްސަލާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ވަރުގަދަ ރައްދެއް ދެއްވިކަން ހާމަކުރެއްވީ ޚާރިޖީ ކަންތައްތަކާބެހޭ ސައޫދީގެ ސްޓޭޓް މިނިސްޓަރު އާދިލް އަލްޖުބައިރު އެވެ. ޖުބައިރު މިކަން ހާމަކުރެއްވުމުން ލިބިވަޑައިގެންނެވި ލަދުވެތިކަމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ އެކަން އެގޮތަށް ނުހިނގާކަމަށް ވިދާޅުވެފައެވެ.

ބިން ސަލްމާން ޖިއްދާގައި ބައިޑެން އާ ބައްދަލުކުރައްވަނީ

ނަމަވެސް ފަހުން ވައިޓް ހައުސްއިންވަނީ ބައިޑެންގެ ވާހަކަތައް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުންކަމަށް ބުނެ ބައިޑެން ސައޫދީއަށް ކުރެއްވި ދަތުރުފުޅުގައި ބިން ސަލްމާންގެ ފަރާތުން ބައިޑެންއަށް ވަރުގަދަ ރައްދެއް ލިބިވަޑައިގެންނެވިކަމަށް އެއްބަސްވެފައެވެ.

ޚާރިޖީ ކަންތައްތަކާބެހޭ ސައޫދީގެ ސްޓޭޓް މިނިސްޓަރު އާދިލް އަލްޖުބައިރު ވިދާޅުވެފައިވާ ގޮތުން ބިން ސަލްމާން ބައިޑެންއަށް ވޭންދެނިވި ރައްދެއް ދެއްވީ ސައޫދީ މަޝްހޫރު ލިޔުންތެރިޔާ ޖަމާލް އަލްޚާޝުގްޖީ އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި 2018 ވަނަ އަހަރު ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ޖަރީމާގެ ފަހަތުގައި ބިން ސަލްމާން ހުންނެވިކަމަށް އެމެރިކާ ކުރާ ތުހުމަތުތަކާގުޅިގެންނެވެ.

ބިން ސަލްމާން، ބައިޑެންއަށް ރައްދު ދެއްވީ އެމެރިކާ ހިންގާފައިވާ އަދި ހިންގަމުން ގެންދާ މީހުން މެރުމާއި ހަނގުރާމައިގެ ޖަރީމާތައް ބައިޑެންއަށް ހަނދުމަފުޅުކޮށް ދެއްވައިގެންނެވެ.

އިރާގުގެ އަބޫ ޣުރައިބު ޖަލުގައި އެމެރިކާ ސިފައިން އިރާގުގެ އާންމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ ޖަރީމާތަކާއި ގުއަންޓަނާމޯ ބޭ ޖަލުގައި އެމެރިކާއިން އެތައް ސަތޭކަ ބަޔަކު މުއްދަތެއް ނެތް ގޮތަށް ޝަރީއަތަކާ ނުލައި ހައްޔަރުކޮށްގެން އެމީހުންނަށް ކުރަމުންގެންދާ ލާއިންސާނީ އަނިޔާތަކުގެ ޒިންމާ އެމެރިކާގެ އިސްވެރިން ނަންގަވާތޯ ބިން ސަލްމާން ބައިޑެން އާ ސުވާލު ކުރެއްވިކަމަށް ވެއެވެ.

ޖިއްދާގައި ބޭއްވި އަރަބި އެމެރިކާގެ ސަމިޓް

އެމެރިކާއިން ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އެފަދަ އެތައް އަމަލުތަކެއް ހުރިއިރު އެޖަރީމާތަކާ ގުޅިގެން އެމެރިކާގެ އެއްވެސް ރައީސެއްގެ މައްޗަށް ޝަރީއަތް ހިންގައި އަދަބެއް ދިންތޯ އަދި އެމެރިކާގެ ރައީސަކު އެއިން އެއްވެސް ޖަރީމާއެއްގެ ޒިންމާ ނެންގެވިތޯ ބިން ސަލްމާން ބައިޑެން އާ ސުވާލުކުރެއްވިކަމަށްވެއެވެ.

ބިންސަލްމާން، ބައިޑެންއަށް ދެންނެވި ކަމަށްވަނީ މިފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާމެދު އެމެރިކާވެސް ކަންކުރާ ގޮތަށް ޖަމާލް އަލްޚާޝުގްޖީ މަރާލި ސައޫދީ މަސްއޫލުވެރިންނާމެދު ސައޫދީ ވެސް ކަންތައް ކޮށްފައިވާނެ ކަމުގައެވެ. އެއީ ބޮޑެތި މީހުން އެކަންކަމުގެ ޒިންމާ ނުނަގައި އެކަން ކުރިމީހުން ޒިންމާ ކުރުވައި އެމީހުންނަށް އަދަބު ދިނުމެވެ.

އިރާގުގެ އަބޫޣުރައިބު ޖަލުގައާއި ގުއަންޓެނާމޯ ޖަލުގައި ހައްޔަރުކޮށްފައިވާ އަސީރުންނާ ދެކޮޅަށް އެމެރިކާ ސިފައިން ލާއިންސާނީ އެތައް ޖަރީމާތަކެއް ހިންގާފައިވާއިރު އޭގެތެރޭގައި އެއަސީރުންނަށް ޖިންސީ ގޯނާތައްކުރުމާއި ރޭޕްކުރުންފަދަ ޖަރީމާތައްވެސް ހިމެނެއެވެ.

އެޖަރީމާތަކުގެ ޒިންމާ އެމެރިކާގެ ރައީސުން ނަންގަވާފައިނުވާއިރު ސައޫދީ ކޮންސިއުލޭޓޭއްގައި ސައޫދީ ސަރުކާރަށް ނިސްބަތްވާ ބަޔަކު ޚާޝުގްޖީ މަރާލުމުން އެކަމުގެ ޒިންމާ ބިންސަލްމާން ނަންގަވަންޖެހެނީ ކީއްވެގެންތޯ އޭނާ ބައިޑެން އާ ސުވާލުކުރެއްވުމުން ބައިޑެންގެ މޫނު ތަޣައްޔަރުވެ ބައިޑެންއަށް ޖަވާބު ނުދެވުނުކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އެމެރިކާ އިސްރާއީލަށް ވާގިވެރިވާއިރު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ޒިންމާ އެމެރިކާ ނަގަންތޯވެސް ބިންސަލްމާން ބައިޑެންއާ ސުވާލުކުރެއްވިކަމަށްވެއެވެ.

މީގެ އިތުރުން ދާދިފަހުން އިސްރާއީލުން ބަޑިޖަހައި މަރާލި އަލްޖަޒީރާ ޓީވީގެ ނޫސްވެރިޔާ ފަލަސްތީނުގެ ޝީރީން އަބޫއާޤިލާގެ މަރުގެ ފަހަތުގައިވެސް އިސްރާއީލެކޭ އެއްގޮތަށް އެމެރިކާ އޮތްކަމުގެ ތުހުމަތު ކުރެވޭއިރު މިކަމުގެ ޒިންމާ އެމެރިކާގެ ރައީސްގެ ހައްސިއްޔަތުން ބައިޑެން ނަންގަވަންތޯ ބިންސަލްމާން ބައިޑެންއާ ސުވާލު ކުރެއްވިކަމަށްވެއެވެ.

މިއީ ސައޫދީއާއި އެމެރިކާއާ ދެމެދުގައި އޮންނަ ޒަމާންވީ އާދަޔާ ޚިލާފު ގާތް ރަހުމަތްތެރިކަމުގެ ތާރީޚީ ގުޅުންތަކުގައި މިހާތަނަށް ދުވަހަކުވެސް ހިނގާފައިވާ ކަންކަމެއް ނޫނެވެ. ސައޫދީ އިސްވެރިއަކު އެމެރިކާގެ ރައީސަކާ ދިމާއަށް މިމޭރުމުން މިހާ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކަން މިހާތަނަށް ކެރިފައެއް ނުވެއެވެ.

ހަމަ މިގޮތަށް ސައޫދީ ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޖަރީމާއަކާ ގުޅިގެން ބިންސަލްމާން ފަދަ ސައޫދީ އިސްވެރިއަކަށް ތުހުމަތު ކުރެވޭގޮތަށް މީގެކުރިން އެމެރިކާގެ ރައީސަކު ވާހަކަ ދައްކަވާފައެއްވެސް ނުވެއެވެ. ބައިޑެން ބިންސަލްމާން އާ ދިމާކުރިގޮތަށް ދިމާކޮށް ފާޑުކިޔާފައެއް ނުވެއެވެ.

އެހެންކަމުން މިއީ ސައޫދީ އެމެރިކާގެ ގުޅުންތަކުގައި މިހާތަނަށް ހިނގާފައިނުވާވަރުގެ އާދަޔާ ޚިލާފު ކަމެކެވެ. ބިންސަލްމާން ބައިޑެންގެ ކުރިމަތީގައި މިގޮތަށް ވާހަކަ ދެއްކެވީ ޚާޝުގްޖީގެ މަރުގެ މައްސަލާގައި ބައިޑެން ސީދާ ބިން ސަލްމާންއާ ޖައްސާލައި އޭނާ ބޭޒާރު ކުރަން އުޅުއްވުމުން ކޯފާވެގެންނެވެ. ކޮންމެހެން އެމެރިކާ ދެކެ ރުޅިއައިސްގެނެއް ނޫނެވެ. މިއީ އެމެރިކާއާއި ސައޫދީގެ ރަސްމީ މައްސަލައަކަށް ވުރެ ބޮޑަށް ބައިޑެން އާއި ބިންސަލްމާންގެ މައްސަލައެއް ކަމަށްވަނީ ބެލެވިފައެވެ.

މިގޮތުން ބިންސަލްމާންވަނީ ބައިޑެން ސައޫދީއަށް ވަޑައިގަތުމުން ވެސް ވަރަށް ދެރަވަރު ގޮތަށް ކަން ކުރައްވާފައެވެ. ޖިއްދާގައި ބޭއްވި އަަަރަބި އެމެެރިކާގެ ސަމިޓަށް ވަޑައިގެންނެވި އަރަބި ލީޑަރުން ޖިއްދާ އެއާޕޯޓަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުހަބާ ވިދާޅުވީ ސީދާ ބިން ސަލްމާނެވެ.

ޖިއްދާ އެއާޕޯޓުން ބައިޑެން އަށް މަރުހަބާ ދެންނެވީ މައްކާގެ ގަަވރުނަރު ޚާލިދު ބިން ފައިސަލް

ނަމަވެސް ބައިޑެން ޖިއްދާ އެއާޕޯޓަށް ވަޑައިގެންނެވިއިރު އޭނާއަށް މަރުހަބާ ދަންނަވަން ސައޫދީ ސަރުކާރުން ފޮނުވާފައިވަނީ މައްކާ ސަރަަހައްދުގެ ގަވަރުނަރު ޕްރިންސް ޚާލިދުއަލް ފައިސަލްއެވެ. މިއީ އެމެރިކާގެ ރައީސަކު ރިސީވް ކުރުމަށް ޓަކައި އެއާޕޯޓަށް ސައޫދީން ދުވަހަކުވެސް ފޮނުވާފައިނުވާވަރުގެ ދަށް އޮފިޝަލެކެވެ. މިިކަމުގެ ސަބަބުންވެސް ބައިޑެން އަށް ވަރަށް އަސަރު ކުރިކަމަށް ރިޕޯޓްްތައް ބުނެއެވެ.

އަނެއްކޮޅުން ބައިޑެން ވަނީ އޭނާ ސައޫދީއަށް ކުރައްވާ ދަތުރުފުޅުގައި ވަކިން ބިން ސަލްމާން އާ ބައްދަލު ނުކުރައްވާނެކަމަށާއި ބައްދަލުކުރައްވާނީ ސައޫދީ ރަސްގެފާނު ސަލްމާންއާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަރަބި ވެރިންނާއެކު ބާއްވާ ސަމިޓްގެ ތެރޭގައި އެބޭފުޅުންނާއެކު ބިން ސަލްމާން ހުންނަވައިފިނަމަ އެއީ ތަފާތު ހާލަތެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ބައިޑެން ވަނީ ސަމިޓްގައި އަރަބި ވެރިންނާއެކު ބިން ސަލްމާން އާ ބައްދަލު ކުރެއްވުމުގެ އިތުރުން އޭނާގެ ބަސްފުޅާ ޚިލާފަށް ބިން ސަލްމާންއާ ވަކިން ބައްދަލުކުރައްވަން މަޖްބޫރުވެގެން ޖިއްދާގައި އެކަންވެސް ކުރައްވާފައެވެ.

އެމެރިކާއަކީ އެމެރިކާ ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި އިސްރާއީލު ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް އެއްފަރާތްކޮށް އެކަން ފޮރުވާފައި އެހެން ގައުމުތަކުން އަދި ޚާއްސަކޮށް އެމެރިކާއާ އިދިކޮޅު ގައުމުތަކުން ހިންގާ މިފަދަކަންކަމާ ދެކޮޅަށް ވާހަކަ ދައްކައި ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިންސާނީ ހައްގުތައް ހަދައިގެން އެކަން އެހެންގައުމުތަކާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ގައުމެކެވެ.

ޓެރަރިޒަމްގެ އަމަލުތަކާމެދުވެސް އެމެރިކާ ކަންކުރަނީ މިފަދަ ދެފުށް ދެގޮތް ގޮތަކަށެވެ. އެއީ އެމެރިކާއާއި އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ އަމަލުތައް ފޮރުވާފައި އީރާން، ރަޝިއާ، ވެނެޒުއެލާ، ކިޔުބާ އަދި ލުބްނާނުގެ ހިޒްބުﷲ އާއި ފަލަސްތީނުގެ ޖަމާއަތްތައް ފަދަ އެމެރިކާ ނުރުހޭ ގައުމުތަކާއި ޖަމާއަތްތަކުގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތު އެޅުވުމެވެ.

ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެއެވެ. ކުރިން އެމެރިކާއަށް ފާޑު ކިޔަނީ މަދު ގައުމަކުންނެވެ. އެއީ ގައްޒާފީގެ ދުވަސްވަރު ލީބިޔާ އިންނާއި ސައްދާމް ހުސައިންގެ ދުވަސްވަރު އިރާގުންނެވެ. ދެން އީރާނާއި ވެނެޒުއެލާއާއި ކިޔުބާއާއި އުތުރުކޮރެއާ ފަދަ މަދު ގައުމަކުންނެވެ. ނަމަވެސް މިހާރު އެތައް ގައުމަކުން އެމެރިކާއަށް ގެންދަނީ ފާޑުކިޔައި އެމެރިކާ ބޭޒާރު ކުރަމުންނެވެ. އޭގެތެރޭގައި ރަޝިއާ، ޗައިނާ، ތުުރުކީ އަދި ޕާކިސްތާން ފަދަ އެތައް ގައުމެެއް ހިމެނެއެވެ. މީގެތެރެއިން ޗައިނާއާއި ރަޝިއާއަކީ ބޮޑެތި އަދި ބާރާއި ނުފޫޒު ގަދަ ގައުމުތަކެވެ.

comment ކޮމެންޓް