ނާޒިމް ސައްތާރުގެ ތަހުގީގު އަދިވެސް ނުނިމޭ، ފިޔަވަޅެއް ވެސް ނާޅާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު --- ސަން ފައިލް ފޮޓޯ

ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކް ވުމާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަންފެށިފަހުން ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އަދިވެސް ތަހުގީގު ނުނިމޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ. އޭގެން އެކަކީ ނާޒިމް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާއިރު އެ ތުހުމަތުތައް ނާޒިމް ދޮގުކުރެއެވެ. ލީކް ކޮށްލާފައިވާ ވީޑިއޯއިން ވަކިން ސާފުކޮށް މީހުން ފެނެއެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިިއަދު ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި އެކަމުގެ އިތުރު "އަޕްޑޭޓެއް" ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ނާޒިމް ހައްޔަރު ކޮށްފައިނުވާތީ ގިނަ ބައެއްގެ ނުރުހުން ފުލުހުންނަށް އަމާޒުވިއެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ބަލަންފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އެ ރޭގެ ވަގުތެއްގައި ނާޒިމް ސައްތާރު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ނާޒިމް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.

އޭރު ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް ވިދާޅުވީ އެކަމުގެ ތަހުގީގު ފަށައި އަަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ.

އެކަމާ ގުޅިގެން މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީޕީ މުޙައްމަދު ރިޔާޒު ވިދާޅުވީ, އެފަދަ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅުގައި ކަމަށެވެ.

"މިބާވަތުގެ މައްސަލައެއް ތަހުގީގުކުރުމުގައި އަޅުގަނޑުމެން ބޭނުންކުރަން ޖެހޭ ބައެއް އުކުޅުތައް ބޭނުންކޮށްގެން ތުހުގީގީ މަސައްކަތްތަކެއް ކުރެވެމުން އައި މައްސަލައެއް މިއީ," ރިޔާޒް ވިދާޅުވިއެވެ.

މިހާރު ވެސް އެ ބާވަތުގެ ވީޑިއޯތަކެއް އާންމުވަމުން އަންނަކަން ފާހަގަކޮށް ރިޔާޒު ވިދާޅުވީ, އެކަމުގައި އަޑީގައި ފަރުދާވެގެން ބަޔަކު ތިބި ކަމަށެވެ.

"މި މައްސަލައިގައި އަޅުގަނޑުމެން ވީޑިއޯތަކާ ގުޅޭ ގޮތުން މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކެއް ދެނެގަނެވިފައިވަނީ. އެ ފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގުތައް އެބަ ހިނގަމުންދޭ," ކްރިމިނަލް އިންވެސްޓިގޭޓިވް ކޮމާންޑްގެ ހެޑްގެ ގޮތުގައި ވެސް ހުންނެވި ރިޔާޒު ވިދާޅުވިއެވެ.

ވިޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަޑީގައި ތިބި މީހުން ހޯދުމުގެ މަސައްކަތުގެ އިތުރުން އެއް ޖިންސުން ގުޅިން ހިންގާ މައްސަލަ ވެސް ފުލުހުން ބަލަމުން އަންނަކަން ރިޔާޒު ވިދާޅުވިއެވެ.

ނަމަވެސް އެފަދަ މައްސަލައެއް ކުރިއަށް ގެންދެވެން އޮންނާނީ އަނިޔާ ލިބޭ ފަރާތުގެ ބަހެއް އަދި އެއްބާރުލުން ލިބިގެން ކަމަށް ވެސް އޭސީޕީ ރިޔާޒު ވިދާޅުވިއެވެ.

އެމައްސަލަ ތަކުގައި ހައި ޕްރޮފައިލް މީހުންނަށް ތުހުމަތު ކުރެވުނު ނަމަވެސް ތަހުގީގަށް ހުރަހެއް ނޭޅި ކުރިއަށް ދާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ތުހުމަތު ކުރެވޭ ވީޑިއޯގެ އިތުރުން މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރު ފެންނަ ފޮޓޯއެއްވެސް ދައުރުވާން ފަށާފައެވެ.

އެންމެ ފަހުން ދައުރުވާން ފަށާފައިވަނީ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ.

comment ކޮމެންޓް