އެމެރިކާއާއި އިސްރާއީލު ބޭނުންވި ގޮތަށް އަރަބި ނޭޓޯއެއް އުފައްދަން އަރަބިންގެ ތާއީދެއް ނުލިބުނު

އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ސައުދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން --

ޖިއްދާ (17 ޖުލައި 2022): އަރަބި ނުވަ ގައުމެއްގެ ވެރިންނާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައޫދީ އަރަބިއާގައި ބޭއްވި ސަމިޓުން މާބޮޑުކަމެއް ހާސިލް ނުކުރެވި އެސަމިޓް ނިމިއްޖެއެވެ.

ސަމިޓްގެ މަގްސަދުތަކުގެ ތެރޭގައި އީރާނާ ކުރިމަތިލުމަށްޓަކައި އަރަބި ބައެއް ގައުމުތަކާއި އަރަބިންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ އިސްރާއީލު ހިމެނޭގޮތަށް އަސްކަރީ ޖަމާއަތެއް "އަރަބި ނޭޓޯއެއް" އުފެއްދުން ހިމެނޭކަމަށް އެމެރިކާގެ މަސްއޫލުވެރިންނާއި އިސްރާއީލުގެ މަސްއޫލުވެރިންނާ ހަވާލާދީ އިސްރާއީލާއި ހުޅަނގުގެ މީޑިއާތަކުން ތަކުރާރުކޮށް ބުނެފައިވީ ނަމަވެސް ސަމިޓުން ނެރުނު ބަޔާނުގައި މިފަދަ އަސްކަރީ ޖަމާއަތެއްގެ ވާހަކައެއް ނެތެވެ.

ސަމިޓަށްފަހު ދެއްވި ބަޔާނުގައި ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވީ އަރަބި ބައެއް ގައުމުތަކާއި އިސްރާއީލު ހިމެނޭގޮތަށް "އަރަބި ނޭޓޯއެއް" އުފެއްދުމުގެ އެއްވެސް ވާހަކައެއް ސަމިޓްގައި ދައްކާފައިނުވާ ކަމުގައެވެ. މީގެއިތުރުން އަރަބި ގައުމުތައް އިސްރާއީލާއެކު އަސްކަރީ ޖަމާއަތެއްގައި ބައިވެރިވުމާބެހޭ އެއްވެސް ޚިޔާލެއް އަދި ފިކުރެއްވެސް ސަމިޓަށް ހުށަހެޅިފައި ނުވާކަން ސައޫދީ ޚާރިޖީ ވަޒީރު ކަށަވަރުކޮށް ދެއްވިއެވެ.

ސަމިޓްގައި މަޝްވަރާ ކުރެވުނީ ސަރަހައްދުގެ ގައުމުތަކުގެ އަމަނާއި ސަލާމަތާ ބެހޭ ގޮތުންނާއި އެގައުމުތަކުގެ ތަރައްގީއާ ބެހޭގޮތުން ކަމަށް ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މިކަންކަމާ ގުޅިގެން ސަމިޓްގައި ބައިވެރިވި އަރަބި ގައުމުތަކާއި އެމެރިކާއާ ދެމެދު ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންނާއި އީރާނުގެ ނިއުކްލިޔާ މައްސަލަ ސުލްހަވެރިކަމާއެކު ހައްލު ކުރުމާ ބެހޭ ގޮތުން ސަމިޓްގައި މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

އަދި ސަމިޓްގައި ބައިވެރިވި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކާއި އެކައުންސިލްގައި ނުހިމެނޭ އަރަބި ގައުމުތަކާއި އެކައުންސިލްގައި ހިމެނޭ އަރަބި ގައުމުތަކުގެ ގުޅުންތައް ބަދަހިކުރުމާއި ތަރައްގީގެ ކަންކަމުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނުކަން ސައޫދީ ޚާރިޖީ ވަޒީރު ހާމަ ކުރެއްވިއެވެ.

ޖިއްދާގައި ބޭއްވި އަރަބި އެމެރިކާގެ ސަމިޓް

ޖިއްދާގެ ސަމިޓްގައި އެމެރިކާއާއެކު ބައިވެރިވެފައި ވަނީ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތައްކަމަށްވާ ކުވައިތު، ޔޫއޭއީ، ކުވައިތު، ސައޫދީ އަރަބިއާ، ގަތަރު، ބަހްރައިން އަދި އުމާންގެ އިތުރުން މިސްރު، އުރުދުން، އަދި އިރާގުންނެވެ.

މިސަމިޓްގައި އެމެރިކާގެ ފަރާތުން ރައީސް ޖޯ ބައިޑެން ބައިވެރިވެ ވަޑައިގެންނެވިއިރު ކުވައިތާއި ސައޫދީން ބައިވެރިވެފައިވަނީ އެދެގައުމުގެ ވަލީއަހްދުންނެވެ. އުމާނުން ބައިވެރިވެފައިވަނީ ޚާރިޖީ ވުޒާރާގެ މަސްއޫލުވެރިއެކެވެ. އެހެން ގައުމުތަކުން އެގައުމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަމިޓްގެ ކުރިން އެމެރިކާއާއި އިސްރާއީލުގެ ވެރިން އީރާނާ ދެކޮޅަށް ދެއްވި އިންޒާރުތަކާބެހޭ އެއްވެސް ވާހަކައެއްވެސް އަދި އީރާނާ ކުރިމަތިލުމަށްޓަކައި އަރަބި ބައެއް ގައުމުތަކާއި އިސްރާއީލު ގުޅިގެން އަސްކަރީ ޖަމާއަތެއް އުފެއްދުމުގެ އެއްވެސް ވާހަކައެއް ނެތެވެ.

އެހެންކަމުން އެމެރިކާއާއި އިސްރާއީލު އުންމީދު ކުރިގޮތަށް ސަމިޓް ނުގެންދެވުނުކަމާއި އަރަބި ނިޒާމުގެ ތެރެއަށް އިސްރާއީލު ވެއްދުމަށް ސަމިޓުގެ ތެރެއިން އެއްބަސްވުމަކަށް އައުމާއީ އީރާނަށް ބިރުދެއްކުންފަދަ ކަންކަން ސަމިޓްގެ ތެރެއިން ކުރެވޭތޯ އެމެރިކާއާއި އިސްރާއީލުގެ ވެރިން ކުރި އުންމީދުތައް ކާމިޔާބު ނުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ތެލުގެ އަގު ދަށްކުރުމަށްޓަކައި ދުނިޔޭގެ ބާޒާރަށް އިތުރަށް ތެޔޮ ނެރުމާ ބެހޭ ގޮތުން ސައޫދީ އާއި ޔޫއޭއީގެ އިސްވެރިންނާއެކު އެމެރިކާގެ ރައީސް ވަކިވަކިން ބޭއްވި ބައްދަލުވުންތައް ކާމިޔާބު ނޫންކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާގެ ރައީސް އެދިވަޑައިގެންނެވި ގޮތަށް ދުނިޔޭގެ ބާޒާރަށް އިތުރަށް ތެޔޮ ނެރެދޭނެކަމުގެ ޔަގީންކަން ސައޫދީ އާއި ޔޫއޭއީގެ އިސްވެރިން ދެއްވާފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާއާއި އިސްރާއީލު މަސައްކަތް ކުރަމުން ގެންދިޔައީ ފަލަސްތީނުގެ މައްސަލައަކީ ނެތް ކަމަކަށް ހަދާފައި ފަލަސްތީނުގެ މައްސަލަ އޮއްބާލާފައި ބައެއް އަރަބި ގައުމުތަކާއި އީރާނާދެމެދު ޒަމާނުއްސުރެ އޮންނަ ސަރަހައްދީ ވާދަވެރިކަން މައްސަލައަކަށް ހަދައިގެން އަރަބިން ބޭނުންކޮށްގެން އީރާނާ ދިމާކުރެވޭނެ ފޯމިއުލާއެއް ހޯދުމަށެވެ. ނަމަވެސް ސަމިޓްގެ ތެރެއިން މިކަންވާގޮތެއް ނުވިއެވެ.

ޚުދު އިސްރާއިލާއެކު އެންމެ ބޮޑަށް ގުޅުންތައް ބާއްވާ ޔޫއޭއީގެ ޚާރިޖީ ވުޒާރާގެ އިސް މަސްއޫލުވެރިއަކު ވަނީ ޔޫއޭއީގެ ބިން ބޭނުންކޮށްގެން އީރާނާ ދިމާކުރުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނެކަމަށް ވިދާޅުވެ ސަމިޓްގެ ކުރިން ވާހަކަ ދައްކަވާފައެވެ. އަދި ސައޫދީ ޚާރިޖީ ވަޒީރު ވެސް ވަނީ އީރާނާ ގުޅުންތައް އަލުން އުފެއްދުމަށްޓަކައި އިރާގު މެދުވެރިއަކަށް ވެގެން އީރާނާއެކު ވާހަކަދައްކަމުން ގެންދާކަން ހާމަކުރައްވާފައެވެ.

ނަމަވެސް އީރާނުން ހަތިޔާރުގެ ޓެކްނޮޮޖީ ތަރައްގީ ކުރުމާއި ސަރަހައްދުގެ ގައުމުތަކަށް ހިންގާ ބާރާއި ނުފޫޒާ ދެކޮޅަަށް އެމެރިކާއާއި ސައޫދީގެ މަސްއޫލުވެރިން ވާހަކަ ދައްކަވާފައިވެއެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ ސަރަހައްދަށް ހުރި ބިރެއްކަމަށް ބުނެފައިވާއިރު އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމަކީ ސަރަހައްދަށް އޮތް ބިރެއްކަމަށް ބުނެފައެއް ނުވެއެވެ.

އިރާގުގެ ބޮޑުވަޒީރު ވަނީ އިސްރާއީލާއެކު އެއްވެސް ގުޅުމެއް އިރާގުން ނުބާއްވާނެކަމާއި އިސްރާއީލާ ގުޅުންވާ އެއްވެސް ކަމަކަށް އިރާގު ގާތް ނުވާނެކަމަށް ވިދާޅުވެފައެވެ. އުރުދުންއާއި މިސްރުން ވެސް ވަނީ އިސްރާއީލާއެކު އަސްކަރީ ޖަމާއަތެއްގައި ބައިވެރިނުވާނެކަމަށް ބުނެފައެވެ.

އީރާނުން ވަނީ މެދު އިރުމަތީގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާކަމުގެ ތުހުމަތު އެމެރިކާއާއި އިސްރާއީލުގެ މައްޗަށް ކޮށްފައެވެ. އަދި އީރާނަށް އެއްވެސް ގޯނާއެއް ކޮށްފި ނަމަ އެފަރާތަކަށް ވޭންދެނިވި ގޮތެއްގައި ރައްދު ދޭނެކަމުގެ އިންޒާރުވެސް އީރާނުގެ މަސްއޫލުވެރިން ވަނީ ދެއްވާފައެވެ.

comment ކޮމެންޓް