ދީން ހަތިޔާރަކަށް ނަގައިގެން ސިޔާސީ ފައިދާއެއް ހާސިލްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ނުދެއްކުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެދިލައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ގާނޫނާ ބެހޭ ބިލަށް އިސްލާހު ގެނައުމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވާހަކަ ދައްކަވަމުން ވިދާޅުވީ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދެއްކުމަކީ ލާޒިމުކަމެއް ކަމަށެވެ. ނަމަަވެސް މަޖިލީހުން އެ މައްސަލަ ބަލައި ނުގަންނަކަމަށް ވިދާޅުވެ ސައީދު ވާހަކަ ދައްކަވަން ފެށުމުން އެ ވާހަކަ މެދުކަނޑާލުމަށް ނަޝީދު އެދިލެއްވިއެވެ.
ސައީދުގެ ވާހަކަ މެދުކަނޑާލުމަށްފަހު ނަޝީދު ވިދާޅުވީ ދީން ހަތިޔާރަކަށް ނަގައި ސިޔާސީ ފައިދާއަށްޓަކައި މަޖިލީހުގައި ވާހަކަ ދެއްކުމަކީ މަޖިލީހުގެ މެންބަރުންނަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭ ދެރައެއް ކަމަށެވެ.
''ދީން ހަތިޔާރަކަށް ނަންގަވައި ސިޔާސީ ފައިދާއަށްޓަކައި މަޖިލީހުގައި ވާހަކަ ދެއްކެވުމަކީ މަޖިލީހުގެ މެންބަރުންނަށް އެކަނި ލިބޭ ދެރައެއް ނޫން. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބޭ ދެރައެއް. އަޅުގަނޑު އިއްޒަތްތެރި މެންބަރުންގެ އަރިހުން އަނެއްކާވެސް ތަކުރާރުކޮށް އެދެން އެކަން އެގޮތަށް ނުކުރުމަށް،'' ނަޝީދު ވިދާޅުވިއެވެ.
ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅީ މި މަހުގެ ހަ ވަނަ ދުވަހު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
އެއީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ގައުމީ ތަރުޖަމާން ނުޕޫރު ޝަރުމާ އާއި ނިއުދިއްލީގައި ހުންނަ ބީޖޭޕީގެ މީޑިއާއާ ބެހޭ އިސްވެރިޔާ ނަވީން ކުމާރު ޖިންދާލް ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން، ސަރުކާރުން އެކަން ކުށްވެރިކުރުމަށް ގޮވާލާފައިވާ މައްސަލައެކެވެ.
އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދިނީ އެންމެ 10 މެންބަރުންނެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން ބުނެފައި ވަނީ އެ މައްސަލައަކީ ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އޭގެ ފަހަތުގައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުންކަމަށެވެ. އެހެންކަމުން މައްސަލަ ބޭރުކޮށްލަން ވޯޓު ދިނީ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ހަދަން ފުރުސަތު ނުދިނުމަށް ކަމަށް ޕީޖީން ބުންޏެވެ.