މާލޭގައި ދިރިއުޅޭ ލަންކާގެ ރައްޔިތުން ވެސް ގޮތަބަޔާއާ ދެކޮޅަށް މުޒާހަރާކޮށްފި

މާލޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ -- ފޮޓޯ/ މިދުއަމް ސައުދު

ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން ރައީސް ގޮތަބަޔަ ރާޖަޕަކްސައާ ދެކޮޅަށް މާލޭގައި މުޒާހަރާ ކޮށްފިއެވެ.

ލަންކާގެ މީހުން މުޒާހަރާ ކުރީ، ރޭގެ ވަގުތެއްގައި ރައީސް ގޮތަބަޔަ ރާއްޖެ ވަޑައިގެންނެވި ފަހުންނެވެ. އެ މުޒާހަރާ ފެށީ މެންދުރުފަހު 15:00 ހާއިރުއެވެ.

ކާނިވާ ސަރަހައްދުގައި މުޒާހަރާ ކުރި މީހުން ގޮވާލީ ރާއްޖޭގައި ހުންނެވުމަށް ގޮތަބަޔައަށް ފުރުސަތު ނުދިނުމަށެވެ. އަދި ގޮތަބަޔަ ވަނީ ލަންކާ ބަނގުރޫޓުކޮށްފައި ކަމަށް ވެސް ބައެއް ޕޯސްޓަރުތަކުގައިވެއެވެ.

އެ މުޒާހަރާގައި ބައެއް ދިވެހީން ވެސް ބައިވެރިވިއެވެ. އަދި ގޮތަބަޔައަށް ރާއްޖެއިން ހިމާޔަތް ނުދިނުމަށް އެމީހުން ގޮވާލިއެވެ.

މާލޭގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ -- ސަން ފޮޓޯ

ނަމަވެސް މުޒާހަރާ ފެށިތާ މާގިނަ އިރުތަކެއް ނުވެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ޕޯސްޓަރުތައް އަތުލާފައެވެ. އަދި އެންމެ ފުރަތަމަ ކާނިވާ ސަރަހައްދުގެ ބަސް ސްޓޮޕް ކައިރީގައި ތިބި އެ މީހުން ސްޓޭޖު ކައިރިއަށް ފަހަތަށް ޖެއްސިއެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އެ މުޒާހަރާގެ ތެރެއިން އެއްވެސް ހަމަޖެހުމެއް ހިނގާފައިނުވެއެވެ.

ގޮތަބަޔަ ރާއްޖެ ވަޑައިގެންނެވީ މިއަދު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހުއެވެ. އަދި މިއަދު އެމަނިކުފާނު ވަނީ ރައީސް ކަމުގެ ބާރުތައް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ހަވާލުކުރައްވާފައެވެ.

ލަންކާގައި ކައްކާ ގޭހާއި ތެލާއި ބޭސް ފަދަ ޒަރޫރީ މުދަލުގެ ދަތިކަން ކުރިމަތިވުމުން އެގައުމުގެ ރައްޔިތުން ސިލްސިލާ މުޒާހަރާތައް ބާއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ބޭއްވި މުޒާހަރާތައް ހޫނުވުމުން، މިދިޔަ މެއި މަހު އޭރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވިއެވެ.

comment ކޮމެންޓް