ވަކިކުރަން އުޅެނިކޮށް، ސީއެސްސީގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

ސީއެސްސީގެ ނައިބު ރައީސް އިބްރާހީމް ރަޝީދު: ވަކިކުރަން އުޅެނިކޮށް އޭނާ ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ސީއެސްސީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހީމް ރަޝީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައި ވަނިކޮށް، އޭނާ މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރަޝީދު މަގާމުން އިސްތިއުފާ ދެއްވިކަން "ސަން"އަށް ކަށަވަރުކޮށްދެއްވައި ވިދާޅުވީ، އިސްތިއުފާ ދެއްވި ވަކި ސަބަބެއް ނެތް ކަމަށެވެ.

އޭނާ އިސްތިއުފާ ދެއްވިއިރު، އިއްޔެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭނާ މަގާމުން ވަކިކުރަން ފާސްކޮށް، އެ މައްސަލަ ތަޅުމަށް ފޮނުވައިފައެވެ.

އެގޮތަށް ފާސްކުރިކަން ޔަގީންވި ނަމަވެސް، ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންދިޔައީ މައިކް އޮފްކޮށްގެން ކަމުން، ރަޝީދާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައިގެ ތަފުސީލެއް ލިބިފައިނުވެއެވެ.

ދައުލަތަށް 25 އަހަރު ޚިދުމަތް ކުރައްވާފައިވާ ރަޝީދު ސީއެސްސީގެ ނައިބަކަށް އައްޔަނުކުރީ 2020ގައެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހުގެ ނަން ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ މެންބަރުންތަކެއް ވަކިކުރަން މަޖިލީހުން މިދިޔަ ނޮވެންބަރު މަހުގެ 12ގައި ކޮމިޓީއަށް ފޮނުވިއެވެ. އެހެންނަމަވެސް ކޮމިޓީން ނިންމީ ނާސިހު ވަކިނުކުރުމަށެވެ.

އެ ކޮމިޓީން ފާސްކޮށް ތަޅުމަށް ފޮނުވި ނަންތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނަންތަކެއް ހިމެނުނުއިރު، އޭގެ ތެރެއިން ވަކިކުރަން ތަޅުމުން ފާސްކުރީ އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފެވެ. އަދި އޭގެ ތެރޭގައި ހިމެނޭ އޭސީސީގެ ދެ ބޭފުޅުން ވޯޓު ނެގުމުގެ ކުރިން އިސްތިއުފާ ދެއްވިއެވެ.

comment ކޮމެންޓް