ލިޔުންތެރިންގެ ގުޅުމުން ވާހަކަ ލިޔުމުގެ މުބާރާތެއް ބާއްވަނީ، އެއްވަނައަށް ހޮވޭ މީހަކަށް 25،000 ރުފިޔާ

ފޮތް މައުރަޒެއްގެ ތެރެއިން -- ސަން ފޮޓޯ

ދިވެހި ލިޔުންތެރިންގެ ޖަމިއްޔާ ކަމަށްވާ ލިޔުންތެރިންގެ ގުޅުމުން ބާއްވާ ވާހަކަ ލިޔުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ލިޔުންތެރިންގެ ގުޅުމުގެ ނައިބު ރައީސް ޙަސަން ޝާކިރު މުޙައްމަދު މިރޭ "ސަން"އަށް ވިދާޅުވީ ޅަޒުވާން އުމުރުފުރައިގެ ކުދިން ކިޔަން ޝައުގުވެރިވާ ފަދަ ދިވެހި ވާހަކަތައް މިހާރު ނުހުންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާއިން ބާއްވާ މުބާރާތުގެ މަގުސަދަކީ އެ އުމުރުފުރާގެ ކުދިން ކިޔުމަށް ޝައުގުވެރިވާނެ ފަދަ ވާހަކަތަކެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޮޑަށް ރާއްޖޭގެ ސަގާފަތާއި އާދަކާދައާ ގުޅޭ، ކުދިން ޝައުގުވެރިކުރުވާ ފަދަ ވާހަކަތަކެެއް އުފެއްދުން މަގުސަދަކީ،" ޝާކިރު ވިދާޅުވިއެވެ.

އެ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް އެ ޖަމިއްޔާގެ ވެބްސައިޓުން ލިބޭނެއެވެ. އެ ފޯމް ފުރިހަމަކުރުމަށް ފަހު ލިޔުންތެރިންގެ ގުޅުމަށް ހުށަހެޅުމުން އެ ޖަމިއްޔާއިން ބާއްވާ ބައްދަލުވުމަކަށް އެމީހަކަށް ދައުވަތު ދޭނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.

"މި މީޓިންގަ ކިޔައިދޭނެ މުބާރާތުގެ ގަވާއިދާއި ހުރިހާ އެއްޗެއް. ދެން އަދި ޝައުގުވެރިވާނަމަ ރަޖިސްޓްރީ މި ކުރެވެނީ،" އޭނާ ވިދާޅުވިއެވެ.

އެ މުބާރާތަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ. އަށާރަ އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ މުބާރާތުން އެއްވަނައަށް އަންނަ މީހަކަށް 25،000 ރުފިޔާ، ދެވަނައަށް އަންނަ މީހަކަށް 15،000 ރުފިޔާ އަދި ތިންވަނައަށް އަންނަ މީހަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން ލިޔުންތެރިންގެ ގުޅުމުން ހަނދާނީ ލިޔުމެއް ދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވަނަވަނައަށް ހޮވޭ ވާހަކަތައް ލިޔުންތެރިންގެ ގުޅުމުން ޗާޕުކުރާ ގޮތަށް ވެސް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް