ބަރަހަނާ ވީޑިއޯތަކުގެ މައްސަލަތަކުގައި ޢަމަލުކުރެވިދާނެ ގޮތެއް

--- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދިވެހިރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގައި ފާއިތުވި އަހަރުތަކުގެ ތެރޭގައި، ޚާއްޞަކޮށް ކަމުވޮށިވެގެންވާ މީހުނާއި، ދައުލަތުގެ މަތީ މަޤާމުތަކުގައި ތިއްބެވި ވެރިންނަށް ތުހުމަތު ކުރެވޭކަމީ، މިފަދަ ވީޑިއޯތައް މީޑިއާތަކުގައި ޢާއްމުވުމަކީ ޢާއްމުން އެކަމާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމެކެވެ. އެފަރާތްތައް އަމާޒުފަތްގަނޑަކަށްވެފައިވާ ބަރަހަނާ ވީޑިއޯތަކެއް ކަމުގައިވީނަމަވެސް މެއެވެ. އެއީ އެކުށްތަކުގެ ބާވަތުންނާއި، އެކަމުގެ ޠަބީޢަތުގެ ސަބަބުންނެވެ. ރައްޔިތުންގެ ބައިތުލްމާލުން ބައެއްފަހަރު ތަޢުލީމާއި ތަމްރީނުދީ، މަތީ ފަންތީގެ މަޤާމުތަކަށް އިސްކޮށް، އެފަރާތްތަކަށް އެހާމެ ބޮޑު ހޭދައެއް ކުރާ ފަރާތްތަކަށްވާތީއެވެ. ﷲ ގަންދީ ހުވާ މަތިމައްޗަށް ކޮށްގެން ތިއްބަވާ މަތީ މަޤާމުތަކަށް އިސްކުރެވިފައިވާ ބޭފުޅުންނަށް ވާތީއެވެ. ﷲ ޙަރާމްކުރައްވާފައިވާ ބޮޑު ފާފަތަކަށް އަރައިގަންނާތީއެވެ. އަދި އެކަންކަން ޢާއްމުވެ މުޖްތަމަޢު ފަސާދަ ވުމުގެ ސަބަބަކަށް މިކަންކަން ވާނެތީއެވެ. ބޮޑުން ކުރާ މިފަދަ ފާޙިޝް ޢަމަލުތަކަކީ، ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ޢާއްމުން ބަލައިގަނެ، ފަސާދަ ޢާއްމުވުމަށް މުޖްތަމަޢު ހޭނުމުގެ ޢަމަލަކަށް މިކަންކަން ވެދާނެކަމަށް ބެލެވޭތީއެވެ. މިދެންނެވި މޭރުމުން މުޖްތަޢުގެ ފަރުދުން ޤަބޫކުރަން އެކަށީގެންވާ ގިނަ ސަބަބުތައް އަދި ތުހުމަތުތައް ހުރިކަމަށް ބެލެވޭތީއެވެ. އަދި މިފަދަ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން، ރައްޔިތުންގެ މައްޗަށް ސިޔާސަތު ކަނޑައެޅުންދަފަ މަތީ މަޤާމުތަކަށް އެއް ހަރުފަތަކަށްފަހު އަނެއް ހަރުފަތް ގިރާކުރަމުން ގޮސް އިސްކުރެވިގެންދާތީއެވެ.

މިމައުޟޫޢުގެ ޙައްސާސްކަމުން މިތާނގައި ބައެއް މިސާލުތައް އިފްތިރާޟެއްގެ މައްޗަށް ބަލައި ހިމަނާލަމެވެ. މިސާލަކަށް؛ ކޮރަޕްޝަނާއި، ފަސާދައިގެ ތުހުމަތު ދައުލަތުގެ މަތީ މަޤާމެއްގައި ހުންނެވި ފަރާތަކަށް ކުރެވިއްޖެއެވެ. މިފަރާތުގެ މައްސަލަ ކަމާބެހޭ ފަރާތުގެ ސަމާލުކަމަށް ގެންނަ ފަރާތް ކުށްވެރިކޮށް، އެފަރާތުގެ މައްސަލަ ނުބެލުމުގެ ސަބަބުން އޭނަގެ ކުށާއި ފަސާދައިގެ ސިލްސިލާ ނިންމާލަނީ، ދައުލަތުގެ އެންމެ މަތީ ވެރިޔާ މެރުމަށް ރޭވުމާއި، ދައުލަތުގެ ހަރުމުދަލާއި ފައިސާއަށް މިލިޔަނުން ޚިޔާނަތްތެރިވިކަމުގެ ތުހުމަތު ބޮލުގައި އެޅިގެންނެވެ. އެހެން މިސާލެކެވެ. އަމިއްލަ ކުންފުންޏެއްގެ އިސްފަރާތެއް، ވަޒީފާއަށް އެދި ހުށަހަޅާ އަންހެނުންގެ މައްޗަށް ނުފޫޡު ފޯރުވައިގެން ޖިންސީ ޢަމަލު ހިންގާކަމުގެ ތުހުމަތު އެޅުނު ފަރާތެކެވެ. އެމައްސަލަ ކޮންމެވެސް ސަބަބަކާހުރެ ތަޙްޤީޤުކުރާ ފަރާތުން ނުބަލައި އޮތްވާ، ދައުލަތުން އެފަރާތަށް ދޭ މަތީ ޝަރަފެއް ދޭ ހަފްލާއަށް ތަޙްޤީޤުކުރާ ފަރާތުންގޮސް އަތްޖަހަނީއެވެ. މިފަދަ އަނެއް އިފްތިރާޟީ މިސާލަކީ، ބަނގުރާ ބޯކަމަށް ނުވަތަ މުޢާމަލާތް ކުރާކަމުގެ ތުހުމަތު ކުރެވޭ މީހަކުގެ މައްސަލަ ނުބެލުމުގެ ސަބަބުން ދައުލަތުގެ އިސް ބާރެއްގެ ވެރިއަކަށް އެފަރާތް އިސްކުރެވިގެން ދިއުމެވެ. އަދި މިސާލަކަށް؛ މީހަކު ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ އިސްފަރާތެއްގެ މައްސަލައެއް ވަޅުޖެހިފައި އޮތީއެވެ. މި ތުހުމަތުކުރެވޭ ފަރާތް އަނެއްކާވެސް ދައުލަތުގެ އިސްވެރިޔާގެ މަޤާމަށްވެސް އިސްކުރެވި ދާނެއެވެ. ވީޑިއޯއެއްގައި ފާޙިޝް ޢަމަލެއް ހިންގާ ފަރާތެކެވެ. އެއް ދުވަހު ވަޒީރަކަށް، އަދި އަދި އަނެއް ދުވަހު ރައްޔިޔުންގެ މައްޗަށް ޤާނޫނު ހަދަން އިސްކުރެވިފައި ހުރެދާނެއެވެ. މިއީ ހައްތަހާވެސް ވެދާނެ ކަންކަންކަމެވެ.

ކޮންމެއަކަސް ވެރިންކުރާ ކުށްތައް ނުބެލި ފިޔަވަޅުނޭޅުމުގެ ނަތީޖާ ހިތިކަން ފަހުގެ ތާރީޚުން އެނގެއެވެ. ދައުލަތުގައި މިފަދަ މައްސަލަތައް ބަލައި ފިޔަވަޅުއަޅަން އެތަކެއް މުއައްސަސާތައް ޤާއިމްކޮށްފައިވާއިރު، ކުޑަމިނުން އިދާރީ ގޮތުން ފިޔަވަޅެއްނޭޅި މިފަދަ ފަރާތްތަކަށް ދެވަނަ ފަހަރަށް އެފަދަ މަތީ މަޤާމުތަކަށް އިސްކުރެވޭކަމީ ޤައުމެއްގެ ނިސްބަތުންނާއި، ޤާނޫނީ ވެރިކަމާއި، ޢަދުލު އިންސާފާއި، މާތް އަޚްލާޤުގެ ނިސްބަތުންވެސް ދަށު ދަރަޖައިގެ ހިތާމަހުރި ކަމެކެވެ.

ފަހުގެ ތާރީޚެއްގައި ފެންމަތިވި މިފަދަ ވީޑިއޯ ތަކުގެތެރެއިން ވެބްކެމް ވީޑިއޯތައް ހިމެނެއެވެ. މި ވީޑިއޯ ތަކުގައި ދައުލަތުގެ އެންމެ އަބުއި އަދި އަބުރުވެރި މުއައްސަސާތަކުގެ އިސްފަރާތްތަކާއި، ކަމުވޮށިވެގެންވާ ފަރާތްތައް ހިމެނޭހެން 50 އަށްވުރެ ގިނަ ފަރާތް ވީޑިއޯތަކުން ފާހަގަވިކަމަށް ބެލެވެއެވެ. އަދި ހަމަ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިގޮތަށް ޢާއްމުވި އެއް ވީޑިއޯއަކީ ދައުލަތުގެ އިސްފަރާތެއްގެ ވީޑިއޯ އެއްކަމަށް ވަރަށްގިނަ ބަޔަކު ޤަބޫލުކުރާ ވީޑިއޯއެކެވެ.

މިދެންނެވި ވީޑިއޯތަކާއިމެދު ނަޒަރު ހިންގާއިރު ދެކަމެއް ފާހަގަ ކޮށްލަންޖެހެއެވެ. އެއްކަމަކީ، މިފަދަ ވީޑިއޯ ޢާއްމު ކޮށްގެން ނުވަތަ ޢާއްމު ކުރާނެ ކަމުގެ ބިރު ދައްކައިގެން ފައިސާ ނަގާ ފަރާތުގެ މައްސަލައެވެ. އަނެއްކަމަކީ، މިފަދަ ފާޙިޝް ޢަމަލަކަށް އަރައިގަން ފަރާތުގެ މައްސަލައެވެ. މި ދެ މައްސަލައަކީވެސް ބަލަންޖެހޭ މައްސަލައެވެ. ނަމަވެސް ކުރިން ދެންނެވި 50 ވަރަކަށް މީހުންގެ މައްސަލަ އިންޞާފުވެރިކަމާއެކު، ނުފޫޒެއްނެތި، ހަމަހަމަކަމާއެކު ދައުލަތުގެ މުއައްސަސާއަކުން ނުބެލޭނެކަން ވެބްކެމް މައްސަލަ ހިނގިގޮތް މުރާޖަޢާކޮށްލުމުން އިސާހިތަކު ޤަބޫލުކުރެވިދާނެއެވެ.

ސިޔާސީ ވެރިންނާއި މުއައްސަސާތަކުގެ ޢަމަލުތައް އިއްޔެއާއި މިއަދު ހުރިގޮތުން ނުފޫޒުން އެއްކިބާވެތިބެ މައްސަލަތައް ބެލޭނެ ކަމާމެދު ޝައްކު އުފެދެއެވެ. މިގޮތުން ކުރިން ނަންގަނެވުނު ތުހުމަތުކުރެވުނު ދައުލަތުގެ އިސްފަރާތުގެ މައްސަލައާއި ގުޅިގެން ސިޔާސީ ފަރާތްތަކުންނާއި މުއައްސަސާތަކުން ފާޅުގައާއި ސިއްރުގައި އެފަރާތް ދިފާޢުކުރީ އެކަންޏެއް ނޫނެވެ. ދައުލަތުން އެފަރާތަށް އެރުވެން އޮތް އެންމެ މަތީ މަޤާމަށްވެސް އިސްކުރުވީއެވެ. އާޚިރުގައި، އެދުވަހު އެފަރާތުގެ ދިފާޢުގައި ނުކުންނެވި ވެރިންނާއި ސިޔަސީ ފަރާތްތަކަށް ޚިޔާނަތްތެރިވެ، ޣަދަރުވެރިވެ، ބަޢާވަތްކުރަން ރޭވިކަމުގެ ތުހުމަތު ކުރެވި މަޤާމުން އެއްފަރާތްކުރެވިއްޖެއެވެ. އެއީ ހަމަ ދާދި މިދާކަށްދުވަހު ހިނގާދިޔަ ކަމެކެވެ.

މިއަދު އަނެއްކާވެސް 43 މީހެއްގެ ވީޑިއޯ އެކުލެވޭ ޖަރީމާއެއް ފެންމަތިވެއްޖެއެވެ. ކުއްލިއަކަށް ޢާއްމުންނަށް ފެނުނީ މިފަރާތްތަކުގެ ދިފާޢުގައި ބަޔަކު ނުކުތްތަނެވެ. މިފަދަ މައްސަލަތަކުގައިވެސް ވަރަށް ހަރުދަނާ ހެކި ހޯދައި ތަޙްޤީޤެއް ހިންގިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ޚާއްޞަކޮށް މަދަނީ މިންގަނޑުން މި ފަރާތްތަކާމެދު ފިވަޅު އެޅުމަށް އެކަށީގެންވާ ހެކި ހޯދޭނެކަމަށް އެއްވެސް ޝައްކެއް ނުކުރަމެވެ. ނަމަވެސް މިފަދަ ފަރާތްތަކުގެ ޖިނާއީ ތަޙްޤީޤެއް ނުފޫޒުން އެއްކިބާވެ، ޢަދުލުވެރިކަމާއި، އިންޞާފުވެރިކަމާއެކު ހިންގޭނެކަމަށް ޤަބޫލު ނުކުރެވޭ ސަބަބުތައް ވަރަށްވެސް ގިނައެވެ. ޢާއްމު ރައްޔިތުންގެ ތެރޭގައި މިފަދަ މައްސަލަތަކާމެދު ކަންބޮޑުވުން އޮތީވެސް މައިގަނޑު މި ސަބަބާހުރެއެވެ. އަދި މިހާތަނަށްވެސް ކަން ހިގަމުންދަނީވެސް މިމޭރުމުން ކަމަށްވާތީއެވެ.

އެހެންކަމުން ކުރިންވެސް ފާހަގަކުރި ފަދައިން ދައުލަތް ހިނގާ އުޞޫލަށް ރިޢާޔަތްކޮށް އަދި ދައުލަތުގެ ކުޅިބައި އަތުރާލާފައިވާ ގޮތަށް ވިސްނާއިރު، މިފަދަ ބޮޑު މައްސަލައެއް ނުފޫޒުން އެއްކިބާވެ އިންޞާފުވެރިކޮށް ބަލައި ފިޔަވަޅު އެޅިދާނެކަމަށް ޤަބޫލުނުކުރެވޭތީ، އެ ދުވަހުވެސް މިފަދަ މައްސަލަތަކުގައި ޢަމަލުކުރަން އަޅުގަނޑަށް ފެނުނު ގޮތަކީ، މިއަދުވެސް މިހިނގާ މައްސަލަތަކުގައި ޢަމަލުކުރަން އަޅުގަނޑަށް ފެންނަގޮތެވެ. އެއީ ދައުލަތުގެ މަތީ މަޤާމު ތަކުގައި ތިއްބެވި މިފަދަ ފާޙިޝް ޢަމަލުތަކަށް އަރައިގަތްކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް މަދަނީ މިންގަނޑުން ބަލައި، މަޤާމުން އެއްފަރާތް ކުރަންޖެހޭނަމަ، މަޤާމުން ވަކިކުރުމެވެ. އަދި ދުވަހަކުވެސް ދައުލަތުގެ އިސް މަޤާމަކަށް އެފަދަ ފަރާތެއް އަލުން އިސް ކުރެވިގެންވެސް ނުވާނެއެވެ. އާދެ! އޭނަގެ ކިބައިން އެފަދަ މަޤާމެއްގެ ޝަރުޠު ދާއިމަށް ނިގުޅައިގެން ނަމަވެސް މެއެވެ. އެއީ، މަތީގައި އަޅުގަނޑު ކުރިންވެސް ބަޔާންކުރި ސަބަބުތަކަށްޓަކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް