އެނބުރި އައިސް ހިންދެމި ނުލެވެނީސް ނިއުރޭޑިއެންޓު ގޮވައިގެން ކޯޓަށް

ނިއުރޭޑިއެންޓު ސްޕޯޓްސް ކުލަބުގެ އިސްވެރިން--- ފޮޓޯ/ ނިއުރޭޑިއެންޓު

ރާއްޖޭގައި އޮތް އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ ނިއުރޭޑިއެންޓް ދަރަނީގެ މައްސަލައެއްގައި ސަސްޕެންޝަންގައި އޮތުމަށްފަހު އެނބުރި އައިސް މާގިނަ ދުވަސްތަކެއް ނުވަނީސް އެ ޓީމު ގޮވައިގެން ކޯޓަށް ދާނެކަމަށް ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބާނީ އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ ހައްމާދު ރަޝީދު (ހަމްޕު) ބުނެފިއެވެ.

ހަމްޕު "ސަން"އާ ވާހަކަ ދައްކަމުން ބުނީ އޭނާ ނިއު ގޮވައިގެން ކޯޓަށް ދާން ނިންމީ ކުލަބު ސަސްޕެންޑު ކުރުމުން އެ ކުލަބު ނަގާ ކޮޅަށް ޖެހުމަށް ކުރަންޖެހޭ އިދާރީ ކަންކަން ކުރުމަށް އޭނާގެ އެޕާޓްމެންޓު އެ ކުލަބަށް ކުއްޔަށް ދިނުމުން އެ ކުލީގެ ފައިސާ އޭނާއަށް ލިބިފައި ނުވާތީ ކަމަށެވެ.

ހަމްޕު ބުނީ އެ ނިންމުން ނިންމަން ޖެހުނީ އެ ކުލަބުން އިތުރު ގޮތެއް އެކަމުގައި ތަނަވަސްކޮށްދީފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑަކީ ނިއުގެ ހަގީގީ ސަޕޯޓަރެއް. ނަމަވެސް މިއަދު މި ނިންމުން ނިންމަން ޖެހުނީތީ ހިތާމަކުރަން،" ހަމްޕު ބުންޏެވެ.

ކުލަބު އެންމެ ބޮޑަށް ބިކަވި ދުވަހު އަމިއްލަ އެޕާޓްމެންޓު ނިއުއަށް ދިނީ ކުޑަ އަގެއްގައި ކަމަށާއި، ކުލި ނުދެއްކިގެން ދިޔަ ހާލުގައި ވެސް އަށް މަސްދު ވަސް ވަންދެން ކުލަބުގެ ހާލަތަށް ވިސްނާފައި ކެތްކުރިކަމަށް ހަމްޕު ބުންޏެވެ.

ކުލި ނުދައްކާ ހަ މަސް ފާއިތުވުމުން ހަތްވަނަ މަހުގައި ތަން ހުސްކުރުމަށް ނޯޓިސްދީ، ޖެހިގެން އައި މަހުގައި ތަން ހުސްކޮށްފައި ނިކުތް އިރުވެސް ޓީމަށް ދެރައެއް ލިބިދާނެ އަދި މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށް ހަމްޕު ބުންޏެވެ.

"ތަން ހުސްކުރަން ނިންމީ ޓީމުގައި ކުލި ދެއްކޭނެ އެއްވެސް ގޮތެއް ނެތީމަ. ކުލި ނުދެއްކި އެޕާޓްމެންޓުގައި ތިބި އަށް މަސް ދުވަހުގައި ވެސް ލޯތްބާ އިހުތިރާމާއެކު ހެޔޮހިތުން ވާހަކަ ދެއްކިން،" ހަމްޕު ބުންޏެވެ.

ނަމަވެސް އޭނާއާއި މުޅި ޓީމު ބޭނުންވިގޮތަށް ޓީމުގެ ދަރަނި ދައްކައި ޓީމު އެނބުރި އައުމުން ފައިސާގެ ވާހަކަ ދެއްކުމާއެކު މިހާރު ކުލަބުގެ މެނޭޖުމަންޓުން ނިންމީ އޭނާއަށް ދޭންޖެހޭ ފައިސާގެ ދެބައިކުޅަ އެއްބައި ދިނުމަށްކަމަށް އޭނާ ބުންޏެވެ.

ހަމްޕު ބުނީ މީގެ ކުރިން ވެސް އޭނާ ބޭނުންވި ނަމަ ގާނޫނީ ފިޔަވަޅު އެޅޭނެކަމަށާއި އެކަން އެގޮތަށް ނުކުރީ އެންމެ ކުޑައިރުއްސުރެ ޓީމު ދެކެ ވާ ލޯތްބެއްގެ ސަބަބުން ކަމަށެވެ.

މީގެ ކުރިން ފައިސާ ދޭނެކަމަށް ބުނި ނަަމަވެސް މިހާރު އޭގެ އެއްބައި ދޭން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ދޭންޖެހޭ ފައިސާ ނުދީ ކުރިއަށް ދާން ވިސްނުން ހުރީ މެނޭޖުމެންޓުގައި. އަދި ކުރީގެ މެނޭޖުމެންޓުތަކުން ވެސް މާބޮޑު ކަމެއް ކޮށްފައެއް ނެތް އަޅުގަނޑަށް ގެއްލުމުގެ ބަދަލު ދޭކަށް،" ހަމްޕު ބުންޏެވެ.

އޭނާ ބުނީ އޭނާއަށް ލިބެންޖެހޭ ހައްގެއް ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް މިހާރު ތައްޔާރަށް ހުރިކަމަށެވެ. ހެޔޮކޮށް ކަމެއް ކޮށްދީފި މީހަކަށް ބަދަލުގައި ދެ ހެޔޮކަން ކޮށްދޭނެކަމަށް ހަމްޕު ބުންޏެވެ.

ނިއުރޭޑިއެންޓުގެ 10 ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ ޖުމުލަ 3.8 މިލިއަން ރުފިޔާ އެ ކުލަބުން ދައްކާފައިނުވުމުގެ ސަބަބުން އެ ޓީމު އެފްއޭމާއި އެ އެސޯސިއޭޝަންގެ ގުނަވަނަކުން ހިންގާ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

ނިއުރޭޑިއެންޓް ސަސްޕެންޑު ކުރީ އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 14 ވަނަ މާއްދާއިން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ސަސްޕެންޑުކުރީ މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާއާއި އުޖޫރަ ދައްކައި ޚަލާސްކޮށް ނިމެންދެނެވެ.

ނިއުއިން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހެއެވެ. އަފްޣާނިސްތާނު ޑިފެންޑަރު ހާރޫން އަމީރީއަށް މުސާރައިގެ ގޮތުގައާއި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީ 703،707 ރުފިޔާ ދޭން ފީފާއިން ވަނީ އަންގައިފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒްއަށް 511،342 ރުފިޔާ ދޭން ޖެހެއެވެ. މީގެ ތެރެއިން އަމީރީއަށް ދޭންޖެހޭ ފައިސާ ނުދޭހާ ހިނދަކު، އެ ޓީމަށް އެއްވެސް ކުޅުންތެރިއަކު ނުގަނެވޭނެއެވެ.

ނިއުއިން ކުޅުންތެރިންނަށާއި ކޯޗުންނަށް ދޭންޖެހޭ ފައިސާ ދެއްކުމުން އެ ޓީމުގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް