އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ފުރާވަޑައިގެންފި ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ގޮތަބަޔަ މިއަދު ފުރާވަޑައިގަންނަވާނީ ސިންގަޕޫރަށް ކަމަށް އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ އިރު މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަސް ވަރަކަށް އުޅަނދާއެކު މޮޓޯކޭޑު ހަރަކާތްތެރިވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެއާޕޯޓުގެ ވީއައިޕީ ލައުންޖަށް ވަޑައިގެންނެވި ތަނާއި ލައުންޖުން ނުކުމެ ވަޑައިގަތް މަންޒަރު ފެނިފައިވެއެވެ.
ގޮތަބަޔަ ރާއްޖެއިން ފުރާވަޑައިގަތްކަން ލަންކާއާއި ދިވެހި ރަސްމީ އިދާރާއަކުން އަދި ކަށަވަރު ކޮށްދީފައިނުވެއެވެ.
ނަމަވެސް އެސޯސިއޭޓެޑް ޕްރެސްއިން ދިވެހި ސަރުކާރުގެ އޮފިޝަލުންތަކަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ގޮތަބަޔަ ވަނީ ސައުދީ އެއާލައިންސްގެ ބޯޓެއްގައި ފުރާވަޑައިގެންފައެވެ. އެ ބޯޓުގައި ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު ގޮތަބަޔަ ދެން ވަޑައިގަންނަވާނީ ސައުދީ އަރަބިއާގެ ޖިއްދާއަށް ކަމަށް ވެސް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވެއެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން ވެސް ވަނީ ގޮތަބަޔަ ދަތުރުކުރައްވަނީ ސައުދީ އެއާލައިންސްގެ ފްލައިޓެއްގައި ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ގޮތަބަޔަ އެއާޕޯޓަށް ވަޑައިގެންނެވީ އެމްއެންޑީއެފްގެ ހިމާޔަތުގައި ކަމަށް ވެސް އެ ނޫހުގައިވެއެވެ.
ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން ގޮތަބަޔަ ފުރާވަޑައިގަންނަވަނީ ޕްރައިވެޓް ޖެެޓެއްގައެވެ. އަދި އެ ޖެޓް މިއަދު ހެނދުނު ވީއައިއޭގައި ޖައްސާފައިވާކަން އެނގިފައިވާ ކަމަށް އެ ނޫސްތަކުގައިވެއެވެ.
ގޮތަބަޔަ ރާއްޖެ ވަޑައިގެންނެވީ ލަންކާ އެއާފޯސްގެ ބޯޓެއްގައި އަނބިކަނބަލުން އަޔޯމާއާއި ދެ ހަށިފާރަވެރިންނާ އެއްކޮށެވެ.
ލަންކާގައި މިދިޔަ ހަފުތާ ބަންދު ތެރޭގައި އެއް ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި މުޒާހަރާތަކާ ގުޅިގެން ގޮތަބަޔަ ވަނީ މި ހަފުތާގެ ބުދަ ދުވަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިއްޔެ އިސްތިއުފާ ދެއްވުމުގެ ބަދަލުގައި ގޮތަބަޔަ ވަނީ ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ހަވާލުކުރެއްވީއެވެ.
ލަންކާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށީ ކައްކާ ގޭހާއި ތެލާއި ބޭސް ފަދަ ޒަރޫރީ މުދަލުގެ ދަތިކަން ކުރިމަތިވުމުންނެވެ. އަދި ގޮތަބަޔައާއި ރަނިލްގެ އިސްތިއުފާއަށް ގޮވާލައި މިއަދު ވެސް އެގައުމުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.