ދަރަނި ނެގުމާއި ދައުލަތުން ގެރެންޓީ ދޭއިރު މިނިސްޓަރު ތައްޔާރު ކުރާ ރިޕޯޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށް މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ބޭރުކޮށްލާފައިވަނީ ބިލު ބަލައިގަތުމާމެދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 41 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލު ބަލައިގަތުމަށް ފަސް މެމްބަރަކު ވޯޓުދެއްވިއެވެ.
އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތޯރިގު ހުށަހަޅުއްވާފައިވާ، އެ އިސްލާހުގެ މަގުސަދަކީ ކޮވިޑާއި، ރަޝިޔާއާއި ޔޫކްރޭނުގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއެކު ރާއްޖޭން ބޭރުގެ ދަރަނި ދެއްކުމަށް ކުރިއަށް އޮތްތަނުގައި ދަތިތަކެއް ދިމާވުމުގެ ފުރުސަތުތައް އޮތުމުން އެކަން ހައްލު ކުރުމެވެ.
ބިލުގައި ބުނީ ދައުލަތަށް ދަރަންޏަށް ފައިސާ ނަގަންވާނީ ނުވަތަ ސަރުކާރުން ގެރެންޓީއެއް ދޭންވާނީ އެފަދަ މުއާމަލާތެއްގެ ސަބަބުން ގައުމުގެ އިގްތިޞާދަށާއި، ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާ ކުރުމަށް ފަހު މިިނިސްޓަރު ރިޕޯޓު ކުރަންޖެހޭ ގޮތަށެވެ.
ދައުލަތަށް ދަރަންޏަށް ފައިސާ ނެގުން ނުވަތަ ސަރުކާރުން ގެރެންޓީ ދޭއިރު އެކަމަށް ކުރާ ޚަރަދުތަކަކީ ކޮންމެހެން ކުރަންޖެހިފައިވާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަކަށް، ނުވަތަ އިތުރު އާންމުދަނީއެއް އުފައްދާ ކަންކަމަށް ޚަރަދު ކުރާ ދަރަންޏެއް ކަން ޔަގީން ކުރަންޖެހޭ ކަމަށް ވެސް ބިލްގައި ވެއެވެ.
އެ ދަރަނި ނެގޭނީ ނުވަތަ ގެރެންޓީ ދެވޭނީ މަޖިލީހުން ވޯޓެއް ނެގުމަށްފަހު ފާސް ކުރުމުން ކަމަށް ވެސް އިސްލާހުގައިވެއެވެ.
ބިލްގައިވާ ގޮތުން ދައުލަތުން ދަރަންޏަށް ފައިސާ ދިނުމާ، ގެރެންޓީއެއް ދިނުމަށް ހުށަހަޅާއިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ދެކޭގޮތް ވެސް ހުށަހަޅަން ޖެހޭނެއެވެ.
ދިވެހި ދައުލަތުގެ ޖުމްލަ ދަރަނި މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު ހުރީ 98.9 ބިލިއަން ރުފިޔާގައެވެ. ޖީޑީޕީގެ ނިސްބަތުން ބަލާއިރު އެއީ 113 އިންސައްތައެވެ.