މޫސުން ގޯސްވުމާ ގުޅިގެން ރޭ އެކަނިވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ---

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން ހިނގި ކަނޑުމަތީގެ ހަތް ހާދިސާއެއްގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ރޭ ހަރަކާތްތެރިވެފައިވާ ކަމަށް މިއަދު ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ "ކުރޫޒަރ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ކޯސްޓްގާޑަށް ރޭ 19:59 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެ ހާދިސާއަށް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ނަމަވެސް، ރޭ 20:20 ހާއިރު އެ ދޯނިން ގެއްލުނު މީހާ ފެނިފައިވާކަމަށާއި އިތުރު އެހީތެރިކަމެއް ބޭނުން ނުވާކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު ހާބާކްރާފްޓް ލޯންޗު އެހެން ހާދިސާއަކަށް އެޓެންޑު ވެފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މޫސުން ގޯސްވެ، ރޭ ހިނގި އިތުރު ހާދިސާއެއްގައި ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ "ޑެންގޫ ލޯންޗް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑުގަނދަވެ ނުދުއްވިގެން ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް ރޭ 20:15 ހާއިރު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ އުޅަނދުގެ ހާލަތު ބެލުމަށް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓް ޑައިވަރުންނާއެކު އެ ސަރަހައްދަށް ދިޔުމަށް ހަރަކާތެރިވެފައިވާ ކަމަށެވެ. އަދި ފަހުން އެ ލޯންޗުގެ ދިޔަވުން ކޮންޓްރޯލްކުރެވި، އެ ސަރަހައްދުގައި ހަދަމުންދާ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ވަދެފައިވާ ކަމަށް އުޅަނދުގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކޯސްޓްގާޑަށް ރޭ ރިޕޯޓް ކުރި އަނެއް ހާދިސާއަކީ، ކ. ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލި ހާދިސާއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ރޭ 20:40 ހާއިރު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސޮޑްރަންގެ ހާބާކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ރޭ 21:26 ހާއިރު މާލެ ގެނެސްދީފައިވާ ކަމަށާއި އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ރޭ އިތުރު ހާދިސާއެއްގައި ކ.ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ "ލަކީ ސްޓާ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވާކަމުގެ މަޢުލޫމާތު 20:08 ހާއިރު އެމްއާރުސީސީއަށް ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

އެ ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ ވެލާނާ ލޯންޗުގައި ޑައިންވަރުންނާއެކު ސްޓޭންޑްބައި ކުރެވިފައިވާ ކަމަށާއި ނަމަވެސް އެ އުޅަނދު ދިޔަވުން ކޮންޓްރޯލްކުރެވި ސަލާމަތްތެރިކަމާއެކު، ކ.ގާފަރު ބަނދަރަށް ވަދެފައިވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެމްޕީއެލް ސަރައްދުގައި އޮތް ދެ ބާޖެއް ވާ ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިވަމުންދިޔަ ކަމުގެ މަޢުލޫމާތު ވެސް ރޭ 20:49 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީއަށް ވަނީ ލިބިފައެވެ. ނަމަވެސް އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ މި ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ވަނީ ވައްދާފައެވެ.

ރޭ ކުރި ވިއްސާރާގައި އެމްޓީސީސީގެ "މަހާޖައްރާފާ" ގެ ނަގިލި ކަހާލައިގެން ފަރަކާ ކަރިވަމުންދިޔަކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ރޭ 20:50 ހާއިރު ލިބުމާ ގުޅިގެން ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން ސްޓޭންޑްބަައި ކުރެވިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި ފަރާ ކައިރިވިނަމަވެސް "މަހާޖައްރާފާ" ފަރަށް އަރާފައެއް ނުވެއެވެ.

މީގެ އިތުރުން ފަތުރުވެރިން ގޮވައިގެން ކ.ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައިވާ ފިނޮޅަކަށް ބީހުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ވަނީ ރޭ ލިބިފައެވެ. މި ހާދިސާ ހިނގުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެކި ފަރާތްތަކާ ކޯޑިނޭޓްކޮށްފައިވެއެވެ. އެ ލޯންޗުގައި ތިބި ފަތުރުވެރިން، ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި ވަނީ އެ ރިސޯޓަށް ގެންގޮސްފައެވެ.

ރޭ ކަނޑުމަތީގައި ހިނގި ހާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ދުވަސްވަރު މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރަމުން ދާތީ އެކަމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އަންގައިފައެވެ.

comment ކޮމެންޓް