ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އައި ފަސް ފްލައިޓެއް, މޫސުން ގޯސްވުމުގެ ސަބަބުން ޑައިވާޓުކޮށްފިއެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ ޑޮމެސްޓިކް ފްލައިޓުތައް ހިމެނޭގޮތަށް މި ފްލައިޓުތައް ޑައިވާޓުކޮށްފައިވަނީ މޫސުންގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން ސްރީލަންކާގެ ފްލައިޓެއްގެ އިތުރުން މާމިގިއްޔަށް ޖައްސަންދިޔަ ފްލައިޓެއް ވެސް ވަނީ ޖެއްސޭގޮތް ނުވެގެން ޑައިވާޓުކޮށްފައެވެ.
"ވިސިބިލިޓީ ދަށްވެ ބޯޓު ނުޖެއްސުނީމަ ދެން ބޯޓު ޑައިވާޓު ކުރަނީ އެންމެ ސޭފް އެއާޕޯޓަކަށް،" ޝަމްއާން ވިދާޅުވިއެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނީ ކުރިއަށް އޮތް ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް ހަފުތާގައި ވައިގަދަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު، އުތުރާ މެދު ރާއްޖެތެރެއަށް ކަނޑު ގަދަވާނެކަމަށެވެ.
މިއަދުގެ މެންދުރުން ފެށިގެން މާލެއަށް މެދު ކެނޑުމެއް ނެތި ވަރަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. އެގޮތުން ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.