ގާނޫނީ ވަކީލު އަޙުމަދު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިއޯއެއް ލީކުވެ، އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާތީ ޝަރުއީ ކޯޓަކުން އޭނާގެ މައްޗަށް ހުކުމެއް ކަނޑައަޅައި އޭނާގެ މައުސޫމުކަން ސާބިތުވަންދެން ނާޒިމްގެ ވަކީލުކަމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިދިނުމަށް އެދި ބާ ކައުންސިލަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ގާނޫނީ ވަކީލު އަޙުމަދު ޠާލިބު ބާ ކައުންސިލަށް ހުށަހެޅުއްވި އެ މައްސަލާގައި ނާޒިމް ސައްތާރަކީ ބާކައުންސިލުގެ ހުއްދަ ލިބިގެން ގާނޫނީ ވަކީލުކަމާއި ލޯފާމްތަކާއި އެހެނިހެން ގާނޫނީ މަސައްކަތްތައް ކުރައްވާ ބޭފުޅެއްކަމަށް ބުނެފައިވެއެވެ.
ނަމަވެސް މިހާރު އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލަތަކެއް ފުލުހުން ބަލަމުންދާތީ އާއި މުޖުތަމައު ތެރޭގައި އޭނާއާ ގުޅިގެން ދައްކަމުންދާ ވާހަކަތަކާއި ދައުރުވަމުންދާ ވީޑިއޯތަކުގެ ސަބަބުން ވަކީލުންނާމެދު މީހުން ދެކޭ ގޮތް ބަދަލުވެ، ވަކީލުންނަށް މީހުންގެ ތެރޭގައި އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށް ޠާލިބު ބާ ކައުންސިލުގެ ރައީސަށް ފޮނުއްވި ސިޓީގައިވެއެވެ.
"ނާޒިމްގެ މިފަދަ މައްސަލަތަކެއް ފެންމަތިވެ ތަހުގީގުކުރެވެމުންދާ ވަގުތެއްގައި ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް މީނާ ހާޒިރުވެ ގާނޫނީ މަސައްކަތް ކުރަމުންދާކަމަށްވާނަމަ ރާއްޖޭގެ ވަކީލުންނާއި ބާކައުންސިލާ މެދު މީހުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ވަކީލުންގެ ޕްރެޓާނިޓީގެ ހުރި މުޤައްދަސުކަމަށް ބުރޫއަރާ ތި އިދާރާއަށް ނުހަނު ބޮޑު ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިދާނެތީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުން އެދެން،" އެ ސިޓީގައިވެއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ. އޭގެ ތެރެއިން އެކަކީ ނާޒިމް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާއިރު އެ ތުހުމަތުތައް ނާޒިމް ދޮގުކުރެއެވެ.
އެކަމާ ގުޅިގެން ފުލުހުން ވަނީ އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށް ބުނެ ނާޒިމްގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ. އަދި ފުލުސް އޮފީހަށް ގެންގޮސް އޭނާއަށް ސުވާލުވެސް ކުރިއެވެ.
ނާޒިމް ސައްތާރުގެ މައްޗަށް ތުހުމަތު ކުރެވޭ ވީޑިއޯގެ އިތުރުން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއްވެސް ދައުރުވާން ފަށާފައެވެ.
އޭގެ ފަހުން ދައުރުވާން ފަށާފައިވަނީ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ.
އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ ވީޑިއޯއެކެވެ.
ކާނަލް ވަނީ ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ކޮޓަރިއަށް ދިޔަކަމަށް އެއްބަސްވެފައެވެ. އޭނާ ވިދާޅުވީ އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ބަޔަކު ދައުވަތު ދިނުމުންކަމަށެވެ. އަދި ބަދުއަހުލާޤީ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމަށް ވެސް ކާނަލް ވިދާޅުވިއެވެ.
ފުލުހުން ވަނީ އޭގެ ތެރެއިން ކޮންމެ މައްސަލައެއްވެސް މިހާރު ބަލަމުންދާ ކަމަށާއި އެކަމުގައި ހައްޔަރުކުރަން ޖެހޭ ފަރާތަތްތައް ހައްޔަރުކުރާނެކަމަށް އެކި ފަހަރުމަތިން ބުނެފައެވެ.